ހއ. މުރައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތް ފަށާފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން 16 ޖެނުއަރީ 2022 ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ ޖުމުލަ އަގަކީ 34.28 މިލިއަން ރުފިޔާއެވެ.
އެ މަޝްރޫއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން މިއަދު ބުނީ ބޭރު ތޮށީގެ ޕްރޮފައިލިން މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ބެޑް ޕްރިޕަރޭޝަން މަސައްކަތްތަކުގެ 55 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން 212 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 407 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 107 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި މަރާމާތުކުރުމާއި 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުން ހިމެނެއެވެ.
އޭގެ އިތުރުން ބަނދަރާއި ނެރު ފުންކުރުމާއި ރޭމްޕެއް ހެދުމާއި ވޯކްވޭ ބުރިޖެއް ހެދުމާއި ނެރުބައްތި އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަަސައްކަތް ވެސް އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވެއެވެ.