އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މައްސަލައިގެ ޝަރީއަތް ފެށުން މިއަދުވެސް ފަސްކޮށްފިއެވެ.
ފުއްގިރި މައްސަލައާ ގުޅިގެން ޔާމީންގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.
މިއަދު އޮތީ މި މައްސަލައިގެ ޝަރީއަތް ފެށުމުގެ ގޮތުން ބޭއްވި އަޑުއެހުމެކެވެ. މިއަދުގެ ޝަރީއަތް ފައްޓަވަމުން ގާޒީ އަލީ ނަދީމް ވިދާޅުވީ، އިފްތިތާހީ ބަޔާން ހުށަހަޅަން އިތުރު ވަގުތު ބޭނުންވާކަން ފާހަގަކޮށް، ޔާމީންގެ ފަރާތުން ޝަރީއަތަށް ސިޓީއެއް ހުށަހަޅާފައިވާ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައިވެސް ޔާމީންގެ ފަރާތުން ވަނީ އިފްތިތާހީ ބަޔާން އިއްވުމަށް ދެކޮޅު ހަދައިފައެވެ. އެގޮތުން ދައުލަތުން އިފްތިތާހީ ބަޔާން އިއްވައި ނިމުމުން ޔާމީންގެ ފަރާތުން އިފްތިތާހީ ބަޔާން އިއްވުމަށް ދެއްވި ފުރުސަތުގައި ޔާމީންގެ ފަރާތުން ފާހަގަކުރީ އެ ކަމަށް ތައްޔާރުވެފައި ނުވާ ކަމަށާއި އެކަމަށް އިއުތިރާޒު ނުކުރާ ކަމަށެވެ.
މައިގަނޑު ގޮތެއްގައި ޔާމީން ފާހަގަކުރެއްވީ، ވަކީލު ބައްދަލުވުން އެކަށީގެންވާ މިންވަރަށް ނުލިބޭ ކަމަށާއި އެކަމުގެ ސަބަބުން އިފްތިތާހީ ބަޔާން ހުށަހެޅުން ލަސްވަނީ ކަމަށެވެ.
ޝަރީއަތް ލަހުން ފެށުމަށް ދައުލަތުންވެސް އިއުތިރާޒެއް ނުކުރެއެވެ. އެހެންވެ، ޔާމީންގެ ފަރާތުން ތަކުރާރުކޮށް ފާޅުކުރި ޝަކުވާތަކާ އެކު، ގާޒީ ނަދީމް ނިންމެވީ ޝަރީއަތް ފެށުމަށް ބާއްވާ އަޑުއެހުން އަންނަ ބުދަ ދުވަހަށް ފަސްކުރެއްވުމަށެވެ. އަދި އެއީ އިފްތިތާހީ ބަޔާން އިއްވަން ލިބޭނެ ފަހުގެ ފުރުސަތު ކަމަށްވެސް ވިދާޅުވިއެވެ.
ފުއްގިރި މައްސަލައިގައި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށްވެސް ދައުވާކޮށްފައިވެއެވެ. އެއީ ރިޝްވަތު ގަބޫލުކުރުމުގެ ކުރަށާއި މަނީ ލޯންޑަރިންގެ ދައުވާއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނާ ގޮތުން، ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައެވެ.
އެ މައްސަލައިގެ ތެރެއިން ޖުމުލަ 38،334،560 (38 މިލިއަން) އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އެއީ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 (އެއް މިލިއަން) އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 (ދެ މިލިއަން) އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 (35 މިލިއަން) އެމެރިކާ ޑޮލަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު