ރާއްޖޭގެ ކަންކަން ރަނގަޅުކުރުމަށާއި ކުރިޔަށް އޮތް ތަނުގައި ވެސް ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތުގައި ގައުމުގެ ހިންގުން ކުރިޔަށް ގެންދިއުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގަބޫލުކުރާ އުސޫލު ތަކަކާއި ހަމަތަކެއް އެބަހުރި ކަމަށާއި އެކަންކަމަށް އެއްވެސް ބަޔަކާ އެކު އެއްބަސްވުމަކަށް ނާދެވޭ ނަމަ ރިޔާސީ އިންތިހާބަށް ނުކުންނާނީ ވަކީން ކަމަށް އެމްއާރްއެމްގެ ރައީސް، އަހުމަދު ފާރިޝް މައުމޫން ވިދާޅުވެއްޖެ އެވެ.
ފާރިޝް މިހެން ވިދާޅުވީ މިދިޔަ ހޯމަ ދުވަހުގެ ރޭ، އެމްޑީޕީއާ އެކު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން "ވަން" އިން ކުރި ބައެއް ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. އެމްއާރްއެމްގެ އޮފީހުގައި ބޭއްވި އެ ބައްދަލުވުމަކީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތްކުރުމާ މެދު އެއްބަސްވުމަކަށް އާދެވޭތޯ ދެ ޕާޓީން ބޭއްވި ބައްދަލުވުމެކެވެ.
ފާރިޝް ވިދާޅުވީ އިންތިހާބު ގާތްވަމުން އަންނަ ކަން ގަބޫލުކުރައްވާ ކަމަށާއި އެހެން ނަމަވެސް ވަކި ގޮތަކަށް ކަންކަން ނިންމުމަށް ޓަކައި ކަށަވަރުވާން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެއިން އެންމެ މުހިންމު ކަމަކީ އެމްއާރްއެމް އިން ގަބޫލުކޮށް ދަމަހައްޓަމުން އަންނަ އުސޫލުތަކާއި ހަމަތައް ކަމަށާއި އެ ކަންކަން އެއްވެސް ހާލެއްގައި ދޫކޮށްނުލެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ވެލިޔުސްތަކެއް އެބަހުރި. އޭގެ ތެރޭގައި އެއްވެސް ހާލެއްގައި ދޫކޮށްނުލެވޭނެ ކަންތައްތަކެއް އެބަހުރި. ޔަގީންކުރަން ބޭނުންވާ ކަންތައްތަކެއް އެބަހުރި. މިސާލަކަށް ދަންނަވާނަމަ ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަން، ރާއްޖޭގައި ބާއްވާނެ ވެރިކަމުގެ ނިޒާމު، މިފަދަ ކަންތައްތަކެއް އެބަހުރި. އެ ކަންކަމާ މެދު މަޝްވަރާތަކެއް ކުރިޔަށް އެބަދޭ. އެކުގަ މަސައްކަތްކުރެވޭ މިންގަނޑެއްގަ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އެމްއާރްއެމް ނުކުންނާނީ އަމިއްލައަށް." ފާރިޝް ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތްގޮތަށް ބަލާއިރު އެކަނި ނުކުމެގެން ކާމިޔާބެއް ހޯދިދާނެތޯ ސުވާލުކުރުމުން ފާރިޝް ވިދާޅުވީ، ދިވެހި ރައްޔިތުންނަކީ ހަމަތަކެއް ގަބޫލުކުރާ، ހެޔޮގޮތް ވިސްނާ ބައެއް ކަމަށާއި ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ ކޮބައިތޯ އެ ރައްޔިތުންވެސް ވިސްނާނެ ކަމަށެވެ.
ފާރިޝް އިތުރަށް ވިދާޅުވީ އެމްޑީޕީއާއި ޖޭޕީއާ އެކު ވެސް މަޝްވަރާތައް ހުއްޓާނުލައި ކުރިޔަށް ގެންދާ ކަމަށާއި އިތުރު ބައްދަލުވުންތައް ވަރަށް އަވަހަށް ތާވަލުކުރެވި ކުރިޔަށް ދާނެ ކަމަށެވެ.
އެމްއާރްއެމް
އެމްއާރްއެމް
އެމްއާރްއެމް
އެމްއާރްއެމް