މާލޭގެ ދެކުނު ފަރާތުގައި ހުރިި ލޯކަލް މާރުކޭޓު މިހާރު ހުރި ބިމުގައި ޒަމާނީ މާރުކޭޓެއް އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށް، އެ މާރުކޭޓުގެ ބައެއް ވަގުތީ ގޮތުން ހައި ކޯޓު ކުރިމައްޗަށް ބަދަލުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދެ ސަރަހައްދެއްގައި ވަގުތީ މާރުކޭޓު ހަދަން ނިންމާފައިވާ ކަމަށެވެ. އެއީ، ހައި ކޯޓު ކުރިމައްޗަށް އޮންނަ ބިމާއި ބާޒާރު ސިމްބޯ ކުރިމައްޗަށް އޮންނަ ބިމެވެ. އެ ބިމުގައި މިހާރު ވަނީ ޕާކިން ޒޯނެއް ހަދާފައެވެ.

ހައި ކޯޓު ސަރަހައްދުގައި ވަގުތީ މާރުކޭޓު ހަދަނީ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ސަރުކާރުން ހާއްސަ ކޮށްފައިވާ މުރައިދޫގެއާ އިންވެގެން އޮންނަ ބިމުގައެވެ.

މަޖިލިހުގެ ރައީސަށް ދައުލަތުން ވަގުތީ ގެކޮޅެއް 2021ގެ ފަހުކޮޅު ހަމަޖައްސައިދިނީ އެ މަނިކުފާނު އަވާހަރަކޮށްލަން އެ އަހަރުގެ މޭ ހަވަނަ ދުވަހު ބަޔަކު ދިން ބޮމުގެ ހަމަލަށް ފަހު، އެ މަނިކުފާނުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށެވެ.

"މާރުކޭޓް ދެ ބަޔަށް ބަހާލަން ޖެހެނީ އެއީ އެއް ތަނުން ނުފުދޭތީ. ކޮންމެ ގޮޅިއަކަށް ގޮޅިއެއް އަޅުގަނޑުމެން ދޭން ޖެހޭނެ ނޫންތޯ." މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ، އެ ދެ ސަރަހައްދުގައި ވަގުތީ މާރުކޭޓު ހެދުމަށް ނިންމީ، ބާޒާރުމައްޗާ ދުރު ތަނަކަށް ބަދަލުކޮށްފި ނަމަ، އޭގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުން ލިބިދާނެތީ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ޕްލޭން ކޮށްފައި އޮތީ ލޯކަލް މާރުކޭޓު މިހާރު ހުރި ބިމުގައި ހަތަރު ބުރީގެ ޒަމާނީ މާރުކޭޓެއް އިމާރާތް ކުރުމަށެވެ. އެ އިމާރާތުގެ އެންމެ ތިރީ ބުރީގައި މަސްމާރުކޭޓަކާއި ދެވަނަ އަދި ތިންވަނަ ބުރީގައި ތަރުކާރީ އާއި މޭއްވާ ވިއްކާ މަރުކޭޓެކެވެ. އެންމެ މަތީ ފްލޯ ދޫކުރަނީ ރެސްޓޯރެންޓު ހިންގާށެވެ. އެ އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.