ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ގަރާރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްލާހު ގެންނަވައިފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީން ގެންނެވި މި އިސްލާހުތައް ހިމެނޭ ގަރާރު ނަންބަރު 15/2026 މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައެވެ.

މި އިސްލާހުގެ ދަށުން، ލިސްޓުގެ ނަންބަރު 1 ގައި ހިމެނޭ ޕްލާސްޓިކް ހޮޅި (ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ހޮޅި) ރާއްޖެއަށް އެތެރެކުރުން މަނާކުރާ ތާރީހު ވަނީ 1 ޖޫން 2031 އަށް ބަދަލުކުރައްވައިފައެވެ. ކުރިން މި ތާރީހަކީ 1 ޖޫން 2021 އެވެ. އަދި މި ތަކެތި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުން 19 ޑިސެންބަރު 2022 އިން 19 ޑިސެންބަރު 2031 އަށް ވަނީ ފަސްކުރައްވައިފައެވެ.

މީގެ އިތުރުން، ލިސްޓުގެ ނަންބަރު 13 ގައި ހިމެނޭ އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި، 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އެތެރެކުރުމާއި އުފެއްދުން މަނާކުރާ ތާރީހު 1 ޑިސެންބަރު 2029 އަށް ވަނީ ފަސްކުރައްވައިފައެވެ. އަދި މި ސައިޒުގެ ފެންފުޅި ބާޒާރަށް ނެރުން މަނާކުރާ ތާރީހަކީ 1 ޖޫން 2030 ކަމަށް ވެސް ވަނީ ކަނޑައަޅުއްވައިފައެވެ.

މި ގަރާރަށް ގެނައި އަނެއް ބަދަލަކީ ލިސްޓުގެ ނަންބަރު 14 ގައި ކުރިން ބަޔާންކޮށްފައި އޮތް ޕްލާސްޓިކް ފުޅީގެ ސައިޒު 500 މިލިލީޓަރުން 250 މިލިލީޓަރަށް ބަދަލުކުރުމެވެ. އެގޮތުން، 250 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް (ފެން ފިޔަވައި) މިއަދުން ފެށިގެން ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމަށް ކަނޑައަޅުއްވައި، އެ ލިސްޓު ވަނީ އިސްލާހުކުރައްވައިފައެވެ.