ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އަންހެން މެމްބަރުންނަށް ހަ މަހުގެ މެޓާނިޓީ ލީވް ލިބޭ ގޮތަށް "ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންގެ ސުލޫކީ މިންގަނޑު ބަހައްޓަން ޖެހޭ ގޮތުގެ އުސޫލު" އިސްލާހުކޮށްފިއެވެ.
އެ އުސޫލު އިސްލާހުކޮށްފައި މިވަނީ އެ ޓްރިބިއުނަލްގެ އަންހެން މެމްބަރުންނަށް ހަ މަސް ދުވަހުގެ ވިހެއުމުގެ ޗުއްޓީ ނުލިބޭތީ އެތަނުގެ މެންބަރު މަރްޔަމް ޝަމްއާ އިބްރާހީމް ކަންބޮޑުވުން ފާޅުކުރުމުންނެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލް އަންހެން މެމްބަރުން ވިހެއުމުން ކުރިން ދެމުން އައީ ދެ މަސް ދުވަހުގެ ޗުއްޓީއެކެވެ.
ޓްރައިބިއުނަލުން އިއްޔެ އާއްމުކުރި އިސްލާހުގައިވާ ގޮތުގައި "މެމްބަރުންގެ އަހަރީ ޗުއްޓީ" މި މާއްދާގެ ފަހަތަށް "ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ" ވަނީ އިތުރުކޮށްފައެވެ. އެ މާއްދާގެ އިތުރުން މެމްބަރުންގެ ހާޒިރީއާއި މެންބަރުންގެ "ގަޑީ ލާރި ނެގުން"އާ ގުޅޭ މާއްދާއެއްވެސް އިސްލާހުކޮށްފައިވެއެވެ.
ޓްރައިބިއުނަލްގައި ތިބޭ ހަތް މެންބަރުންގެ ތެރެއިން ފަސް މެންބަރުންނަކީ އަންހެނުންނެވެ.