ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ދެމުން އައީ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިއަދު ގައުމާ މުހާތަބުކުރައްވައި ވިދާޅުވީ، މާދަމާއިން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އަދި ސިއްހީ ދާއިރާއަށް ގެނެވޭ ކުރިއެރުމާއި އެ ދާއިރާއިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ބަރޯސާވެފައި ވަނީ އިންސާނީ ވަސީލަތްތަކާ ކަމަށެވެ.
"ސިއްހީ ދާއިރާގެ ބޭފުޅުންނަށް މިހާތަނަށް ދެމުން އައީ، އެބޭފުޅުން އެ އުފުއްލަވާ ބުރަޔާ އެކަށޭނަ މުސާރައެއް ނޫން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ނިޒާމަށް އާ ހިދުމަތްތަކާއި ވަސީލަތްތައް ތައާރަފުކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިހާރުވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސިއްހީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ދާއިރާއަށް ޝައުގުވެރިވާ ދިވެހިން މަދުވުން ކަމަށެެވެ. އެގޮތުން ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ނަރުހުންނާއި އެލައިޑް ހެލްތް ޕްރޮފެޝަނަލުން އަދި މެންޓަލް ހެލްތް ޕްރޮފެޝަނަލުން ލިބުން ދަތި ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުގެ އުއްމީދަކީ ސިއްހީ ދާއިރާގެ މުސާރައަށް މިގެނެވޭ ހެޔޮ ބަދަލާއެކު، މިދާއިރާއަށް ޝައުގުވެރިވާ ދިވެހިންގެ އަދަދު އިތުރުވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވުން" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ސިއްހީ ދާއިރާގެ ޓެކްނިކަލް ވަޒީފާތަކުގެ އޮނިގަނޑު ހެދި، އެ ވަޒީފާތަކުން އިތުރަށް ކުރިއަށް ދެވޭނެ މަގުފަހިވެގެންދާނެ ކަމަށެވެ.
ސިއްހީ ދާއިރާގެ ބޮޑުކުރި މުސާރަތައް (އިތުރު ގަޑީގެ އެލަވަންސް ނުލައި)
ސީނިއާ ރެޖިސްޓާޑް ނަރުހުން: 20،459 ރުފިޔާއިން 29،271 ރުފިޔާއަށް
ސްޕެޝަލިސްޓް ނަރުހުން: 29،271 ރުފިޔާއިން 41،976 ރުފިޔާއަށް
ސީނިއާ މެޑިކަލް އޮފިސަރުން: 28،727 ރުފިޔާއިން 41،541 ރުފިޔާއަށް
މެޑުިކަލް ޕްރެކްޓިޝަނަރުން: އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137 ރުފިޔާ
ސޯޝަލް ވޯކަރުން: 12،944 ރުފިޔާއިން 21،585 ރުފިޔާއަށް
ސަރުކާރުން ވަނީ، މެޑިކަލް އަދި ޑެންޓަލް އިންޓަންޝިޕް ފުރިހަމަ ކުރާ ފަރާތްތަކަށް އިންޓާން އެލެވަންސެއް ދިނުމަށްވެސް ނިންމައިފައެވެ.