އެސްޓީއޯ ކާޑު ގުދަނަށް މުދާ ބަލާ ދިޔަ ދެ ބިދޭސީއެއްގެ ގައިމައްޗަށް ފުށް ބަސްތާތަކެއް ވެއްޓި އަނިޔާވެއްޖެއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ކޯޕަރޭޓް ބްރޭންޑިން އޮފިސަަރު ޔޫސުފް ޝާހް "ވަން" އަށް މިއަދު ވިދާޅުވީ އެ ހާދިސާގައި އަނިޔާވެފައިވަނީ ބޭރުން މުދާ ބަލައި ދިޔަ ދެ ބިދޭސީއަކަށް ކަމަށާއި އަނިޔާވި މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ ކަމަށެވެ.
"ޗެކްއަޕްތައް ހަދަމުންދަނީ، ނަމަވެސް ސްކޭންތަކުން ދައްކާ ގޮތުން ސީރިއަސް އަނިޔާއެއް ލިބިފައެއް ނެތް،" އޭނާ ވިދާޅުވިއެވެ.
ޝާހް ވިދާޅުވީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައިނުވާ ކަމަށެވެ. ނަމަވެސް މަސައްކަތުގެ މާހައުލުގައި ސޭފްޓީއަށް ވަރަށް ބޮޑު ސަމާލުކަމެއް އެސްޓީއޯއިން އަބަދުވެސް ދޭ ކަމަށާއި މިފަދަ ހާދިސާއެއް ކުރިމަތިވިޔަ ނުދިނުމަށް ކާޑު ގުދަނުގައި ހުރި ކާޑުތައް ޕެލެޓައިޒްކުރުމުގެ މަސައްކަތް ކުރިން ފަށައިގެން ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ހަކުރާއި ހަނޑޫ މިހާރުވެސް ހުންނަނީ ޕެލެޓައިޒްކޮށްފައި ކަމަށާއި ފުށްވެސް ޕެލެޓައިޒް ކުރަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
"ޕެލެޓައިޒް ކުރީމަ އަސްލު މިގޮތަށް މަތި މައްޗަށް ބަހައްޓާ އެއްޗެއް ރައްކާތެރިކޮށް ހުންނާނީ. އެނޫނީ މަތިމައްޗަށް ޖަހާފައި ހުންނައިރު ކައްސާލައިގެން ވެއްޓުމުގެ ފުރުސަތު އޮންނާނެ. އެ މަސައްކަތް ކުރަމުން އަޅުގަނޑުމެން މި އަންނަނީ. ފުށްވެސް ޕެލެޓައިޒްކުރަން ފަށާފައިވާނީ" ޝާހް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް އެސްޓީއޯއިން އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށާއި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު