ނޫސްވެރިންގެ ކަންބޮޑުވުންތަކުގެ އަޑު އުފުލައި, އެކަންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކޮށްފިއެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ފާހަގަކުރާ ވޯލްޑް ޕްރެސް ފްރީޑަމް ޑޭއާ ގުޅުވައި އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް ވަނީ ބާއްވައިފައެވެ. އެ މުޒާހަރާގައި ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ބައިވެރިވެފައެވެ.
އެމްޖޭއޭއިން ބުނީ ނޫސްވެރިންގެ އަޑު އުފުލި މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި ތާށިވެފައި އޮތް ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްނުކޮށް ލަސްކުރަމުންދާ މައްސަލަ ހިމެނޭ ކަމަށެވެ.
ނޫސްވެރިން ވަނީ މުޒާހަރާގައި މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތް ހާރިޖީ މަސްލަހަތާ ގުޅޭ ބިލުން ނޫސްވެރިން އިސްތިސްނާ ކުރުމަށާއި މި އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެކި ގޮތްގޮތުން ނޫސްވެރިކަމަށް ހުރަސްއެޅޭ ގޮތަށް ކުރަމުންދާ ކަންކަން ހުއްޓާލުމަށްވެސް ގޮވާލައިފައެވެ.
މީގެ އިތުރުން ނޫސްވެރިން ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ, 13 ދަރަޖަ ދަށަށް ގޮސްފައިވާތީ އާއި ނޫސްވެރިންނަށް ލިބެމުންދާ އިންޒާރުތަކާ ގުޅޭ މައްސަލަތައް އެއްވެސް ގޮތަކަށް ނުބެލި, އެކަށީގެންވާ އެއްވެސް ފިޔަވަޅެއް މިހާތަނަށް އެޅިފައިނުވާ މައްސަލައިގައިވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ މުޒާހަރާއަށްފަހު ނޫސްވެރިން ވަނީ އެ ކަންބޮޑުވުންތަކާ ގުޅޭ ސިޓީއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްދު ކުރެއްވުމަށްޓަކައި ރައީސް އޮފީސް ކައިރިއަށް ގޮސްފައެވެ. ނޫސްވެރިންގެ ފަރާތުން ރައީސަށް އަރުވާ އެ ސިޓީއާ ހަވާލުވެވަޑައިގެންނެވީ ރައީސް އޮފީހުގެ ސެކްރެޓަރީ ކޮމިއުނިކޭޝަންސް މުހައްމަދު ހިސާން އަލީ ފަހުމީއެވެ.
އެމްޖޭއޭއިން ބުނީ ސިޓީގެ އިތުރުން އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)ގެ ފަރާތުން މިއަދު ނެރުނު ރާއްޖެއާ ގުޅޭ ރިޕޯޓް, އެމްޖޭއޭގެ ފަރާތުން ރައީސް އޮފީހަށް އަރުވާފައިވާ ކަމަށެވެ.
އެ ރިޕޯޓްގައި މިދިޔަ އަހަރުގެ ތެރޭގައި ނޫސްވެރިންނަށް ދިމާވި ގޮންޖެހުންތައް ތަފްސީލު ގޮތެއްގައި ފާހަގަކޮށްފައިވާނެ ކަމަށް އެމްޖޭއޭއިން ބުންޏެވެ.