މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ތިން މެމްބަރުން އިންތިހާބުކޮށްފިއެވެ.

ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި އިންތިހާބުގައި އެ ކައުންސިލަށް އިންތިހާބު ކޮށްފައިވަނީ، މީޑިއާތަކުން މެންބަރަކާއި އާންމުންގެ ތެރެއިން ދެ މެންބަރުންނެވެ. އެ މަގާމުތަކަށް މީޑިއާތަކުން ދެ ބޭފުޅަކު އަދި އާންމު މެންބަރުގެ ތެރެއިން ހަތަރު ބޭފުޅަކު ވާދަކުރެއްވިއެވެ.

މީޑިއާތަކުން އިންތިހާބުވީ ހަބަރު އޮންލައިންގެ އަލީ އާދަމެވެ. އޭނާ އަށް ލިބުނީ 64 ވޯޓެވެ. އާންމުންގެ ތެރެއިން އިންތިހާބުވީ ފ.ބިލެތްދޫ/ ބަސަރީ ހިޔާ، ޖައިލަމް ތައުފީގާއި ފ. ދަރަނބޫދޫ/ ރޯޝަނީގެ، އަލީ އިސްމާއިލެވެ. ޖައިލަމަށް 49 ވޯޓު ލިބުނުއިރު އިސްމާއިލަށް ލިބުނީ 43 ވޯޓެވެ.

މި އިންތިހާބުގައި 85 ފަރާތަކުން ވޯޓުލާން ރަޖީސްޓްރީ ކުރި ނަމަވެސް ވޯޓުލާފައިވަނީ 72 ފަރާތަކުންނެވެ.

މީޑިއާތަކުން އިންތިހާބުކުރާ އަށް މެމްބަރުންނާއި އާންމުންގެ ތެރެއިން އިންތިހާބުކުރާ ހަތް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ މީޑިއާ ކައުންސިލްގެ މެމްބަރުކަމުގެ ދައުރުގެ މުއްދަތަކީ ދެ އަހަރުގެ މުއްދަތެވެ.