ޚަބަރު

ޑުރަގް ފަރުވާ ދިނުމުގެ ސިޔާސަތު ބަދަލުކުރަން ގޮވާލައި ހަސަން ލަތީފް ހުށަހެޅި ހަގާރު ބޭރުކޮށްލައިފި

އިބްރާހިމް ޒަކީ

މަސްތުވާތަކެއްޗައް ދެވިހިފާފައިވާ މީހުންނަށް ދޭ ފަރުވާއާ ގުޅޭ ސަރުކާރުގެ ސިޔާސަތު ބަދަލުކުރަން ގޮވާލައި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު މަޖިލީހަށް ހުށަހެޅުއްވި ގަރާރު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ގަރާރު ބަލައިގަތުމަށް ވޯޓް ދެއްވީ އެންމެ 11 މެންބަރުންނެވެ. ގަރާރު ބަލައިގަތުމަށް ނުފެންނަ ކަމަށް 30 މެންބަރުން ވޯޓް ދެއްވިއެވެ.

އެ ގަރާރުގައި ވަނީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ލަސްނުކޮށް ފަރުވާދީ، އެ މީހުން މުޖުތަމައަށް ނެރުމަށް ގައުމީ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަކީ އެމްޑީޕީގެ ވައުދެއް ކަމަށެވެ. ނަމަވެސް އެކަމާބެހޭ ސަރުކާރުގެ ސިޔާސަތުތައް މިހާރު އޮތް ގޮތުން އެކަން ހާސިލުނުވާ ކަމަށްވެސް ގަރާރުގައިވެއެވެ.

އަދި ސަރުކާރުގެ ސިޔާސަތުތައް މިހާރު އޮތް ގޮތުން، އެމްޑީޕީގެ މެނިފެސްޓޯގައިވާ ތަސައްވަރާ އެއްގޮތަށް ފަރުވާ ދޭނެ ގާބިލުކަން ސަރުކާރުގެ އިންސާނީ ވަސީލަތްތަކުގެ ތެރެއަކު ނެތް ކަމަށްވެސް ބުނެފައިވެއެވެ. އެކަމުގެ ސަބަބުން ދިގު މުއްދަތަކަށް ބައިތިއްބައިގެން ފަރުވާދޭނެ ދެ މަރުކަޒެއް ހުރި ނަމަވެސް، ފަރުވާ ދޭނޭ މީހެއް ނެތިގެން އެތަންތަނުގެ 50 ޕަސެންޓް ބޭނުން ކުރެވިފައިނުވާ ކަމަށްވެސް ގަރާރުގައިވެއެވެ.

ގަރާރުގައި ބުނެފައިވަނީ، ވަގުތު ބޭކާރުނުކޮށް، އިތުބާރު ހިފޭ ފަރުވާ ދޭ ނިޒާމެއް ގާއިމުކުރުމަށް އަމިއްލަ ފަރާތްތަކަށާއި ބޭރުގެ ތަޖުރިބާކާރުންނަށް އެކަމަށް ފުރުސަތު ހުޅުވާލަންޖެހޭ ކަމަށެވެ. އަދި މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބި މީހުން، އެކަމުން ސަލާމަތް ކުރެވޭނީ އެ މީހުންނަށް ބޭނުންވާ ބޭސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބޭނެ ގޮތް ހަމަޖައްސައި، ކޮމިއުނިޓީ ރީ އިންޓެގްރޭޝަން ޕްރޮގްރާމްތައް ހިންގައިކަން ފާހަގަކޮށް، އެކަން ކުރުމަށް ސަރުކާރަށް ވަނީ ގޮވާލައިފައެވެ.

އޭގެ އިތުރުން އެފަދަ މީހުންނަށް ކައުންސިލިން ދޭނެ ރަނގަޅު ހިދުމަތެއް ތައާރަފުކޮށް، އެ ހިދުމަތް އާސަންދައިގެ ތެރޭގައި ހިމަނަންވެސް ގަރާރުގައި ގޮވާލާފައިވެއެވެ.