ޚަބަރު

އެމްއޭސީއެލުން ކެއާ ސޮސައިޓީގެ ދަރިވަރުންނަށް އިންޓާޝިޕްގެ ޕްރޮގްރާމެއް ފަށައިފި

މުހައްމަދު އިޝާން

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްސީއެލް) ގެ ސީއެސްއާރްގެ ދަށުން ކެއާ ސޮސައިޓިގެ ދަރިވަރުންނަށް އިންޓާންޝިޕް ޕްރޮގްރާމެއް ފަށައިފިއެވެ.

އެމްއޭސީއެލްއިން މިއަދު ބުނީ އިންޓާޝިޕް ޕްރޮގްރާމްތައް ފެށުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ތޯހާ ކަމަށެވެ. އަދި ކެއާ ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އާތިފު ކަމަށެވެ.

އިންޓާޝިޕް ޕްރޮގްރާމުގެ ދަށުން ކެއާ ސޮސައިޓީގެ ހަތަރު ދަރިވަރަކަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ދީފައިވާނެ ކަމަށާއި އެ ފުރުސަތަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، އެކުދިންނަކީވެސް މަސައްކަތުގެ މާހައުލުގައި ތަފާތު ދެއްކޭނެ ކުދިންތަކަކަށް ވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލުން ބުނީ އިންޓާންޝިޕްގެ އިތުރުން ކެއާ ސޮސައިޓީގައި ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރަމުންދާ ދަރިވަރަކަށާއި އެޑިއުކޭޝަން އެންހޭސްމަންޓް ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ ދަރިވަރެއްގެ އެއް އަހަރުގެ ފީ އެމްއޭސީއެލްގެ ފަރާތުން ސޮޕޮންސާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވީއައިއޭގައި ކެއާ ސޮސައިޓީގެ ފަންޑް ފޮށިތައް ބެހެއްޓުމަށްވެސް ނިންމާފައިވާ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ތޯހާ ވިދާޅުވީ ކެއާ ސޮސައިޓީގެ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން، މުޖުތަމައުގައި ތިބި އެކިގޮތްގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ހަރަކާތްތައް ރާވާފައިވާނީ ދެމެހެއްޓެނިވި ތަރައްގީ އާއި މުޖުތަމައުގައި އެހީތެރިކަމަށް ބޭނުންވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ތައުލީމާއި ތިމާވެށީގެ ދާއިރާއިން އެހީތެރިކަމާއި އެއްބާރުލުން ފޮރުކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.

ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ޑައިރެކްޓަރު އާތިފު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދެވޭނީ ރާއްޖޭގެ އެކި ފަރާތްތައް ގުޅިގެން، ހާއްސަކޮށް ބޮޑެތި ކުންފުނިތަކުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ފައިތުވި އަހަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، މިއަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ މުޖުތަމައުގެ ތަރައްގީއަށާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވައިފައެވެ.