ޓެކްނޮލޮޖީ

އެޕަލް އައިފޯނުތަކުގެ ސެކިއުރިޓީ މައްސަލަ ހައްލުކުރަން އާ ރެޕިޑް ސެކިއުރިޓީ ރެސްޕޮންސް ސިސްޓަމެއް

އާދަމް ނަސީރު

އެޕަލް އިން އައިފޯނާއި އައިޕެޑް އަދި މެކުގެ ކޮމްޕިއުޓަރުތަކަށް އާ "ރެޕިޑް ސެކިއުރިޓީ ރެސްޕޮންސް" ފޮނުވޭ ގޮތަށް މިހާރު ވަނީ އޯއެސް އަށް ބަދަލު ތަކެއްވެސް ގެނެސްފައެވެ. މި ދިޔަ އަހަރުގެ ޑަބްލިޔުޑަބްލިޔުޑީސީގައި އިއުލާނު ކުރި މި ރެޕިޑް ސެކިއުރިޓީ ރެސްޕޮންސް އިން ފޯނުތަކުގައި ނުވަތަ އެއްވެސް އޯއެސްއެއްގައި ސެކިއުރިޓީ ބާގަނޑެއް ހުރިކަން ފާހަގަވެއްޖެ ނަމަ އެކަމަށް ވަގުތުން ހައްލެއް ހޯދައިދޭނެއެވެ. މިހާރ މި ވަނީ އެ ސިސްޓަމްގައި އާންމުކޮށް ނެރުނު ފުރަތަމަ ޕެޗް ފޯނުތަކަށް ފޮނުވާފައެވެ. ފުރަތަމަ ފޮނުވި ރެޕިޑް ސެކިއުރިޓީ ރެސްޕޮންސް ޕެޗް އެޅުމުގައި ދަތިތަކެއް ދިމާވި ނަމަވެސް އެކަންވެސް ވަނީ ހައްލުކޮށްފައެވެ. އާ ޕެޗް ފޮނުވަން އުޅުމުން ބައެއް އައިފޯނުތައް އޮންލައިންކޮށް ހުރި އިރުވެސް “އޮފްލައިން” ކަމަށް ދެއްކުމުން ކުޑަ މައްސަލައެއް ދިމާވި ކަމަށް އެޕަލް އިން އެއްބަސް ވެއެވެ.

އެެހެން ނަމަވެސް އާ ޕެޗް މިހާރު ވަނީ އިންސްޓޯލްކޮށް ނިންމާފައެވެ. ރެޕިޑް ސެކިއުރިޓީ ރެސްޕޮންސް ސިސްޓަމަކީ އެޕަލްގެ އޯއެސްއަށް ނުވަތަ އެޕަލްގެ އުފެއްދުންތަކުގައި ދިމާވާ އެކިއެކި ސެކިއުރިޓި މައްސަލަތައް ހައްލު ކުުރުމަށް އުފެއްދި އާ ސިސްޓަމެކެވެ. ކުއްލިއަކަށް ފެށުނު ކަމަށް ބެލެވުނު މި ސިސްޓަމްގެ ހަމައެކަނި މައްސަލައަކީ، ބައެއް ފޯނުތަކުގައި ހުންނަ އަޕްޑޭޓްތައް އިންސްޓޯލް ކުރަން އުޅުމުން "އަންއެބަލް ޓު ވެރިފައި ސެކިއުރިޓީ ރެސްޕޮންސް" ލިޔެފައިވާ މެސެޖެކެވެ. އަދި "އައިއޯއެސް ސެކިއުރިޓީ ރެސްޕޮންސް 16.4.1(a) ވެރިފިކޭޝަން ފެއިލްވީ އިންޓަނެޓާ ގުޅިފައި ނުވާތީ" ކަމަށް ބުނެ ބައެއް ފޯނު ތަކަށް މި ޕެޗް އެޅުމުގައި ލަސްތަކެއް ވެސް ދިމާވިއެވެ.

ޓުވިޓާ، ރެޑިޓް އަދި އެހެނިހެން ޕްލެޓްފޯމްތަކުގައި މީހުން ކޮށްފައިވާ ކޮމެންޓްތައް ބަލައިލުމުން އެނގޭ ގޮތުގައި އައިފޯނު ބޭނުންކުރާ ގިނަ ބަޔަކަށް ވެސް މި މައްސަލަ ދިމާވި އެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ ހުރިހާ ފޯނު ތަކެއްގައިވެސް ހުރި ސެކިއުރިޓީ ބާގަނޑު ވަނީ ބައްދާފައެވެ. މި ރެޕިޑް ސެކިއުރިޓީ ރެސްޕޮންސަކީ ފޯނު ބޭނުން ކުރާ މީހާއަށް ސެކިއުރިޓީ ބާގަނޑު ބައްދާކަން މާ ބޮޑަށް ފާހަގަވާ ސިސްޓަމެއް ނޫން ކަމުން ގިނަ ބަޔަކަށް މި ކަން ނުވެސް އެނގިދާނެއެވެ. އެެހެން ކަމުން އޮފްލައިންގައި ހުރި ގިނަ ފޯނުތައް އިންޓަނެޓާ ގުޅުމުން ރެޕިޑް ސެކިއުރިޓީ ރެސްޕޮންސް ގެ ޕެޗް އަޕްޑޭޓްކޮށް ނިމެނޭއެވެ. އެޕަލް އިން އަދި އައިއޯއެސް ނުވަތަ އެހެން ޕްލެޓްފޯމްތަކަށް ސެކިއުރިޓީ ޕޭޖް އަޕްޑޭޓްކޮށް، ޕެޗުން ހައްލުކުރާ މައްސަލައިގެ ތަފްސީލުތަކެއް ކިޔައިދީފައެއް ނުވެއެވެ.

އެޕަލްގެ ސަޕޯޓް ޕޭޖުގައިވާ ގޮތުން މި ސެކިއުރިޓީ ޕެޗް އިންސްޓޯލް ކުރުމުން ވަރޝަން ނަންބަރަށް ފަހު އަކުރެއް އިތުރުކޮށްގެން އަޕްޑޭޓް ކޮށްފައިވާކަން ދެނެގަނެވޭއެވެ. މިކަމާ ގުޅިގެން އެޕަލްއިން ބަހެއް ހޯދުމަށް މީޑިއާތަކުން އެދުމުން ވަގުތުން ޖަވާބެއް ނުދިން އިރު، މިހާތަނަށް އެ ފޯނުގައި މެސެޖުތައް ޕޮޕް އަޕް ވަމުން ދިޔައީ ކީއްވެގެން ކަމެއް ސާފެއްވެސް ނުކޮށްދެއެވެ. އެޕަލްގެ ސަޕޯޓް ޕޭޖުގައިވާ ގޮތުން ފުރަތަމަ ސެކިއުރިޓީ އަޕްޑޭޓްތައް މިހާރު ލިބެން ހުރީ އައިއޯއެސް 16.4.1، އައިޕެޑްއޯއެސް 16.4.1، އަދި މެކްއޯއެސް 13.3.1 އިންނެވެ.