ޒަމާނީ ތައުލީމުގެ މަރުކަޒެއްގެ ގޮތުގައި ސައޫދީ އަރަބިޔާގެ ރައްޔިތުން މިހާތަނަށް ބަލަމުންއައި ގައުމަކީ އެމެރިކާއެވެ. ސައޫދީ ދަރިވަރުން މަތީތައުލީމަށްޓަކައި އެމެރިކާ އިޚުތިޔާރު ކުރަނީ 1950ގެ އަހަރުތަކުން ފެށިގެންނެވެ. ސައޫދީ އަރަބިޔާގެ ބާނީ އަބްދުލްއަޒީޒު ރަސްގެފާނު އެތާގައި ތައުލީމާބެހޭ ވުޒާރާއެއް އުފެއްދެވީ 1953 ވަނަ އަހަރުއެވެ. ވުޒާރާގެ މައިގަނޑު ބޭނުމަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގެ މަގުބޫލު ޔުނިވަރސިޓީތަކަށް ސައޫދީ އަރަބިޔާގެ ދަރިވަރުން ފޮނުވުމެވެ. މިގޮތުން ސައޫދީ ދަރިވަރުން އެންމެފުރަތަމަ ފޮނުވީ އަރަބި ގައުމުތަކަށެވެ. މިސްރާއި ލުބުނާނަށެވެ. ތެލުގެ ސިނާއަތު ފުޅާވެ އެ ސިނާއަތުގައި މަސައްކަތްކުރާ އެމެރިކާގެ މީހުންގެ އަދަދުވެސް ގިނަވުމާއެކު ތައުލީމީ ވުޒާރާގެ ދުރުމި އަރަބި ދުނިޔެެއިން ނެއްޓި އެމެރިކާޔާއި ޔޫރަޕުގެ ގައުމުތަކަށް ހުއްޓުނެވެ.
ސައޫދީ ދަރިވަރުންގެ ފުރަތަމަ ގްރޫޕް އެމެރިކާއަށް ދިޔައީ 1958 ގައެވެ. އެމީހުން ކިޔަވައިގެން އެނބުރި ގައުމަށްއައިސް ދަރިން ހޯދައި އެދަރިންވެސް ފޮނުވަން ބޭނުންވީ އެމެރިކާއަށެވެ. މިގޮތުން އެއްއަހަރުން އަނެއް އަހަރަށް ސައޫދީ ދަރިވަރުންގެ އަދަދު އެމެރިކާގައި އައީ ބޮޑުތަނުން އިތުރުވަމުންނެވެ. ކިޔެވުމުގެ ހުރިހައި ޚަރަދެއް ތައުލީމީ ވުޒާރާގެ ބަޖެޓުގެ ތެރެއިންނެވެ. ތިބުމާއި ކެއުމާއި ދަތުރުފަތުރުގެ އެންމެހައި ކަންކަންވެސް ސަރުކާރުންނެވެ. އެމެރިކާގައި ކިޔަވާ ސައޫދީ ދަރިވަރުންގެ އަދަދު އެންމެ ފުރަތަމަ ދިހަހާހުން މައްޗަށް އުފުލުނީ 1970ގެ އަހަރުތަކުގެ ތެރޭގައެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެއްޓި ސައޫދީ އަރަބިޔާގެ އިގްތިސާދަށް 1980ގެ އަހަރުތަކުގެ މެދުތެރޭގައި ލޮޅުންތަކެއް އެރުމާ ހަމަޔަށް ދަރިވަރުންގެ އަދަދުވެސް ދިޔައީ އުފުލެމުންނެވެ.
ކުރިން ދެންނެވި ގޮތަށް ތެލުގެ އަގު ވެއްޓުމާ ގުޅިގެން ސައޫދީ ސަރުކާރުގެ ސްކޮލަރޝިޕްތައް މަދުކުރިއެވެ. އެދުވަސްވަރު އަދަދުތައް މަދުވެލާފައި އަނެއްކާވެސް އަދަދުތައް މައްޗަށް ޖެހެމުންގޮސް 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު އެގާރައިގައި ނިއުޔޯކުގެ ޓުވިން ޓަވަރު ގޮއްވާލުމުގެ ހާދިސާޔާ ހަމައިން ދެން އަދަދުތައް ދިޔައީ ދަށަށެވެ. ޓަވަރު ގޮއްވާލުމުގެ ތުހުމަތު އެޅުނީ އެމެރިކާގައި ތިބި ސައޫދީ ދަރިވަރުންގެ ތެރެއިން ބައެއްގެ ބޮލުގައެވެ. ނަތީޖާއަކަށްވީ ސައޫދީ އަރަބިޔާގެ ދަރިވަރުންނަށް އެމެރިކާއިން ސްޓޫޑެންޓް ވިސާ ލިބުން ދަތިވުމެވެ. ވިސާ ދިނުމުގެ އުސޫލުތައް އާދަޔާޚިލާފަށް ހަރުކަށި ކުރުމެވެ. މިހެންވީމާ ދެން ޖެހިގެންއައި ހަތަރު އަހަރުގެ ތެރޭގައި އެމެރިކާގައި ކިޔަވަންތިބި ސައޫދީ ދަރިވަރުންގެ އަދަދު ވަރަށް ބޮޑަށް މަދުވިއެވެ. ތިންހާހަށް ތިރިވިއެވެ.
އަދަދުތައް މިހިސާބަށް ވެއްޓިފައިވަނިކޮށް އެމެރިކާގެ ރައީސް ޖޯޖް ބުޝްއާއި ސައޫދީ އަރަބިޔާގެ އަބްދު ﷲ ރަސްގެފާނު ކުރެއްވި މަޝްވަރާތަކަށްފަހު 2005 ވަނަ އަހަރު ކިންގް އަބްދު ﷲ ސްކޮލަރޝިޕް ޕްރޮގްރާމުގެ ނަމުގައި އައު ޕްރޮގްރާމެއް ތައާރަފު ކުރެވުނެވެ. މި ޕްރޮގްރާމުގެ ދަށުން އެމެރިކާއާއި ޔޫރަޕުގެ ގައުމުތަކުގެ ޔުނިވަރސިޓީތަކުގެ ދޮރު އަނެއްކާވެސް ބޮޑުކޮށް ސައޫދީ ދަރިވަރުންނަށް ހުޅުވިގެންދިޔައެވެ. އެކަމަކު ދެންވެސް ވިސާ ދެމުންއައީ ވަރަށް ބޮޑަށް ބަލައިފައެވެ. އާއިލާގެ ވަނަވަރާއި ފިކުރުވެސް ބަލައިފައެވެ. އެކަމަކުވެސް އަދަދުތައް އިސާހިތަކު އުފުލޭންފެށިއެވެ. ތަފާސްހިސާބުތަކުން އެނގޭގޮތުގައި 2015 ވަނަ އަހަރު އެމެރިކާގައި ތިބި ސައޫދީ ދަރިވަރުންގެ އަދަދު އެއްލައްކައެވެ. މުޅި އެމެރިކާގައި ތިބި ބިދޭސީ ދަރިވަރުންގެ 8 އިންސައްތަޔަކީ ސައޫދީ ދަރިވަރުންނެވެ.
މިހާރު އަނެއްކާވެސް ހާލަތު ބަދަލުވެއްޖެއެވެ. ނަންބަރުތައް ވެއްޓިއްޖެއެވެ. އަދިވެސްދަނީ ވެއްޓެމުންނެވެ. މައިގަނޑު ސަބަބަކީ އެމެރިކާއަކީ ދާންހެޔޮތަނެއްކަމަށް އަދި އުޅޭންވެސް ހެޔޮތަނެއް ކަމަށް ގަބޫލުނުކުރާ ޒުވާނުން ސައޫދީ އަރަބިޔާގައި ގިނަވުމެވެ. ބެލެނިވެރިންވެސް އެމީހުންގެ ދަރިން އެމެރިކާއަށް ފޮނުވާކަށް މިހާރު ބޭނުމެއް ނުވެއެވެ. އެމެރިކާއަކީ ސައޫދީ ރައްޔިތުންނަށް ބިރުވެރި ނާމާންތަނަކަށް ވުމުންނެވެ. ނަމަށް ބަލައިފައި، މީހާޔަށް ބަލައިފައި، އަޅައިގެން ހުންނަ ހެދުމަށް ބަލައިފައި ތަފާތުކުރުން ބޮޑުވުމުންނެވެ. އިރެއްގައި އަމާން ތަނެކެވެ. އުފަލުގައި އަމާންކަމާއެކު އުޅެވޭ ތަނެކެވެ. އެކަމަކު މިހާރު އެހެނެއް ނޫނެވެ. ޚާއްސަކޮށް މެދުއިރުމަތީގެ މީހުންނާމެދު ތަފާތުކުރުންބޮޑުވެ އުޅެންދަތިވާ ހިސާބަށް ކަންކަން ފުރޮޅިއްޖެއެވެ.
އެމެރިކާއިން ޑިގްރީއެއް ލިބުމަކީ މިހާރު ފަޚުރެއްކަމަށް ނުބަލައެވެ. އެމެރިކާގެ ބަދަލުގައި ދާންހުރި ތަންތަންވެސް މިހާރު ވަރަށް ގިނައެވެ. ޒަމާނީ ތައުލީމުގެ ހަމައެކަނި މަރުކަޒަކީ އެމެރިކާއެއްވެސް ނޫނެވެ. ސައޫދީ ދަރިވަރުންގެ ތެރޭގައި މިވަގުތު އެންމެ މަގުބޫލު ދެމަންޒިލަކީ ޖަރުމަންވިލާތާއި ޖަޕާނެވެ. ބެލެނިވެރިންގެ މެދުގައިވެސް އެއީ އެންމެ މަގުބޫލު ދެގައުމެވެ. އޭގެ ސިއްރަކީ އެތަންތާގެ މީހުންގެ އަޚުލާގާއި ސުލޫކު ރަނގަޅުވުމާއި ކުށްކުރުމުގެ ސަގާފަތު ކުޑަކަމުންނެވެ. މީހުންނަށް އިހުތިރާމްކުރުމުގެ ސިފަ ފެންނާތީއެވެ. އަނެއްކޮޅުން ސައޫދީ އަރަބިޔާގައިވެސް ދުނިޔަވީ ޒަމާނީ ތައުލީމުގެ ނުހަނު އުސްބިނާތައް މިހާރު ގިނައެވެ. އިސްލާމީ އެނޫން ގައުމުތަކުގެ މުއައްސަސާތަކުގެ ދޮރާށިވެސް ބޮޑުކޮށް އެހެރީ ހުޅުވިފައެވެ. އެހެންވީމާ އެމެރިކާއަށް ދިޔުމުގެ ޝައުގު ކުޑަވީއެވެ.