"އީދު އައީ ހިނިތުންވަމުން، މީރުވަހުން ޖައްވު ހުވަނދުލަމުން،" މިއީ 2022 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހު، އާދެ! އެ އަހަރުގެ ކުޑަ އީދު ދުވަހުގެ އިރު ފެނުން ތޮޅިލައިގެން އައި ވަގުތު، ހދ. އަތޮޅުގެ ރައްޔިތުންގެ ތެރޭ ގުގުމަމުން ދިޔަ ތަރާނާއެވެ. އެ ރައްޔިތުންނަށް ލިބިފައިވާ އުފާވެރިކަން ރަމްޒުކޮށްދޭ އެންމެ ރިވެތި ލަފުޒުތަކެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ. ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ، ވަށައިގެން ކަނޑު އޮންނަ ރާއްޖޭގެ، ކަނޑުދަތުރުފަތުރުގެ ހިދުމަތަށް އެހާތަނަށް އަންނަ އެންމެ ތާރީހީ އިންގިލާބީ ބަދަލު، އެންމެ ފުރަތަމަ އަންނަގޮތަށް ހަމަޖެހިފައި އޮތީ އެ ދުވަހުގެ މެންދުރުފަހު ހދ. އަތޮޅުގެ ރަށްތަކަށެވެ. ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފުރަތަމަ ފިޔަވަހީގެ ޒޯން 1 (ހއ. ހދ. ށ) ގެ ދަށުން، ހދ. އަތޮޅުގެ 13 ރަށް ހިމެނޭހެން ފަސް ރޫޓެއްގެ ދަތުރުތައް ފެށުމާއެކު، އަތޮޅުގެ ރައްޔިތުން ރަށު ބަންދުން ވީއްލުނީއެވެ. އަދި އެމްޓީސީސީގެ 42 އަހަރުގެ ދިގު ތާރީހުގައި ކަނޑުދަތުރުފަތުރުގެ ނިޒާމަށް އަންނާނެ އެންމެ ހެޔޮ ބަދަލުގައި ސިއްކަ ޖެހިގެން ދިޔައީއެވެ.
މުޅި ރާއްޖެ ގުޅާލެވޭ އާރުޓީއެލް ހައި ސްޕީޑް ފެރީ ހިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. މިގޮތުގެ މަތިން، "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރެއްވީ 17 ޖެނުއަރީ 2021 ވަނަ ދުވަހުއެވެ. އޭގެ އިތުރުން ދެވަނަ އަދި ތިންވަނަ ފިޔަވަހި އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރެއްވީ 14 އޭޕްރީލް 2022 ވަނަ ދުވަހުއެވެ. ފުރަތަމަ ފިޔަވަހީގެ ޒޯން 1 (ހއ. ހދ. ށ) އަދި ދެވަނަ އާއި ތިންވަނަ ފިޔަވަހީގެ ޒޯން 2 (ނ، ރ، ބ އަދި ޅ) ޒޯން 3 (ކ، އއ، އދ، އަދި ވ) ޒޯން 4 (މ، ފ، ދ، ތ އަދި ލ) ޒޯން 5 (ގއ އަދި ގދ) ޒޯން 6 (ސ އަދި ޏ)، އާއެކު، ޖުމުލަ 20 އަތޮޅު ހިމެނޭހެން މުޅި ރާއްޖެއަށް އާރުޓީއެލްގެ ހިދުމަތް ދިނުމަށް ސަރުކާރުން ވަނީ ނިންމަވައިފައެވެ. އަދި މި މަޝްރޫއުގެ ފޭސް 1 ގެ ދަށުން، ޒޯން 1 ގެ ހއ. ހދ. އަދި ށ. އަތޮޅަށާއި، ފޭސް 2 ގެ ދަށުން ޒޯން 2 ގެ ޅ. އަތޮޅަށް މިހާރު ވަނީ އާރުޓީއެލް ސްޕީޑް ފެރީގެ ހިދުމަތް ދޭން ފެށިފައެވެ. އެއީ ބޮޑުތިލަދުންމަތީގެ 41 ރަށާއި ޅ. އަތޮޅުގެ 5 ރަށާއެކު، ޖުމުލަ 46 ރަށެވެ. ކުރިއަށްއޮތް ތަނުގައި، ބާކީ 16 އަތޮޅަށް ހިދުމަތް ދޭން ފެށި މުޅި ރާއްޖެ ކަނޑުދަތުރުފަތުރުގެ އެއް ވިއުގައަކުން ގުޅާލެވިގެންދާނެއެވެ. އާރުޓީއެލްގެ ފެރީ ހިދުމަތް ފެށިގެން މިވީ އެއް އަހަރު ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލައިލާ އިރު، ހދ. އަތޮޅުގައި 101,802 ރައްޔިތުން، ހއ. އަތޮޅުގައި 89,993 ރައްޔިތުން، ށ. އަތޮޅުގައި 61,421 ރައްޔިތުން، އަދި ޅ. އަތޮޅުގައި 9,111 ރައްޔިތުން، އެކު ޖުމުލަ 262,327 ރައްޔިތުން އާރުޓީއެލް ސްޕީޑް ފެރީގެ ހިދުމަތް ވަނީ ބޭނުންކޮށްފައެވެ. އަދި މި މުއްދަތުގައި، ހދ. އަތޮޅުގައި 4,599 ދަތުރު، ހއ. އަތޮޅުގައި 5,546 ދަތުރު، ށ. އަތޮޅުގައި 3,280 ދަތުރު، ޅ. އަތޮޅުގައި 1,076 ދަތުރު، އެކު ޖުމުލަ 14,501 ޝެޑިއުލް ދަތުރު ވަނީ ކުރެވިފައެވެ. ވަކިން ހާއްސަކޮށް ފާހަގަކޮށްލެވެނީ ނޮވެމްބަރު 2022 އިން ފެށިގެން މިހާތަނަށް އެއްވެސް ދަތުރެއް ކެންސަލް ނުކޮށް ހަފުތާގެ ކޮންމެ ދުވަހަކު އާރުޓީއެލްގެ ދަތުރުތައް ދަނީ ކުރެވެމުންނެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކް ހިދުމަތުގެ ދަށުން ފެރީ އަދި ބަހުގެ ހިދުމަތް ފޯރުކޮށްދިނުމަށް މިހާތަނަށް 514 މުވައްޒަފުން ދަނީ މަސައްކަތްކުރަމުންނެވެ.
މި ފެރީ ނިޒާމުން ލުއިފަސޭހަ އަވަސް ހިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެއެވެ. ފުރަތަމަ ޒޯނުގެ ތިން އަތޮޅާއި ދެވަނަ ޒޯނުގެ ޅ. އަތޮޅުގައި ހިދުމަތް ފަށާފައި މިވަނީ، ޒަމާނީ، ދުވެލި ހަލުވި، އުޅަނދުތަކެއްގައެވެ. މިގޮތުން، ކުރިއަށްވުރެ އެތައް ގުނައެއް އަވަސްކޮށް ބާރު ދުވެލީގައި މިހާރު ދަތުރުކުރެވޭނެއެވެ. އެއާކޯން ކުރެވިފައިވާ މިއުޅަނދުތައް ހުންނާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އަރައި ފޭބޭ ގޮތަށް އަދި ބަލިމީހުން އުފުލުމަށްވެސް ފަސޭހަވާނޭ ގޮތަށް ފަރުމާކުރެވިފައެވެ. މީގެ އިތުރުން، ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ހިދުމަތުގައި ދަތުރުކުރާ ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ދަފުތަރުގައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި ސްކޫލު ކުދިން ޔުނިފޯމްގައި ތިބޭނަމަ، އެކުދިންނަށް ހިލޭ ދަތުރު ކުރެވޭނެއެވެ. އުޅަނދުގައި ފާހާނާއާއި ލަގެޖު ބެހެއްޓޭނެ ޖާގަ ހާއްސަ ކުރެވިފައި ހުންނާނެއެވެ. މިއީ، ރާއްޖޭގެ މޫސުމާ، އޮއިވަރާ، ބާންޏާއި، ރާޅަށް ރިއާޔަތް ކުރެވިގެން، ދެ މޫސުމަށް ވެސް، ފަހިވާނޭހެން ބަނދެފައިވާ ކަނޑަށްވެސް ގަދަ އުޅަނދުތަކެކެވެ. މި ހިދުމަތް ހަފުތާއަކު ހަތް ދުވަހު ރައްޔިތުންނަށް ފޯރުކޮށްދޭނެއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ހައި ސްޕީޑް ފެރީ ނިޒާމްގެ ޒަރީއާއިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލައި، އެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، އެކަމުން ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ކުރިއެރުންތަކެއް ލިބި، ސަރަހައްދީ ގޮތުން ރަށްތަކަށް ތަރައްގީ ލިބިގެންދާނެއެވެ. މިގޮތުން، ލޯކަލް ޓޫރިޒަމް އަދި މި ފަހުން ތައާރަފު ކުރެވުނު ހޯމްސްޓޭ ޓޫރިޒަމް ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ކައިރި ރަށްރަށުގައި ވަޒީފާ އަދާކުރުމުގެ އިތުރުން ތައުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކަށްވެސް ލުއިފަސޭހަކަން ލިބިގެންދާނެއެވެ. ހަމައެހެންމެ އަތޮޅު ހޮސްޕިޓަލްތަކަށް އަދި އަތޮޅު ވެރިކަންކުރާ ރަށްރަށުން ބޭނުންވާ ސިއްހީ އަދި އިދާރީ ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ވީމާ، އާރުޓީއެލް ހައި ސްޕީޑް ފެރީ ހިދުމަތުގެ ސަބަބުން ސިއްހީ އަދި އިދާރީ ހިދުމަތް ހޯދުމަށް، ދިރިއުޅޭ ރަށުން އިރާކޮޅު ފުރައިގެން ގޮސް، ހިދުމަތް ހޯދުމަށްފަހު، ހަމަ އެދުވަހު އެނބުރި އާދެވޭނެ މަގުވެސް މިވަނީ ފަހިވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުހައްމަދު ސޯލިހު، 2022 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ، ހިންގާ މަޝްރޫއުތައް އެއީ ހަމައެކަނި ދިރިތިބުމަށްޓަކައި ކުރާ ކަންކަމުގެ އިތުރަށް، ދިރިއުޅުމުގެ މަގުކޮށައި އަލިކޮށްދޭ ވަސީލަތްތައް ކަމުގައި ހެދުމެވެ. ހަމަގައިމުވެސް، އެމަނިކުފާނުގެ ބަސްފުޅުގެ ތެދުކަން ބޮޑު ތިލަދުންމަތިންނާއި ފާދިއްޕޮޅު އަތޮޅުން މިއަދު އެދަނީ ފެންނަމުންނެވެ. އާރުޓީއެލް ފެރީ ދަތުރުގެ ހިތްގައިމުކަމާއި، އުޅަނދުފަހަރުގެ ރީތި ކަމާއި، ހިދުމަތް ދޭން ތިބޭ އެމްޓީސީސީ މުވައްޒަފުންގެ އޯގާތެރިކަމާއި، ޖީބަށް ލުއިވެގެން ދިޔަ ވަރާއި، އެރަށަށް ގޮސް މިރަށަށް އާދެވޭލެއް އަވަސްކަމުގެ ވާހަކަ، މީސްމީޑިއާގައި ދައުރުނުވާ ދުވަހެއް، ނުދެއޭ ދެންނެވުން އެއީ ކުށް ބަހަކަށް ނުވާނެއެވެ.
ރައްޔިތުންގެ ތައުރީފު އަބަދުވެސް ލިބޭ ކަމެކެވެ. އަދި މިފަދަ ސަބަބުތަކަށްޓަކައި ކައުންސިލްތަކުން އެ ކުންފުންޏަށް ފޮނުވާ ސިޓީތަކުގައިވެސް އެމްޓީސީސީން ފޯރުކޮށްދެމުންދާ ހިދުމަތަށް ތައުރީފުކޮށްފައިވެއެވެ.
ޓެކްނޮލޮޖީއާއި ރައްޓެހި މި ޒަމާނުގައި، އާރުޓީއެލްގެ ހިދުމަތްވެސް އެމްޓީސީސީން ފޯރުކޮށްދެމުންދަނީ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. މިގޮތުން، ކޮންމެ ތަނެއްގައި ހުރެގެން، ކޮންމެ ވަގުތަކުވެސް، ކޮންމެ ރައްޔިތެއްގެ އަތުގައި އޮންނަ ސްމާޓް ފޯނުން، އޭނާ އެހުރި ތަނަކުން، ދަތުރުގެ ޝެޑިއުލް ބަލައިލެވި، ޓިކެޓް ބުކްކޮށްލެވި، އަދި ޓިކެޓަށް ފައިސާ ދެއްކޭނެއެވެ. ސްމާޓްފޯނެއް އަތްޕުޅުގައި ނެތް ބޭފުޅުންނަން، ޓިކެޓުގެ ނަންބަރު ދައްކާލައްވައިގެން ދަތުރުކުރެއްވޭނެއެވެ. ޓިކެޓު ބައްލަވައިގަތުމަށް ކަސްޓަމަރުންނަށް، އާރުޓީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން ބޭނުންކުރެއްވޭނެއެވެ.
ހއ. ހދ. ށ. އަދި ޅ. އަތޮޅުގެ ރައްޔިތުން ކަނޑުދަތުރުފަތުރު ކުރުމުގައި، މިހާރު ތަޖުރިބާ ކުރަމުންދާ ލުއިފަސޭހަކަން ތަޖުރިބާ ކުރުމަށް ރާއްޖޭގެ އެހެން އަތޮޅުތަކުގެ ރައްޔިތުންވެސް ތިބޭނީ ކެތްމަދުވެފަކަން އަޅުގަނޑަށް ޔަގީނެވެ. ހަމަ މި ޔަގީންކަމާއެކު، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ދެއްވަނީ، ބާކީ 16 އަތޮޅަށްވެސް ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ހިދުމަތް ފެށިގެންދާނެކަމުގެ ޔަގީންކަމެވެ. މިއީ، މުޅި ރާއްޖެއަށް އެކީ އެއްހަމައަކުން، ތަންފީޒުކުރެވޭނެ ވަކި ހާއްސަ ތަސައްވަރެއްކަމަށް، ހއ. ދިއްދޫގައި އޮތް، އާރުޓީއެލް ބޮޑު ތިލަދުންމަތި ގުޅައިލުމުގެ ހަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. މި ސަރުކާރުގެ ސިޔާސަތަކީ، އެއްވެސް ތަފާތު ކުރުމެއްނެތި، ހުރިހާ ރައްޔިތުންނާ މެދުވެސް ހަމަހަމަކަމާއެކު ކަންތައް ކުރުމެވެ. ރާއްޖޭގައި ކުޑައެއް ބޮޑެއް، އުތުރެއް ދެކުނެއް އަދި މެދުރާއްޖެތެރެއެއް ނެތި ހަމަހަމަކަން އޮންނަންޖެހޭ ކަމަށް ސަރުކާރުން ދެކިލައްވައެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ސްޕީޑް ފެރީގެ ހިދުމަތް ހަ ޒޯނެއްގައި ފެށިގެން ދާއިރު، ޒަމާނީ ފެރީގެ ހިދުމަތް ދޭ 82 އުޅަނދެއް އޮންނާނެއެވެ. 180 އަށްވުރެ ގިނަ ފެރީ ޓާމިނަލް ހުންނާނެއެވެ. އަދި މި އުޅަނދުތަކަށް ހިދުމަތް ދޭނެ ބޯޓުޔާޑު ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމުކުރެވިފައި ހުންނާނެއެވެ. މުޅި ރާއްޖެއަށް މި ހިދުމަތް ފުޅާވެގެން ދާއިރު އެތައް ސަތޭކަ ވަޒީފާ އަލަށް އުފެދިގެން ދާނެއެވެ. މި މުވައްޒަފުންނަކީ، ކޮންމެ މީހެއްގެ އެވްރެޖް މުސާރައަށް ބަލާ އިރު، އެކަށީގެންވާ މުސާރައެއް ލިބޭ، އަދި ހިދުމަތަށް ތަމްރީން ވެފައިވާ، ގާބިލު ބަޔަކަށް ވެގެންދާނެއެވެ.
ކޮންމެއަކަސް، ރާއްޖޭގެ ރައްޔިތުން އާރުޓީއެލް ހިދުމަތް ޝުކުރުވެރިކަމާއެކު ބަލައިގެންފިކަމުގެ އުފާވެރިކަން ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް ސޯލިހާއި، އާރުޓީއެލްއާ ގުޅޭ ސިޔާސަތުތައް ފަރުމާކޮށްދެއްވުމުގައި ވަރުބަލިކަމެއްނެތި އުޅުއްވާ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި، ހިދުމަތް ދިނުމުގައި އަވަދިނެތި މަސައްކަތްކުރައްވާ އެމްޓީސީސީގެ ސީއީއޯ އަލްފާޟިލް އާދަމް އާޒިމާއި އެބޭފުޅުންގެ ޓީމަށް މިއަދު އެބައޮތެވެ. ވޭތުވެގެން މިދިޔައީ އާރުޓީއެލްގެ ހިދުމަތުގެ އެއް އަހަރެވެ. މި އެއް އަހަރުތެރޭގައި އާރުޓީއެލްގެ ހިދުމަތާ ގުޅޭގޮތުން ދެކެނީ ކިހިނެއްތޯ މަގުމަތިން ދިމާވި އިސްރައްވެއްސެއް ގާތު އަޅުގަނޑު އަހާލީމެވެ. "ރައްޔިތުން މާ ގަޔާވާ އާރުޓީއެލް އެއްނު ތިއީ! ބޭބެއަށް ހީވަނީ ކުރިއަށް އޮތްތަނުގައި އަދި މާ ފައްކާ ވާނެހެން!" އޭނާ ބުންޏެވެ.
އެޑްވަޓޯރިއަލް
އެޑްވަޓޯރިއަލް
އެޑްވަޓޯރިއަލް
އެޑްވަޓޯރިއަލް