މިދިޔަ މާޗު މަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 98 މައްސަލައެއް ހުށަހަޅާފައިވާކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން އެ މިނިސްޓްރީއަށް މިދިޔަ މަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ބާވަތުގެ 29 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. ކުޑަކުދިންނަށް ޖިސްމާނީ ހާނިއްކަ ކޮށްގެން 28 މައްސަލައެއް، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ.
ޖިންސީ ހާނިއްކައިގެ 13 މައްސަލަ، ނަފުސާނީ ހާނިއްކައިގެ 9 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުން އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ތިން މައްސަލައެއްވެސް މިދިޔަ މަހު ވަނީ ޖެންޑާއަށް ހުށަހަޅައިފައެވެ. ބްލެކް މެއިލް ކުރުމުގެ އެއް މައްސަލަ ވެސް ވަނީ ހުށަހަޅައިފައެވެ.
ޖެންޑާ މިނިސްޓްރީން އާންމުކުރި މިދިޔަ ފެބްރުއަރީ މަހުގެ ތަފާސްހިސާބުގައިވާ ގޮތުން އެ މަހުވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އިހުމާލުވުމުގެ 42 މައްސަލައެއް އެ މަހު ހުށަހެޅިއިރު، ޖިންސީ ހާނިއްކައިގެ 27 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. އަދި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 27 މައްސައަކާއި ޖިސްމާނީ ހާނިއްކައިގެ 25 މައްސަލައެއްގެ އިތުރުން ނަފްސާނީ ހާނިއްކައިގެ 21 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. އެހެން ކުދިންގެ ފަރާތުން ގާނާ ލިބުމުގެ ތިން މައްސަލަ، އިންޓަނެޓް މެދުވެރިކޮށް ގަނާ ކުރުމުގެ އެއް މައްސަލަ އަދި ބްލެކްމެއިކް ކުރުމުގެ އެއް މައްސަލައަކާއި ކުޑަކުދިންނަށް ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯތައް ދެއްކުމުގެ އެއް މައްސަލައެއް ވަނީ ފެބްރުއަރީ މަހު ހުށަހަޅައިފައެވެ.
މާޗު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 186 ކުދިންނެވެ. މާޗު މަހު ދައުލަތަށް ތިން ކުއްޖަކު ނެގިއިރު އޭގެ ތެރެއިން ދެ ކުއްޖަކު ފޯސްޓާކޮށް އެއް ކުއްޖަކު ވަނީ އާއިލާއަށް ރީއިންޓާގްރޭޓް ކުރެވިފައިކަމަށް ޖެންޑާއިން ބުންޏެވެ. ފެބްރުއަރީ މަހުގެ ތަފާސްހިސާބުގައިވެސް ބުނެފައިވަނީ އެ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ އަދަދަކީ 186 ކަމަށެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 29 މައްސަލަ މިދިޔަ މަހު ހުށަހެޅިއިރު ފެބްރުއަރީ މަހު ހުށަހަޅާފައިވަނީ 45 މައްސަލައެކެވެ. މާޗު މަހު އާއިލީ މައްސަލަތަކާއި ގުޅުންހުރި 18 މައްސަލައެއް ހުށަހެޅިއެވެ. ފެބްރުއަރީ މަހު އާއިލީ މައްސަލަތަކާއި ގުޅުންހުރި މައްސަލަތަކުގެ ގޮތުގައި ހުށަހަޅާފައިވަނީ 33 މައްސަލައެކެވެ.
މާޗު އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމުގެ 12 މައްސަލައެއް ހުށަހެޅިކަމަށް ޖެންޑާއިން ބުންޏެވެ. ފެބްރުއަރީ މަހު ހުށަހެޅީ އެ ބާވަތުގެ އަށް މައްސަލައެއްކަމަށް ޖެންޑާއިން ބުންޏެވެ. ކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 25 މައްސަލައެއް މިދިޔަ މަހު ރިޕޯޓު ކޮށްފައިވާއިރު ފެބްރުއަރީ މަހު އެ އަދަދު އުޅެނީ 25 ގަ އެވެ.
ޖެންޑާއިން ބުނީ މިދިޔަ މަހު އެ މިނިސްޓްރީއަށް ހުށަހަޅާފައިވަނީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ އެއް މައްސަލައެއް ކަމަށެވެ. ފެބްރުއަރީމަހުގެ ތަފާސްހިސާބުގައިވާ ގޮތުން އެ މަހުގަވެސް ހުށަހަޅާފައިވަނީ އެފަދަ އެ މައްސަލައެވެ.
މާޗު މަހު 16 މައްސަލައެއް ކުޑަކުދިންގެ އަހުލާގާއި ގުޅޭގޮތުން ހުށަހަޅާފައިވާ ކަމަށާއި ފެބްރުއަރީ މަހު ހުށަހަޅާފައިވަނީ 20 މައްސަލައެއް ކަމަށެވެ. ކުޑަކުދިންގެ ހައްގުތަކާއި ތަކާއި ގުޅުންހުރި ހަތަރު މައްސަލައެއް މާޗު ހުށަހެޅި ކަމަށާއި ފެބްރުއަރީ މަހު ހުށަހަޅާފައިވަނީ ދެ މައްސަލައެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު