ސޯޝަލް ވޯކަރުންގެ މުސާރަ 67 ޕަސެންޓް ބޮޑުކޮށްފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަން އިއުލާންކުރެއްވީ މިއަދު ހެނދުނު ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ސިއްހީ ދާއިރާގައި ޒަމާނުއްސުރެ އޮތް ކަންބޮޑުވުމަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އެގޮތުން ޓެކްނިކަލް ވަޒީފާތަކުގެ އޮނިގަނޑު ހެދި، އެ ވަޒީފާތަކުން އިތުރަށް ކުރިއަށް ދެވޭނެ މަގުފަހިވެ، ސިއްހީ ދާއިރާއަށް ކުރިއެރުން ލިބޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިއްހީ ދާއިރާގެ މުސާރަތަކަށް ބަދަލުތައް ގެންނައިރު، ދިވެހިން ބިނާކުރުމަށް މިހާތަނަށް ދަތިކަމަށް ފާހަގަކުރެވިފައިވާ ފަންނުތަކުން، ކުރިއަށްދިއުމަށް ހިތްވަރު ދިނުމުގެ ގޮތުން، އެފަދަ ފަންނުތަކަށް ނިސްބަތުން ރަނގަޅު މުސާރައެއް މިހާރު ކަނޑައެޅިފައިވާ ކަމަށެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު، މާދަމާ އިން ފެށިގެން ސައިކޮލޮޖިސްޓުންނާއި ކައުންސިލަރުންނާއި ސޯޝަލް ވޯކަރުންނާއި ޝޯސަލް ސާވިސް ވޯކަރުން ހިމެނޭ ގޮތަށް ސޯޝަލް ސާވިސް ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ސޯޝަލް ވޯކަރުންގެ މުސާރަ ގާތްގަނޑަކަށް 67 ޕަސެންޓްގެ ކުރިއެރުމެއް ގެނެސް، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 21،585 ރުފިޔާ ލިބޭނެ ގޮތަށް ވަނީ ކަނޑައަޅައިފައެވެ. ސޯޝަލް ވޯކަރަކަށް މީގެ ކުރިން އިތުރު ގަޑީގެ އެލަވަންސާ އެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 12،944 ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު