ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބުކުރުމަށް ތާއީދުކުރައްވާ އެމްއާރުއެމްގެ އިސް ބޭފުޅުންތަކެއް ޕާޓީން ވަކިވެވަޑައިގަންނަވަން ނިންމަވައިފި އެވެ.

''ވަން'' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ޕާޓީން ވަކިވާން ސިޓީ ފޮނުވާނެ ބޭފުޅުންގެ ތެރޭގައި ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެއް ބޭފުޅެއްކަމަށްވާ، އަދި މި ސަރުކާރުގެ ކެބިނެޓް މިނިސްޓަރު ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް އާއި ނައިބު ރައީސް ޝަޒައިލް ޝިޔާމު ހިމެނިވަޑައިގަންނަވައެވެ. އެހެން ނަމަވެސް މި މައުލޫމާތު މުޅީން ކަށަވަރެއް ނުކުރެވެއެވެ.

އޭގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުހައްމަދު ހަސަން އާއި ޔުމްނާގެ ހިތްހަމަނުޖެހުންތަކެއް އެމްއާރުއެމް މިހާރު ހިންގާ ގޮތާ މެދު ހުރި ނަމަވެސް ޕާޓީން ވަކިވެވަޑައިގަންނަވަން ނިންމާފައިވާކަން ކަށަވަރެއް ނުވެއެވެ.

"ވަން" އަށް ލިބިފައިވާ ލިސްޓުގައިވާ ގޮތުން، އެމްއާރުއެމުން ވަކިވެވަޑައިގަތުމަށް ނިންމާފައިވާ ބޭފުޅުންގެ ލިސްޓުގައި 11 ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ. އޭގެތެރޭގައި އެމްއާރުއެމްގެ ސްލޮޓުގައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި އެގްޒެކްޓިވް ޑިރެކްޓަރުން ހިމެނިވަޑައިގަންނަވައެވެ.

އެމްއާރުއެމް ހިންގާ ގޮތާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރަށް ތާއީދުކުރައްވާ އެ ޕާޓީގެ އިސް ބޭފުޅުން ރޭ ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމާ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ބޭފުޅަކު "ވަން" އަށް ވިދާޅުވީ، އެ ބައްދަލުވުމުގައި އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ، ޗާގޮސް މައްސަލައިގައި ވަކި ގޮތަށް ޕާޓީން ނިންމާފައި ވަނިކޮށް، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ސިޔާސީ ޕާޓީތަކާ އެކު އިއްޔެ ބޭއްވެވި ޕްރެސް ކޮންފަރެންސްގައި މުޅި އެކްސްކޯގެ ތާއީދު ނެތި ނައިބު ރައީސް އައިމިނަތު ނާދިރާ ބައިވެރިވެވަޑައިގަތުމެވެ.

އެމްއާރުއެމުން ބައެއް މެންބަރުން ވަކިވާއިރު، ސަރުކާރު ކޯލިޝަންގައި ދެމިއޮންނާނީތޯ ނުވަތަ އެހެން ޕާޓީއަކާ އެކު އިންތިހާބަށް ނުކުންނާތީ އެމްއާރުއެމުން ނުނިންމައެވެ.

މި ކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ގުޅުމުން ނަދީމް ވިދާޅުވީ އިސްތިއުފާ ދެއްވާފައި ނުވާނެ ކަމަށެވެ. ޔުމްނާ ފޯނެއް ނުނަންގަވައެވެ. މެސެޖު ކުރުމުން ވަކި ޖަވާބެއް ނުދެއްވައެވެ. އެމްއާރްއެމްގެ ރައީސް، އަހުމަދު ފާރިސް މައުމޫން "ވަން"އަށް ވިދާޅުވީ އެ ބޭފުޅުންގެ އިސްތިއުފާ ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.