މާލޭގައި ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އާ ޓްރާންސްފޯމަރުތައް ބެހެއްޓުމަށްޓަކައި ބޭނުންވާ ބިން ހޯދުމަށް ސިޓީ ކައުންސިލާ އެކު މަޝްވަރާކުރަމުންދާ ކަމަށާއި އެ ބިންތައް ލިބޭނެ ކަމުގެ އުންމީދު ބޮޑު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން ބިން ނުދޭތީ މާލޭގެ ތިން ސަރަހައްދަކުން ކަރަންޓް ކެނޑިދާނެކަމުގެ ބިރު އެބަ އޮތް ކަމަށް މީގެ ކުރިން ވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ޝަރީފް ރޭ ވިދާޅުވީ، ޓްރާންސްފޯމަރުތައް ބަހައްޓަން ބޭނުންވާ ބިން، ސިޓީ ކައުންސިލުން ހަމަޖައްސައިނުދިނުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި ޓްރާންސްފޯމަރުތައް ނުބެހެއްޓި، ކަރަންޓުގެ ލޯޑު ބޮޑުވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އާ ޓްރާންސްފޯމަރުތަކެއް ބެހެއްޓުމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލްގައި އެކި ފަހަރު މަތިން އެދިފައިވާ ކަމަށާއި އޭރު އެދިފައި ވަނީ ބިން ރެޖިސްޓްރީކޮށްދިނުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް މިހާރު ސިޓީ ކައުންސިލާއެކު މަޝްވަރާކުރެވެމުން އަންނަނީ އެ ބިންތައް ކުއްޔަށް ހޯދުމަށް ކަމަށެވެ.
"އަޅުގަނޑުމެންނަށް އުންމީދު ކުރެވޭ ހައްލެއް ހޯދޭނެ ކަމަށް. އެހެންނަމަވެސް އަދި ދެއްވާނެ ކަމަށް މޭޔަރު ވިދާޅުވެފައިވީ ނަމަވެސް އަދި ނުމެއް ލިބޭ. އެހެން ނަމަވެސް އަޅުގަނޑު އެހާ ނެގެޓިވްއެއް ނޫން އެކަމުގައި. އަޅުގަނޑު ވަރަށް އޮޕްޓިމިސްޓިކް ވިސްނުމެއް މިގެންގުޅެނީ އެކަމުގައި. އަޅުގަނޑު އުންމީދު ކުރާ ގޮތުގައި މާލޭ ސިޓީ ކައުންސިލުން އަޅުގަނޑުމެންނަށް އެ ބިން ދެއްވާނެ" ޝަރީފް ވިދާޅުވިއެވެ.
އާ ޓްރާންސްފޯމަރު ބަހައްޓާ ތަންތަނުގެ ތެރޭގައި ހިމެނެނީ ގާކޮށި، ސިނަމާލޭ 2 ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަނާއި މަޖީދިއްޔާ ސްކޫލު ކުރިމައްޗަށްވާ ގޮތަށް ހުރި ޕާކިންޒޯނާ ދިމާލުގައި ހަދާފައިވާ ސަބްސްޓޭޝަނުގެ އިތުރުން، ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން އޮތް ޕާކިން ޒޯނުގައި ހަދާފައިވާ ސަބްސްޓޭޝަނެވެ.