ޕްރެސިޑެންޓްސް ކަޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މާދަމާ ހަވީރު ކްލަބު އީގަލްސްއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އެންމެ ބޮޑަށް ސަމާލުވެ ވިސްނަންޖެހޭ ކަމަކީ ބުރު ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން "އޯވާ ކޮންފިޑެންސް" ވިޔަ ނުދޭން ކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ޕްރެސިޑެންޓްސް ކަޕްގެ ގްރޫޕް ބީގެ ފަހު މެޗުގައި ބުރު ސްޕޯޓްސް ކްލަބުން ވަނީ "ހައިރާންކުރުވަނިވި" ނަތީޖާއަކުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށްފައެވެ. ބުރުން ސެމީ ޔަގީންކުރީ މާޒިޔާ 2-1ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. އެ ނަތީޖާއަކީ ބުރުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ، ކުޅެމުންދާ ފުރަތަމަ ސީޒަނުގައި ހޯދި ފުރަތަމަ މޮޅެވެ. އެ ޓީމުން ފުރަތަމަ ޑިވިޝަންގެ ދަތުރު ފެށީ ޕްރެސިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެގެންނެވެ. އެ މެޗުން ބުރު ބަލިވެފައި އޮތުމާއެކު ވަރުގަދަ މާޒިޔާއާ ދެކޮޅަށް ނުކުތީ މޮޅުވުން މަޖުބޫރު މެޗަކަށެވެ. ނިޒާމްބެ ބުނީ މާޒިޔާ ބަލިކުރެވިދާނެ ކަމަށާއި އެކަމަށް ވިސްނުމެއް ގެންގުޅޭ ކަމަށެވެ.

ނިޒާމްބެ އެކަން ހާސިލުކޮށް، މާޒިޔާ މެޗަށްފަހު ބުނީ ލިބުނު މުހިންމު ތިން ޕޮއިންޓަކީ ބުރަށް ފުރަތަމަ ޑިވިޝަންގައި ފައިހިއްޕާލަން ލިބުނު ތިން ޕޮއިންޓް ކަމަށެވެ. އެ މޮޅާ އެކު ތަފާތު ރޫހެއްގައި އޮތް ބުރުން އީގަލްސްއާ ދެކޮޅަށް މާދަމާ ނުކުންނަ އިރު، ނިޒާމްބެ ބުނީ މެޗަށް ދެ ގޮތަކަށް ވިސްނުން ގެންގުޅެންޖެހޭ ކަމަށެވެ.

"ދެގޮތަކަށް ވިސްނަން އެބަޖެހޭ ސެމީ ފައިނަލަށް ނުކުންނައިރު. ފުރަތަމަ ކަމަކީ ސެމީ ފައިނަލަށް ދިއުން އެއީ ކުޅުންތެރިންނާއި ކްލަބެއްގެ ގޮތުގައި ބުރަށް ވަރަށް ބޮޑު ކާމިޔާބީއެއް. އެހެންވީމަ ކުޅުންތެރިން އޯވާ ކޮންފިޑެންސް ވިޔަ ނުދީ، ކްލަބުގެ އުންމީދުތައްވެސް މާބޮޑަށް ނުގެންގޮސް ތައްޔާރުވާން ޖެހޭނެ. އަނެއްކޮޅުން މިއީ ހަމަ މުޅިން ތަފާތު މެޗެއް. އެގޮތަށް ވިސްނައިގެން ތައްޔާރުވާން ޖެހޭނީ. އެހެންވީމަ އެކަމަށްވެސް ވިސްނައިގެން ތައްޔާރުވާން ޖެހޭނީ،" ކުރިން ޓީސީ އާއެކު ޕްރެސިޑެންޓްސް ކަޕުގެ ފައިނަލަށް ދިޔަ ކޯޗު ނިޒާމްބެ ބުންޏެވެ.

"އެންމެ ބޮޑަށް ވިސްނަން ޖެހެނީ އޯވާ ކޮންފިޑެންސް ވިޔަ ނުދޭން. އެ މެޗަށްފަހު ހަމަ އެންމެ ފުރަތަމަ ކަމަށްވެސް ވިސްނައި ދިނީ އެކަންތައް. މިއަދާ ހަމައަށް އައި އިރު، އެކަމަށް އެންމެ ބޮޑަށް ސަމާލުކަމެއްދީ ކުޅުންތެރިން ވަރަށް ރަނގަޅަށް ތިބީ. އެ މެޗާ އެއްކޮށް ނަތީޖާ ނެރެވޭނެ މެޗެއް ނޫންކަން ވިސްނާ ދީފައިވާނީ ސެމީގެ މެޗަކީ. އަދި އެ މެޗުގެ ނަތީޖާ ތަކުރާރުވުން އެއީ ފަސޭހަ ކަމެއް ނޫންކަންވެސް ވާނީ ވިސްނައި ދީފައި. އިތުރަށް ހިނގާފާނެ ކަންކަމަށް ސަމާލުވާންވެސް ވާނީ ވިސްނައި ދީފައި،" ނިޒާމްބެ އިތުރަށް ބުންޏެވެ.

އީގަލްސްއާ ގުޅޭ ގޮތުން ވާހަކަދައްކަމުން ނިޒާމްބެ ބުނީ، މިހާރު ކްލަބުގައި ހުރި ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) އާއި އީގަލްސްއަކީ ރަނގަޅު ގުޅުމެއް އުފެދިފައިވާ ރަނގަޅު "ކޮމްބިނޭޝަން"އެއް ކަމަށާއި އޭގެ ފައިދާ އީގަލްސް ޓީމުން ފެންނަ ކަމަށެވެ. ސާންތި އީގަލްސް އާއެކު މިހާތަނަށް ހޯދި ހަމައެކަނި ޓޮޕް ލެވެލްގެ ތަށި ހޯދީ، ނިޒާމްބެ ކޯޗުކަން ކޮށްދިން ޓީސީއާ ދެކޮޅަށް ނުކުމެއެވެ. އެއީ 2016 ވަނަ އަހަރު ޕްރެސިޑެންޓްސް ކަޕެވެ.

"ސާންތި މިހާރު އެ ހުރީ ސާންތި އެންމެ ފަސޭހަކޮށް، ކޮމްފޮޓަބަލްކޮށް މަސައްކަތް ކުރި ސްޕޮޓްގައި. އެއީ ސާންތިއާއި އީގަލްސްއަށްވެސް ވަރަށް ބޮޑު ފައިދާއެއް. އެ ފައިދާ ނަގަމުން އީގަލްސް މުބާރާތުގެ މިހާތަނަށް އައިއިރު ފެންނަނީ ވަރަށް ރަނގަޅަށް. ސީޒަނުގައި އަދި މިހާތަނަށް އީގަލްސްއަށް ގެއްލުނީ ޗެރިޓީ މެޗު އެކަނި. މި މުބާރާތުގެ ހުރިހާ މެޗަކުން މޮޅުވަމުން އައި ޓީމެއް އެއީ. އެހެންވީމާ އެ ޓީމުގެ ފެންވަރު އެނގޭ. އިދިކޮޅު ޓީމަށް އެއްޗެއް ބުނާނަމަ ބުނަން އޮތީ، އިދިކޮޅު ޓީމަކީ ޓެކްނިކަލީ ރަނގަޅު ޓީމެކޭ،" ނިޒާމްބެ މިއަދުގެ ޕްރެސްގައި ބުންޏެވެ.

އީގަލްސްއާއި ބުރު ވާދަކުރާ ސެމީ ފައިނަލް މެޗު އޮންނާނީ މާދަމާ ހަވީރު 4:00 ގައެވެ.