ޕްލާސްޓިކް ކޮތަޅުން އަގު ނަގަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލޯހުން ފާސްކުރި ކުނި މެނޭޖް ކުރުމާ ބެހޭ ގާނޫނުގައި ހުރި މައްސަލަ ހައްލު ކުރުމަށް އަލުން އެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ބަހުސް ކުރުމަށް މަޖިލިހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
އެ އިސްލާހުތައް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު އިބްރާހިމް ރާޝިދެވެ. އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ މިދިޔަ މަހުގެ 29 ގައެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވިޔަފާރި ހަރަކާތްތަކުން ފޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ޕްލާސްޓިކް ކޮތަޅުގެ ފީ ގެ ގޮތުގައި ދެ ރުފިޔާ ނަގާގޮތަށް ވަނީ ހަމަޖައްސައިފައެވެ. އެކަމުގެ ސަބަބުން ކޮތަޅު ބޮނޑިއެއްގެ އަގު ކުރިއަށް ވުރެ ވަރަށް ބޮޑަށް ވަނީ އުފުލި އާއްމުންގެ ފާޑުކިޔުން އަމާޒުވެފައެވެ.
ކުނި މެނޭޖް ކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ.
ގާނޫނުގައިވާ ގޮތުން ކޮތަޅަށް އިތުރު ފީއެއް ދައްކަން ނުޖެހޭނީ ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި ބަންދު ނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުގެ އިތުރުން ކުނި މެނޭޖް ކުރުމުގެ ހިދުމަތް ދޭ ފަރާތްތަކުން ނުވަތަ އެހެނިހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ "ބިންލައިނާ" އަށެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނުގެ 32 ވަނަ މާއްދާއަށް ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ 50 ނުވަތަ އެ އަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ވެސް ފީ ނަގަން ނުޖެހޭނެ ކަމަށެވެ.
އެންވަޔަމެންޓް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކުނި މެނޭޖް ކުރުމުގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކުގެ ބިލް ފާސްވުމުން ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު