އާޓިފިޝަލް އިންޓެލިޖެންސްގެ އެންމެ އިސްފަރާތެއްގެ ގޮތުގައި މަސައްކަތް ކުރާ (ގޯޑްފާޑަރެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ) ގޫގުލް އިންޖިނިއަރެއް ކަމަށްވާ ޖެފްރީ ހިންޓަން އޭނާގެ ވަޒީފާ ދޫކޮށްލައިފިއެވެ. ސަބަބަކީ މިހާރު އާޓިފިޝަލް އިންޓަލިޖެންސްގެ ނުރައްކާ ބޮޑުވެ މިހާރު އެ ދާ މަގުން ގޮސް އިތުރަށް މި ޓެކްނޮލޮޖީ ތަރައްގީ ކޮށްފިނަމަ އިންސާނީ ދަރިފަސްކޮޅަށް މިކަމުގެ ނުރައްކާ ވެދާނެ ކަމަށްވެސް ޖެފްރީ އަށް ޔަޤީން ވުމެވެ.
ގޫގުލްގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވި ޖެފްރީ އަކީ 2012 ވަނަ އަހަރު ފެއްޓި ޗެޓްޖީޕީޓީ ފަދަ އުފެއްދުންތައް ވުޖޫދަށް ގެނައުމުގެ އެންމެ އިސް މޭސްތިރިއެވެ. މިހާރު ގިނަ މީހުން ދަންނަ އެއައި ޓެކްނޮލޮޖީތަކުގެ ބިންގާގެ ގޮތުގައި ދެކޭ ޗެޓްޖީޕީޓި އަދި މިނޫންވެސް ހިދުމަތްތަކާއި އެއައި ގުޅުވާ ދިނުމުގެ އިސް އެއްފަރާތުގެެ ގޮތުން ޖެފްރީ ދަނީ އެއައި ޓެކްނޮލޮޖީގެ ނުރައްކާ ބޮޑު ކަމަށާއި އަދި އެކަމުގެ ޒިންމާ ބޮލުގައި އެޅިފައިވާ ކަމަށް ބުނެ ވާހަކަ ދައްކަމުންނެވެ. މި ހުރިހާ ކަމަކާއި ގުޅިގެން އޭނާ ގޫގުލް އިން އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީ ނިއުޔޯކް ޓައިމްސް އަށް ދެއްވި ބަޔާނެއްގައެވެ. ޖެފްރީ ދެކޭ ގޮތުގައި އޭނާ އިސްވެ އުފެއްދި އާޓިފިޝަލް އިންޓެލިޖެންސް ބަދަލްވަމުންދާ ގޮތާއި މެދު އޭނާ މިހާރު ހިތާމަ ކުރެއެވެ.
ޖެފްރީ އިސްތިއުފާ ދިނުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އަމިއްލަ ނަފްސަށް ތަސައްލީ ހޯދަދިނުން ކަމަށް އޭނާ ދެކެވެ. އެހެން ނަމަވެސް ޖެފްރީގެ ހިތުގައި އުފެދޭ އެންމެ ބޮޑު ނުތަނަވަސް ކަމަކީ އޭނާ އެކަން ނުކުރިނަމަވެސް އެހެން މީހަކު ވެސް އެކަން ކުރާނެ ކަމަށާއި އަބަދުވެސް މީހުން ސިއްރުން ތިބެ ކަންކަން ކުރަން ބޭނުން ވުން ކަމަށް އޭނާ ދެކުމެވެ. ޖެފްރީ އުފައްދަމުން އައި އޭއައިއަށް ބޮޑު ކުރިއެރުމެއް ލިބުނީ 2012 ވަނަ އަހަރު ޓޮރޮންޓޯގައި ގްރެޖުއޭޓްވި ދެ ދަރިވަރުންނާ އެކު މަސައްކަތް ކުރަން ފެށި ހިސާބުންނެވެ. އެގޮތުން އުފެއްދި އެލްގޮރިޒަމް އަކީ އޯޕަންއޭއައިގެ ޗެޓްޖީޕީޓީ އާއި ގޫގުލްގެ ބާޑް އެއައި ފަދަ މިހާރުގެ އެއައި ތަކަށް ކުޅަދާނަ ކަން ގެނެސްދިން ރޫޑިމެންޓަރީގެ ފެށުމެކެވެ.
އެގޮތުން ގޫގުލް އިން 44 މިލިއަން ޑޮލަރަށް ގަނެފައިވާ އެެއައި ޓެކްނޮލޮޖީ އަކީ ޖެފްރީ ހިންޓަންގެ އުފެއްދުމެކެވެ. އަދި މިހާރު ގޫގުލް އިން އުފައްދަމުންދާ ބާޑް އެއައި އަކީ މި ޓެކްނޮލޮޖީގެ އެހީގައި އުފައްދާ އެއްޗެކެވެ. ޖެފްރީ އާއި އެކު މި މަޝްރޫއުގައި މަސައްކަތްކުރި ގްރެޖުއޭޓް ދަރިވަރުންގެ ތެރެއިން އެއް ދަރިވަރު އިލްޔާ ސުޓްސްކެވަރ މިހާރު މަސައްކަތް ކުރަނީ އޯޕަންއޭއައިގެ ޗީފް ސައިންޓިސްޓެއްގެ ގޮތުގައެވެ.
ޖެފްރީ ވިދާޅުވީ 2012 ވަނަ އަހަރުން ފެށިގެން ފެންނަ ކުރިއެރުމަކީ ހައިރާން ކުރުވަނިވި ކަމެއް ނަމަވެސް އެއީ ހަމައެކަނި ފެށުމެއް ކަމަށް ބެލެވޭ ކަމަށާއި އަދި މީގެ ފަސް އަހަރު ކުރިން އޮތް ގޮތާއި މިހާރު އޮތް ގޮތް އަޅާ ކިޔާ އިރު ދުނިޔޭގެ ޤައުމު ތަކުން އެއައި ޓެކްނޮލޮޖީތައް މަނާ ކުރަންވަނީ ފަށާފައެވެ. އެހެން ނަމަވެސް އިންސާނުންގެ ތެރެއިން ބައެއް މީހުންނަކީ މަނާ ކުރާ ކަންކަން ސިއްރުން ތިބެ ކުރުމަށް ބޭނުންވާ ބައެެކެވެ. އެހެން ކަމުން މިހާރު ކަންކަން ދަނީ ހީވެސް ނުކުރާ މިސްރާބަކުން ކަމަށާއި އެއީ ބިރުވެރި ކަމެއްގެ ގޮތުގައި ޖެފްރީ ސިފަ ކުރެއެވެ.