އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ރ. ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ކުރާ ދައުވާ މަޑުޖައްސައިލުމަށް ސުޕްރީމް ކޯޓުން ދެންމެ އަމުރުކޮށްފިއެވެ.

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުގައި ދައުލަތުން ދެ ދައުވާއެއް ކުރެއެވެ. އެއީ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާއެވެ.

ފުއްގިރި މައްސަލައިގައި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށްވެސް ދައުވާކޮށްފައިވެއެވެ. އެއީ ރިޝްވަތު ގަބޫލުކުރުމުގެ ކުށާއި މަނީ ލޯންޑަރިންގެ ދައުވާއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނާ ގޮތުން، ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯއްދަވައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައެވެ.

އެ މައްސަލައިގެ ތެރެއިން ޖުމުލަ 38،334،560 އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އެއީ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 އެމެރިކާ ޑޮލަރެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔައީ ރައީސް ޔާމީންގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ހެކިތަކެއް ބަލައިނުގަތުމަށް އެ ކޯޓުން ނިންމުމާއި، ހެކިތަކެއް ސިއްރު ކުރުމަށް އެކޯޓުން ނިންމި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެކެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން އާއި އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ވިދާޅުވީ، ސުޕްރީމް ކޯޓުގެ އިސްތިއުނާފު މައްސަލަ ނިމެންދެން ކުރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަ ހުއްޓުވާލުމުގެ ވަގުތީ އަމުރަކަށް އެދޭ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާނުގެ ވަކީލުންގެ ޓީމަކީ ހަމަ އެކަނި ފުއްގިރި މައްސަލައިގައި އުޅުއްވަން ޖެހިވަޑައިގެންފައިވާ ބައެއް ނޫން ކަމަށެވެ. އާރަށުގެ މައްސަލައިގައި އެމަނިކުފާނު ތަންފީޒު ކުރައްވަމުން ގެންދަވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފުގެ މަސައްކަތްތައްވެސް އޮތް ކަމަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ފުއްގިރި މައްސަލައިގެ ހެކި ބަލައި ނުގަތް މައްސަލައަށް ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ފުއްރިގި މައްސަލައިގެ ޝަރީއަތް މަޑުޖައްސައިލުމުގެ ވަގުތީ އަމުރަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެއީ ދައުލަތިގެ ހައްގު ގެއްލޭ ކަމެއް ނޫން ކަމަށާއި ކުރިމިނަލް ކޯޓުގައި އަވަސް އަރުވާލައިގެން ކުރިއަށްގެންދާ ފުއްގިރި މައްސަލަ ސުޕްރީމް ކޯޓުގެ ވަގުތީ އަމުރަކުން ހުއްޓުވައި ދެއްވުމަށް ވަރަށް އާދޭހާއެކު ދަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ ހުށަހެޅުމާ ގުޅިގެން ސައުލަތުގެ ވަކީލު ޕަބްލިކު ޕްރިސިކިއުޓާ އީނާ މޫސާ ވިދާލުވީ، އެކަމުގައި ދައުލަތުން ފާހަގަކުރަން ބޭނުންވާ މައިގަނޑު ނުކުތާއަކީ ޝަރީއަތް އަވަސް ކުރުމަކީ އިސްތިއުނާފު ކުރާ ފަރާތުގެ މަސްލަހަތުގައި އޮތް ކަމެއް ކަމަށާއި ޝަރީއަތް އަވަސް ކުރުމާއި ލަސް ކުރުމުގައި، ދައުލަތުގެ ވަކި ހާއްސަ މަސްލަހަތެއް ނެތް ކަމަށެވެ.

"ނަމަވެސް ދައުލަތުން ފާހަގަކުރަން ބޭނުންވޭ މި މައްސަލައިގައި އިސްތިއުނާފު ކުރާ ދެފަރާތުގެ ޝައީއަތްވެސް ކުރިމިނަލް ކޯޓުގައިވަނީ ފަށައިފަ. ދެފަރާތުން އިފްތިތާހީ ބަޔާން ވަނީ ހުށަހަޅައިފަ. މާނައަކީ ޝަރީއަތުގެ ކުރީގެ މަރުހަލާތައް ނިމި މިހާރު މިއޮތީ ޝަރީއަތް ފެށިފައޭ. އެހެންވީމަ ދެން ދައުލަތަށް ގަބޫލު ކުރަނީ ދެން އޮންނާނެ ގޮތަކީ ސުޕްރީމް ކޯޓަށް މި ހުށަހެޅުނު ހުށަހެޅުންތަކާ ގުޅިގެން ނިންމަވާ ގޮތެއް. ކުރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަ ބައްލަވާ ފަނޑިޔާރު ތަތުބީރު ކުރުން. އެހެން ނަމަވެސް ޝަރީއަތުގެ އަޑުއެހުންތައް މަޑުޖައްސާނުލައި ކުރިއަށް ގެންގޮސްފި ކަމުގައި ވަނީ ނަމަ، އިސްތިއުނާފު ކުރާ ފަރާތުގެ އަސާސީ ހައްގެއް ގެއްލިގެންދާ ކަމަކަށް ދައުލަތަށް ނުފެނޭ. އަދި އެފަރާތަށް ލިބިގެންދާނެ އިއާދަ ނުކުރެވޭނެ ގެއްލުމެއް އޮތް ކަމަކަށްވެސް ދައުލަތަކަށް ނުފެނޭ ވަގުތީ އަމުރެއް ނުނެރުނަސް. އެހެންކަމުން އިސްތިއުނާފު ކުރާ ފަރާތަށް އުނިކަން އަންނާނެ ކަމަކަމަކަށް ދައުލަތަކަށް ނުފެނޭ. ދައުލަތުން އެދެނީ އެފަރާތުން ހުށަހަޅާކަންތައްތަކަށް ބައްލައިވައިފައި ފަނޑިޔާރުން މިކަމުގައި ގޮތެއް ނިންމައިދެއްވުން،"

ފުއްގިރި މައްސަލައިގައި ހެކިތަކެއް ބަލައިނުގަތުމަށާއި ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރުމަށް ކުރިމިނަލް ކޯޓުން ނިންމި މައްސަލަ، ރައީސް ޔާމީންގެ އިތުރުން އެމައްސަލައިގައި ދައުވާކުރާ ކުރިކް ރިޒާގެ ފަރާތުންވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެއްވިއެވެ. އެކުއެކީގައި ކުރިއަށް ގެންދާ މި ދައުވާގައި، ކުރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލަ މަޑުޖައްސައިލުމުގެ އަމުރެއް ނެރެދިނުމަށް ރިޒާގެ ފަރާތުން ވެސް މިއަދު ކުރިމިނަލް ކޯޓަށް ހުށަހެޅުއްވިއެވެ.

އެ ހުހެޅުންތަކާ ގުޅިގެން، މި މައްސަލަ ސުޕްރީމް ކޯޓުގައި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާ މަޝްވަރާ ކޮށްލެއްވިއެވެ.

އެއަށްފަހު ފަނޑީޔާރު ސުއޫދު ވިދާޅުވީ، "އަޅުގަނޑުމެން ފަނޑިޔާރުން މަޝްވަރާކޮށްފައި މި ނިންމަނީ، ތިޔަ އެދިވަޑައިގަންނަވާ ކަންތައްތަކުގައި މި އަންނަ ހޯމަ ދުވަހާ ހަމައަށް ޝަރީއަތް ލަސްކުރަން،" ކަމަށެވެ.

އެހާތަނަށް ސުޕްރީމް ކޯޓުގައި ކުރިއަށްގެންދާ އިސްތިއުނާފީ މައްސަލަ ނިންމަވަން ވިސްނަވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.