މިރަށު އަންނާރުމާގޭ ނައީމާ މޫސާ 63އ ގެ މަރަކީ މިރަށުގެ ތާރީހުގައި ހިނގައި ދިޔަ އެންމެ އަނިޔާވެރި މަރެވެ. މުޅި ރަށް ބިރުވެރިކަމެއްގެ ތެރެޔަށް ވައްޓާލި މަރެކެވެ. ވަރަށް އާދައިގެ ގޮތަކަށް ހަދާފައި ހުރި ގެއެއްގައި އެކަނިމާއެކަނީ ދިރިއުޅުމުގެ ދުވަސްތައް ގުނަމުން އައި ނައީމާގެ ފުރާނަ ނެތް މަސްގަނޑު ލެއިން ތަތްތެޅިފައި އޮއްވައި ފެނުނީ އޭނާގެ ޚަބަރެއް ނުވެގެން އާއިލާގެ ބައެއް މީހުންނާއި ފުލުހުން މިމަހުގެ ހަތް ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ކޮޓަރީގެ ދޮރުގެ ތަޅު ހަލާކުކޮށްލައިގެން އެތަނަށް ވަނުމުންނެވެ. ނައީމާގެ ހަށިގަނޑު ފެނުނުއިރު އެ ހަށިގަނޑުގައި ފުން ޒަހަމްތަކެއް ހުއްޓެވެ. އެނގިފައިވާ ގޮތުގައި ނައީމާގެ ކަރާއި ބުރިކައްޓާއި މޫނުންވެސް ގިނަ ޒަޚަމްތަކެއް ފެންނާން ހުއްޓެވެ.

ނައީމާ މަރުވެފައި އޮއްވައި ފެނުނުތާ މިހާރު ދެ ހަފުތާ ވެއްޖެއެވެ. އޭނާގެ މަރާ ގުޅިގެން ފުލުހުން މާ ގިނަ ވާހަކައެއް ރަސްމީ ސިފައެއްގައި ދައްކާފައެއް ނުވެއެވެ. ފުލުހުންގެ ޓީމަކުން އަދިވެސް މަނަދޫގައި ހަރަކާތްތެރިވަމުން އަންނައިރު، ނައީމާގެ ގާތިލު ހޯދުމަށް ފުލުހުން އަންނަނީ މުޅި މަނަދޫގައި އަތްފުނާ އަޅަމުންނެވެ. ނައީމާ ދިރިއުޅޭ ގޭގެ ހުރިހާ ތަނެއް ބަލައި ފާސްކޮށް ސާމްޕަލްތައް ނަގައިފިއެވެ. އެގޭގެ ވަލުދޮރާށި ހުންނަ ދިމާވެސް އެކި ގޮތްގޮތަށް ބަލައިފިއެވެ. ގުޅުން ހުރި ކަމަށް ބެލެވުނު، ފަޅު ގެއެއް ބަލައިފިއެވެ. ރަށުގެ މީހުންނާ ސުވާލުކޮށް، ނައީމާ ދިރިއުޅޭ ގެ ކައިރީގައި އުޅޭ ބައެއް މީހުންނާއި އާއިލާގެ ބައެއް މީހުންގެ ފިންގާ ޕްރިންޓާއި ޑީއެންއޭވެސް ނަގައިފިއެވެ. އޭގެ އިތުރުންވެސް ބައެއް މީހުންގެ ފިންގާ ޕްރިންޓާއި ޑީއެންއޭ ނަގައިފައިވެއެވެ.

ނައީމާގެ މަރާ ގުޅޭ ގޮތުން މަނަދޫގައި އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައަކީ، އެއީ "ސިހުރު"ގެ ކުޅިގަނޑެއް ކަމުގެ ވާހަކައެވެ. ނައީމާއަކީ ތަނަވަސް މީހަކަށް ނުވުމުން ފައިސާގެ ބޭނުމުގައި އޭނާގެ ޤަތުލު ކޮށްފާނެ ކަމަށް "ވަން" އާ ވާހަކަދެއްކި ގިނަ މީހުން ގަބޫލެއް ނުކުރެއެވެ. ނައީމާއަށް ޖިންސީ ގޯނާއެއް ކުރާން އުޅުމުގެ ތެރޭގައި އެފަދަ ކަމެއް ހިނގައިފާނެ ކަމުގެ ފުރުސަތު އޮތް ނަމަވެސް، އެކަމަށް ބާރުލިބޭ ހެއްކެއް މިހާތަނަށް ފެނުނު ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް އެއީވެސް ވެދާނެ ކަމެކެވެ. މަނަދުއަކީ ގިނަ އަދަދެއްގެ ބިދޭސީން ވެސް އުޅޭ ރަށަކަށް ވާތީ އެހެންވެސް ވެދާނެ ކަމަށް ބައެއް މީހުން ހީކުރެއެވެ.

މަނަދޫގައި އަޑުއަރައިފައި އޮންނަ ގޮތުން ނައީމާއަކީ ސިހުރު ހަދާ މީހެކެވެ. އެކަމާ ހެދި މަނަދޫގެ ގިނަ މީހުން ނައީމާ ދެކެ ބިރުގަނެއެވެ. ވެގެން ވަންޏާ ނައީމާ ހުންނަ ދިމާލަކަށް ބޯވެސް ނުލައެވެ. އެނގިފައިވާ ގޮތުގައި ނައިމާއާއި އޭނާގެ އާއިލާއާ އޮންނަ ގުޅުންވެސް ކުޑައެވެ. ނައީމާ އަމިއްލައަށްވެސް އޭނާއަކީ ސިހުރުވެރިއެއް ކަމަށް ސިފަވާ ގޮތަށް ބައެއް މީހުން ކައިރީގައި ވާހަކަ ދައްކާފައިވާ ކަމަށް އެ ރަށުން "ވަން"އާ ވާހަކަދެއްކި ބައެއް މީހުން ބުންޏެވެ.

"ސިހުރުގެ ވާހަކަތައް ފެތުރެން ފެށިފަހުން އާއިލާއާވެސް ގުޅުން ކުޑައީ. ނައީމާ ދިރިއުޅޭ ގޭގައި ކުރިން އުޅުނު އޭނާގެ ތިމާގެ މީހުންނަށްވެސް ނޫޅެވުނީ ސިހުރުގެ ކަންތަކާ ހެދީއޭ ރަށުތެރޭގައި ކިޔާ. އެކަމަކު މީގެ ތެދެއް ދޮގެއް ނޭނގެ. ފަހުން މި ބުނާ މީހުން އުޅުނީ އެހެން ގެއެއްގަ" މަނަދޫން "ވަން"އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ނައީމާގެ މަރުގެ ތަހުގީގު ކުރިއަށްގެންދާއިރު، މަނަދޫގައި ހަރަކާތްތެރިވަމުން އަންނަ ފޮރެންސިކް ޓީމުން ވަނީ ގިނަ އަދަދެއްގެ ފޮރެންސިކް ހެކިތަކެއް ހޯދައިފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ފިންގާ ޕްރިންޓާއި ޑީއެންއޭ ހިމެނެއެވެ. އިސްތަށްޓާއި ވަޅިއެއްވެސް ހިމެނެއެވެ. ނަމަވެސް އެ ވަޅިއަކީ ކޮން ތާކުން ހޯދި އަދި ކިހާ ބޮޑުމިނެއްގެ ވަޅިއެއް ކަމެއް އެނގިފައެއް ނުވެއެވެ. އެ ވަޅިއާއި ނައީމާގެ މަރާ ހުރި ގުޅުމެއްވެސް ނޭނގެއެވެ. ފުލުހުންނާ ސުވާލުކުރުމުން އެކަމަށް ޖަވާބެއް ނުދެއެވެ.

"ސަތޭކައަށް ވުރެ ގިނަ ފޮރެންސިކް އެވިޑެންސް ޓެސްޓު ކުރަން ފޮނުވާފަވީ. ބައެއް އެއްޗެހީގެ ނަތީޖާ ލިބެން ދެ ހަފުތާ ވަރު ނަގާނެ. ސީސީޓީވީ ފޫޓޭޖުތަކެއްވެސް ހިމެނޭ. އެތަކެތިވެސް އެނަލައިޒް ކުރާނެ" ފުލުހުންގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް ބުންޏެވެ.

ނައީމާގެ މަރާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަަމަވެސް އެރަށު ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި ނައީމާގެ ޤަތުލުކުރީ އޭނާގެ އާއިލާގެ މީހެކެވެ. އެ މީހަކު މިހާރުވެސް މަނަދޫގައި އުޅެމުން އަންނަ ކަމަށާއި ނައީމާއާ މެދު އެ މީހާގެ ރުޅިވެރިކަން އޮންނަ ކަމަށް މަނަދޫން "ވަން"އާ ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

"މީހުން ކިޔައި އުޅެނީ މި ބުނާ މީހާގެ އަންހެނުންނާއި އޭނާގެ ދަރިއަކަށް ނައީމާ ސިހުރު ހެދީއޭ. އެކަން އެނގުނީ މާލެ ގޮސް ސިހުރު ހަދާ އެހެން މީހަކާ ބައްދަލުކުރީމައޭ. އެއީ ތެދެއް، ނައީމާގެ މަރުގެ ދުވަސްކޮޅެއް ކުރީން އެމީހާ މާލެ ދިޔަ. އޭގެ ފަހުން ރަށަށް އައިސް މާ ގިނަ ދުވަހެއް ނުވޭ މިކަމެއް މިވީ." މަނަދޫ މީހަކު "ވަން" އަށް ބުންޏެވެ.

ބައެއް މީހުން ބުނިގޮތުގައި ނައީމާ ދުނިޔޭގައި ބަހައްޓަން ނުޖެހޭނެ ކަމަށްވެސް އެ މީހާ އޭނާގެ ބައެއް ރަށްޓެހިން ކައިރީގައި ބުނެފައި ވެއެވެ. ނަމަވެސް މިކަން ކަށަވަރުކުރެވޭ ގޮތް ވަނީ ނުވެފައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މަނަދޫ ބައެއް މީހުން ނައީމާގެ މަރުގެ ތުހުމަތު ކުރަނީ، އޭނާއާ އާއިލީ ގޮތުން ވަރަށް ގާތް މީހަކަށެވެ. އެއީ ރަށުން ބޭރު މީހަކާ ކައިވެނިކޮށްގެން އުޅޭ މީހެކެވެ. ކުރީން އޭނާއަކީ މަނަދޫގެ މީހުން ވަރަށް ގަދަރު ކުރި މީހެކެވެ. ރަނގަޅަށް ކިޔަވައިގެން ހުރި މީހެކެވެ. މަނަދޫ ގިނަ އޮފީސްތަކެއްގައި އޭނާ މަސައްކަތްވެސް ކުރިއެވެ. ނަމަވެސް ފަހުން އޭނާ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކަމަށްވެސް ރަށު މީހުން ބުނެއެވެ.

"މިހާރު މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ވަނީ. ކުރިން މީހުން ވަރަށް ގަދަރުކުރި މީހެއް އެއީ. އެކަމަކު ހަކުރަށް ދިޔަ ފަހުން އޭނާއާ މެދު މީހުން ދެކޭގޮތް އެއްކޮށް ބަދަލުވެއްޖެ" މަނަދޫން ވާހަކަ ދެއްކި އެހެން މީހަކު ބުންޏެވެ.

އެނގިފައިވާ ގޮތުގައި، ނައީމާގެ ގާތިލުކަމަށް އެރަށު ތެރޭގައި ތުހުމަތު ކުރެވޭ މީހާ ނައީމާގެ މޫނު ބެލުމަށް ހިނަވާގެއަށްވެސް ދިޔައެވެ. ނަމަވެސް އެ ސަރަހައްދުގައި މާގިނައިރަކު މަޑެއް ނުކުރެއެވެ. އެ ފަހުން އޭނާ ރަށުތެރެއިން އެހާ ގިނައަކުން ނުފެނެއެވެ. ނަމަވެސް ވަރަށް ފަހުން އޭނާގެ އާއިލާގެ ބައެއް ގޭގެއަށް ޒިޔާރަތް ކުރިކަމަށް ވެއެވެ.

ނައީމާގެ މަރުގެ ތުހުމަތު އޮތް ފަރާތުގެ ޑީއެންއޭއާއި ފިންގާ ޕްރިންޓްވެސް މިހާރު ވަނީ ނަގާފައެވެ. އަދި ޑީއެންއޭ ތަހުލީލުކުރުމަށް މިހާރު ވަނީ މާލެ ގެނެސްފައެވެ. ނަމަވެސް ނަތީޖާ ލިބުނުކަމެއް ސާފެއް ނޫނެވެ.

ނައީމާގެ މަރުގެ ތުހުމަތު އޭނާގެ އާއިލާގެ މީހަކަށް ކުރާއިރު، އެކަމާ ގުޅިގެން ފުލުހުން މިހާތަނަށް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ތުހުމަތު ކުރާ މީހާ އަކީ ނައީމާގެ ހަގީގީ ގާތިލަށް ނުވުންވެސް އެކަށީގެންވެއެވެ. ނައީމާގެ މަރުގެ ހަގީގަތް ހޯދޭނެ ކަމަށް ބެލެވެނީ މިހާރު ހޯދިފައިވާ ފޮރެންސިކް ހެކިތަކުން ކޮށައިދޭ މަގުން ގޮސް، ފުރޮޅަން ޖެހޭ ހުރިހާ ގަލެއް ފުރޮޅުމުންނެވެ. މަނަދޫގެ ރައްޔިތުންނާއި ނައީމާގެ އާއިލާއިން އެދި އެދި ތިބީ، އިންސާފު ލިބުމަށެވެ. ނައީމާގެ މަރުގެ ހަގީގަތް ހާމަވުމެވެ. ނަމަވެސް ނޭނގެނީ އެކަމަށް ނަގާނީ ކިހައި ދުވަހެއް ކަމެވެ. ދުރުގައި ހުއްޓަސް، އާއިލާގެ ތެރޭގައި ހުއްޓަސް އިންސާފުގެ ކުރިމައްޗަށް ޤާތިލު އަވަހަށް ގެނައުމަކީ މަނަދޫގައި އޮތް ބިރުވެރިކަން ފިލައިދިއުމަށްވެސް މުހިންމު ކަމެކެވެ.