ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ކުރިއަށް ގެންދާ "އެކްސްޕީރިއަންސް މޯލްޑިވްސް" ގެ ތިން ވަނަ ކެމްޕެއިން ފަށައިފިއެވެ.
ރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕޭން އިފުތިހާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
"އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕޭނަކީ އެމެރިކަން އެކްސްޕްރެސް ކާޑު މެމްބަރުންނަށް ތަފާތު ތަޖުރިބާތަކެއް ކޮށްލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އެއް އަހަރު ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ ކެމްޕޭނެކެވެ.
އެ ކެމްޕޭނަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮންޕެނީ (އެމްއެމްޕީއާރުސީ)، ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އަދި ޓޫރިޒަމް މިނިސްޓްރީން އެންޑޯޒްކޮށްފައިވާ ކެމްޕޭނެކެވެ.
ބީއެމްއެލުން ބުނީ "އެކްސްޕީރިއަންސް މޯލްޑިވްސް" މެދުވެރިކޮށް، އެމެރިކަން އެކްސްޕްރެސް ކާޑުގެ ކަސްޓަމަރުންނަށް ހާއްސަ އޮފާ ތަކެއް ރިސޯޓްތަކާއި ގެސްޓް ހައުސްތަކާއި އެކި ވިޔަފާރިތަކުން ލިބިގެންދާނެ ކަމަށެވެ.
"ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފަރާތްތަކަށް 10 އަދި 25 ޕަސަންޓް އާ ހަމަޔަށް ސްޕާ/އެކްޓިވިޓީ ޑިސްކައުންޓް ލިބޭ އިރު، އެއްވެސް ހަރަދަކާ ނުލައި ހުރުމުގެ ފުރުސަތުތަކާއި ރެސްޓޯރަންޓްތަކުން ބޮޑެތި ޑިސްކައުންޓްގެ އިތުރުން މުވާސަލާތީ ހިދުމަތްދޭ ފަރާތްތަކުން ހިލޭ ޑޭޓާ ފަދަ ގިނަ ފުރުސަތުތަކެއް އެމެކްސް ކާޑު މެންބަރުންނަށް ލިބޭނެ،" ބީއެމްއެލުން ބުންޏެވެ.
އެ ކެމްޕޭން އިފުތިހާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ކާލް ސްޓުމުކް ވިދާޅުވީ މިއަހަރުގެ ފުރަތަމަ ހަތަރު މަހު ރާއްޖެއަށް ބައި ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
"ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން 2023 ވަނަ އަހަރަށް ކަނޑައަޅާފައިވާ 1.8 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލްވުމަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެމެރިކަން އެކްސްޕްރެސް އާ ގުޅިގެން، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ފަތުރުވެރިކަމުގެ މަންޒިލެއް ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ކެމްޕޭންގައި ގިނަގުނަ ފުރުސަތުތަކާއެކު ބައިވެރިވި ޕްރޮޕަޓީސްތަކާއި މާޗެންޓުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން،" އޭނާ ވިދާޅުވިއެވެ.
ބީއެމްއެލާއި އެމެރިކަން އެސްޕްރެސްގެ ޕާޓްނާޝިޕާ ގުޅޭގޮތުން އެމެރިކަން އެކްސްޕްރެސްގެ ވައިސް ޕްރެސިޑެންޓް އެންޑް ޖެނެރަލް މެނޭޖަރު ގްލޯބަލް ނެޓްވޯކް ސާވިސަސް، އޭޝިއާ އެންޑް ސައުތު ޕެސިފިކް ވިދްޔާ ޖައިން ވިދާޅުވީ ރާއްޖެއަކީ ޕްރީމިއަމް އަދި މުއްސަނދި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށާއި އެކްސްޕީރިއަންސް މޯލްޑިވްސްގެ ކެމްޕޭނުގެ އެހީގައި ރާއްޖެއަށް އިތުރު ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށެވެ.
އެކްސްޕީރިއަންސް މޯލްޑިވްސްގެ ފުރަތަމަ ކެމްޕެއިން ފަށާފައި ވަނީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ވެސް އެ ކެމްޕެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި