މިދިޔަ އަހަރުގެ އޯލެވެލް/އޭލެވެލްގެ އިމްތިހާނުގެ ގަދަ ދިހައެއްގައި ހިމެނުނު ކުދިންނަށް އެވޯޑް ދިނުމުގެ ހަފުލާ މި މަހު އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އޯލެވެލް އިމްތިހާނުގެ އެވޯޑް ދިނުމުގެ ހަފުލާ ބާއްވަން ހަމަޖައްސާފައިވަނީ މި މަހުގެ 17 އަދި 18 ވަނަ ދުވަހު ކަމަށެވެ. އަދި އޭލެވެލްގެ ގަދަ ދިހައެއްގެ އެވޯޑް ހަފުލާ އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު ކަމަށް މިނިސްޓްރީން ބުންޏެވެ.

މިދިޔަ އަހަރު ރާއްޖޭގައި 2،849 ދަރިވަރުން އޭލެވަލް އިމްތިހާން ހަދާފައިވާއިރު، އޭގެ ތެރެއިން 441 ކުދިން ގަދަ ދިހައެއްގައި ހިމެނެއެވެ. އަދި މިދިޔަ އަހަރު 5،939 ދަރިވަރުން އޯލެވަލް އިމްތިހާނު ހެދި އިރު، އޭގެ ތެރެއިން ގަދަ ދިހައެއްގައި ހިމެނިފައިވަނީ 844 ދަރިވަރުންނެވެ.

އޯލެވެލް އާއި އޭލެވެލް އިމްތިހާނުގައި ބައިވެރިވި ކުދިންގެ ތެރެއިން މާއްދާތަކުން އެންމެ މަތިން ހޯދި ދަރިވަރުންނާއި ދުނިޔޭގެ ފެންވަރުގެ ވަނަތަކަށް ބަލައި ވެސް އެވޯޑް ދެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމު ވެސް އެ ދަރިވަރުންނަށް ދެއެވެ.