ވިޔަފާރި

ބީއެމްއެލްއިން އިންޓަނެޓް ބޭންކިންއަށް ޓޫ ފެކްޓާ އޮތެންޓިކޭޝަން ތައާރަފުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯބައިލް އެޕްލިކޭޝަން ނުވަތަ އިންޓަނެޓް ބޭންކިންއަށް ޓޫ ފެކްޓާ އޮތެންޓިކޭޝަން ތައާރަފުކޮށްފިއެވެ.

ބީއެމްއެލުން މިއަދު ބުނީ ޓޫފެކްޓާ އޮތެންޓިކޭޝަން ތައާރަފުކުރީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އަދި ޓޫ ފެކްޓާ އޮތެންޓިފިކޭޝަންގެ ހިދުމަތް އަންނަ ހަފުތާ ތެރޭގައި އިންޓަނެޓް ބޭންކިންއަށް ލިބިގެންދާނެ ކަމަށެވެ.

"މި އަޕްޓޭޑް އާއެކު، ލޮގިންވާ ފަރާތަކީ ރަޖިސްޓްރީވެފައިވާ ކަސްޓަމަރުކަން ޔަގީން ކުރުމަށްޓަކައި އިތުރު ސެކިއުރިޓީ ލެޔާއެއް އިތުރުކުރެވިގެންދާނެ. އެޕް އަޕްޓޭޑް ކުރުމާއެކު، ކަސްޓަމަރުންނަށް މޯބައިލް ބޭންކިން އެޕަށް ލޮގިންވުމަށްފަހު، ލޮގިންވުމުގެ ދެވަނަ ސްޓެޕެއްގެ ގޮތުގައި އޯޓީޕީ (ވަން ޓައިމް ޕާސްވޯޑް) ޖަހަން ޖެހޭނެ. ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރު ނުވަތަ އޮތެންޓިކޭޓާ އެޕް މެދުވެރިކޮށްވެސް އޯޓީޕީ ޖެނެރޭޓް ކުރެވޭނެ،" ބީއެމްއެލުން ބުންޏެވެ.

ސްކޭމްތައް ހިންގާ މީހުން ދަނީ ސްކޭމްތަކުގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލުކުރަމުން ކަމަށާއި އެހެންކަމުން ކަސްޓަމަރުންގެ ރައްކާތެރިކަން ޔަގީންކުރަން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

އެގޮތުން މިދިޔަ މާޗު މަހު ސްކޭން-ޓު-ޕޭ މުއާމަލާތްތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ބޭނުންކުރަންޖެހޭ ގޮތަށް ހަމަޖެއްސުމާއި އިންޓަނެޓް އަދި މޯބައިލް ބޭންކިން އަށް ލޮގިންވާ ކޮންމެ ފަހަރަކު އެލާޓްސް ދާގޮތަށް ބީއެމްއެލުން ވަނީ ހަމަޖައްސައިފައެވެ.

މީގެ އިތުރުން އޮތެންޓިކޭޓާ އެޕްތައް މެދުވެރިކޮށް އޯޓީޕީ ޖެނެރޭޓްކުރެވޭ ގޮތް ހަމަޖައްސައި، ޑިފޯލްޓް އޯޓީޕީ ޗެނަލެއްގެ ގޮތުން އީމެއިލް މެދުކަނޑާލައި އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ޕުޝް ނޮޓިފިކޭޝަން ފޮނުވަން ބީއެމްއެލުން ވަނީ ފަށައިފައެވެ.

އެއްވެސް ކަސްޓަމަރަކު އެ ކަސްޓަމަރެއްގެ ޒާތީ މައުލޫމާތު އެހެން ފަރާތަކާ ހިއްސާ ނުކުރުމަށާއި ދޭތެރެ ދޭތެރެއިން ޕާސްވޯޑް ބަދަލުކުރުމަށް ބީއެމްއެލުން ވަނީ އެދިފައެވެ.