ސްކޭމް ކޯލްތަކާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ހައްލުކުރުމަށް، މަލްޓި އެޖެންސީ ޓާސްކްފޯސްއެއް އެމްއެމްއޭގެ އިސްނެގުމުގެ މަތިން އެކުލަވާލަން އެންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކުރީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ވެރިފަރާތްތަކަށް ނޭނގި އެ އެކައުންޓްތަކުން ފައިސާ ކެނޑެމުންދާ މައްސަލައާއި އެކައުންޓް ބްރީޗްވިކަން ނޭނގި އެހެން އެކައުންޓްތަކަށް ފައިސާ ޓްރާންސްވާ މައްސަލައާއި ބޭންކް އެކައުންޓްތައް ފްރީޒް ކުރަމުންދާ މައްސަލައާއި ސްކޭމްތަކުގެ ސަބަބުން އެކައުންޓްތަކުގެ ވެރިފަރާތްތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބެމުންދާ މައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ބެލުމަށްފަހު އެ ކޮމިޓީން ފާސްކޮށް މަޖިލީހަށް ފޮނުވި ރިޕޯޓު މަޖިލީހުން ފާސްކޮށްގެންނެވެ.

އެ ރިޕޯޓުގައި ގިނަ ކަންތައްތަކެއް ކުރުމަށް ކަމާބެހޭ އިދާރާތަކަށް އެންގުމަށް ވަނީ ހިމަނައިފައެވެ.

އެގޮތުން މަލްޓި އެޖެންސީ ޓާސްކްފޯހެއް އެކުލަވައިލުމުގެ އިތުރުން މަޖިލީހުން އެ ރިޕޯޓް ފާސްކުރާތާ 15 ދުވަހުގެ ތެރޭގައި އެ އިދާރާތައް ގުޅިގެން މަސައްކަތް ކުރެވޭނެ ނިޒާމެއް ކަނޑައަޅައި މައްސަލަތަކަށް އަވަހަށް ފިޔަވަޅު އަޅައި ހައްލުކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް އެމްއެމްއޭއަށް އެންގުމަށް ހިމަނާފައިވެއެވެ.

އެގާރަ ކަމެއް ކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގަން ހިމަނައިގެން ފާސްކުރި އެ ރިޕޯޓްގައި ބުނެފައިވަނީ، ފްރޯޑް އަދި ސްކޭމަށް ހުށަހެޅޭ އާއްމު ރައްޔިތުންނަށް އެހީތެރިކަން ފޯރުވައިދިނުމަށް ފްރޯޑް ޔުނިޓަކާއި ގައުމީ ފްރޯޑް އަދި ސްކޭމް ހޮޓްލައިނެއް ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ބޭނުންކުރާ ހުރިހާ ފޯނު ނަމްބަރުތަކަކީ ރަޖިސްޓްރީ ކޮށްފައިވާ ނަމްބަރުތަކެއް ކަން ކަށަވަރުކޮށް، ނަންބަރުތަކުގެ ވެރިފަރާތް ފަސޭހައިން ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމަށް ކޮމިއުނޮކޭޝަން އޮތޯރިޓީއަށް އެންގުމަށާއި މަޖިލީހުން އެ ރިޕޯޓް ފާސްކުރާތާ 15 ދުވަހުގެ ތެރޭގައި މޯބައިލް ސިމްކާޑުގެ އެކްސެސް ވަކި އަދަދަކަށް ލިމިޓްކޮށް، ސިމްކާޑުތައް ރެގިއުލޭޓް ކުރުމަށް ކޮމިއުކޭޝަން އޮތޯރިޓީން އެލުލަވާލަމުން ގެންދާ ގަވާއިދު ނިންމައި ގެޒެޓު ކުރަން އެންގުމަށްވެސް ހިމަނައިފައެވެ.

ސްކޭމްގެ ކުށްތައް މައިގަނޑު ގޮތެއްގައި ފެންނަނީ ކ. މާފުށީ ޖަލުގައި ތިބޭ ގައިދީންގެ ފަރާތުން ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އެ ކުށް ކުރުމަށް ބޭނުންކުރާ ތަފާތު އުކުޅުތައް އުފައްދައި، އެ އުކުޅު ބޭނުންކުރަމުން ދަނީ ޖަލުގައި ތިބޭ ގައިދީން ކަމަށްވެސް ބުނެފައިވެއެވެ.

ޖަލުގައި ޓަވަރު ހަރުކުރުމަށް ތައްޔާރުކުރި ޖޮއިންޓް ޕްރޮޓަކޯލް އެއްބަސްވުމުގައި ސްވިޗް ޑޭޓާ ފޯމެޓުގައި 14 މައުލޫމާތެއް ހިއްސާ ކުރުމަށް އެއްބަސްވެފައިވީ ނަމަވެސް ޓެލެކޮމިއުކޭޝަން ސާވިސް ޕްރޮވައިޑަރުން، ފުލުހުންގެ ހިދުމަތާ ހިއްސާ ކުރަމުންދަނީ ނުބައި މައުލޫމާތެއް ކަމަށްވެސް ބުނެފައިވެއެވެ.

އަދި ހިއްސާ ކުރަމުންދާ ޓަވާ ޑޭޓާ އެއްފޯމެޓަކަށް ނެތުމުން އެނަލައިޒްކޮށް ގައިދީން ބޭނުން ކުރަމުންދާ ނަމްބަރުތައް ދެނެގަތުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކޮށް، ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މައުލޫމާތު ފޯރުކޮށްދިނުމަށާއި ދުވަހުން ދުވަހަށް ހިއްްސާކުރާ ޓަވާ ޑޭޓާ އެއް ފޯމެޓަކަށް ހިއްސާކުރުމަށް ޓެލެކޮމިއުނިކޭޝަން ސާވިސް ޕްރޮވައިޑަރުންނަށް އެންގުމަށްވެސް ރިޕޯޓުގައިވެއެވެ.

އޭގެ އިތުރުން ބޭންކު އޮފް މޯލްޑިވްސް ފަދަ ކުންފުނިތަކުގެ ނަމުގައި އެހެން ފަރާތްތަކުން އެސްއެމްއެސް ފޮނުވައިގެން އެ މެސެޖުތައް މެދުވެރިކޮށް މީސްމީހުންގެ ބޭންކު އެކައުންޓްތަކުގެ އެކްސެސް ވަގަށް ނެގުމުގެ މައްސަލަތައް ގިނަވަމުންދާތީ، އެފަދަ ފޭކު އެސްއެމްއެސްތައް ދެނެގަނެ، އެފަދަ އެސްއެމްއެސްތައް ފިލްޓާކޮށް ބްލޮކް ކުރުމަށް ބޭނުންވާ ސިސްޓަމްތައް ސާވިސް ޕްރިވައިޑަރުންގެ ނެޓްވޯކްތަކުގައި ގާއިމުކޮށް އަދި އެފަދަ އެސްއެމްއެސްތައް ހުއްޓުވުމަށް އެސްއެމްއެސް ރަޖިސްޓްރީއެއް ބެލެހެއްްޓުމަށް ކޮމިއުކޭޝަން އޮތޯރިޓީަށް ދަންނަވައި އެކަމާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ތަފުސީލު 30 މެއި 2023 ގައި ކޮމިޓީއާ ހިއްސާ ކުރުމަށްވެސް ހިމަނާފައިވެއެވެ.

މި ރިޕޯޓު މިއަދު މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 47 މެންބަރުންގެ ތެރެއިން 45 މެންބަރުން ވޯޓު ދެއްވައިގެންނެވެ.