އަރަބި އަދި އިސްލާމީ ގައުމެއްކަމަށްވާ ސޫދާނުގެ ވެރިރަށް ހަރުތޫމާއި އެނޫންވެސް ބޮޑެތި އެކި ސަހަރުތަކުގައި ވަރުގަދަ ކުރިމަތިލުންތަކެއް މިހާރު އެދަނީ ހިނގަމުންނެވެ. ބޮޑުވެގެންވާ ދާހިލީ ހަނގުރާމައެއްގެ ތެރެއަށް މުޅި ގައުމު ވަނީ ގެނބިގެން ގޮސްފައެވެ. މި ހަނގުރާމަ ނުވަތަ މި ކުރިމަތިލުންތަކުގެ ދެފަރާތުގައިވެސް ތިބީ ހަތިޔާރުއެޅި ސިފައިންނެވެ. އެއްބަޔަކީ ގައުމުގެ ރަސްމީ އަސްކަރިއްޔާއެވެ. އަނެއްބަޔަކީ ރެޕިޑް ސަޕޯޓް ފޯސަސް ނުވަތަ އާރްއެސްއެފްގެ ނަމުން މަޝްހޫރުވެފައިވާ ފައުޖެވެ. އެއީވެސް އަސްކަރިއްޔާގެ ބައެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އައިސްފައިވާ ލަޝްކަރެކެވެ. މި ދެބައި މީހުންގެ މެދުގައި ކުރިމަތިލުމެއް ފެށި އެތައް ސަތޭކަ ބަޔަކު މަރުވުމަށް މަގުފަހިވެގެން ދިޔުމުގެ ސިއްރަކީ ކޮބައިބާވައެވެ. މިތުރުން، ހަތުރުންނަށްވީ ކީއްވެގެންބާވައެވެ. ބަލައިލަމާބަހީއެވެ.
މި ދެބައި މީހުންނަކީ ވަރަށް ފަހަކާ ހަމައަށްވެސް އިއްތިހާދުވެގެން ތިބި ބައެކެވެ. އެންމެފަހުން 2021 ވަނަ އަހަރު ވެރިކަން އިންގިލާބުކުރީވެސް ދެބައި މީހުން ގުޅިގެންނެވެ. ވެރިކަން ކުރަމުން އައީވެސް ގުޅިގެންނެވެ. މައްސަލަ އުފެދެން މެދުވެރިވި ސަބަބަކީ އާރްއެސްއެފް އުވާލައި، އެ ފައުޖުގެ އެންމެން ރަސްމީ އަސްކަރިއްޔާގައި ބައިވެރިކުރުމުގެ ޕްލޭނެއް ފެންމަތިވި ހިސާބުންނެވެ. ދެބައި މީހުން އެއްކޮށްލީމާ ދެން ސިފައިންގެ ވެރިކަން އޮންނަންވީ ފަރާތާމެދު އުފެދުނު އަރައިރުންތައް ކުރިމަތިލުމަކަށް ބަދަލުވެގެން ދިޔައީއެވެ. މި ހަނގުރާމަ އެންމެ ބޮޑަށް ހިނގަމުންދަނީ ވެރިރަށް ހަރުތޫމުގައެވެ. އެހެންނަމަވެސް އެހެން ބައެއް ސަހަރުތަކަށްވެސް ހަނގުރާމަ މިހާރު ވަނީ ފެތުރިފައެވެ. ފާއިތުވި ހަތަރު ފަސްދުވަހެއްގެ ތެރޭގައި ދުއިސައްތައަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ހަނގުރާމައިގެ މައިދާނުގައި ސިފައިންގެ ކޮމާންޑަރަކީ އަސްކަރިއްޔާގެ ޖެނެރަލް އަބްދުލް ފައްތާހު އަލްބުރުހާނެވެ. އަނެއްފަޅީގެ ވެރިޔަކީ އާރްއެސްއެފްގެ ލީޑަރު ޖެނެރަލް މުހައްމަދު ހަމްދާން ދަގަލޫއެވެ. މަޝްހޫރު ނަމުންނަމަ ހަމީދުތީއެވެ. ސޫދާނުގެ ކުރީގެ ހުދުމުހުތާރު ވެރިޔާ އުމަރު ހަސަން އަލްބަޝީރުގެ ވެރިކަން 2019 ވަނަ އަހަރު ނިމުމަކަށް ގެނައީވެސް މި ދެމީހުން ގުޅިގެންނެވެ. އޭގެފަހުން އަނެއްކާވެސް 2021 ވަނަ އަހަރު އާ އިންގިލާބެއް ގެނެސް ސިފައިންނާއި އާރްއެސްއެފްގެ މުށުތެރެއަށް މުޅި ގައުމު ގެނައީވެސް މިދެމީހުން ގުޅިގެންނެވެ. އެ އިންގިލާބަށްފަހު ގައުމުގެ ސްޕްރީމް ލީޑަރުގެ މަގާމު ފުރުއްވަނީ ޖެނެރަލް ބުރުހާނެވެ. ޖެނެރަލް ހަމްދާނަކީ އޭނާގެ ނާއިބެވެ. މައްސަލައަކަށް މިހާރުވެގެން އުޅެނީ ޖެނެރަލް ބުރުހާނުގެ ދަށުގައި ހުންނަން ޖެނެރަލް ހަމްދާން ބޭނުން ނުވުމާއި ގައުމުގެ ފުލް ކޮންޓްރޯލް ބޭނުންވުމުންނެވެ.
ޖެނެރަލް ބުރުހާނަކީ ސޫދާނުގެ އުތުރުބިތަށް ނިސްބަތްވާ އަރަތްބެކެވެ. ސިފައިންގެ ހިދުމަތުގެ ތެރެއިން ކުރިއަރަމުން އައި އޮފިސަރެކެވެ. ކުރީގެ ރައީސް އުމަރު ހަސަން އަލްބަޝީރުގެ ވެރިކަމުގައި އޭނާގެ ރުހުން ވަރަށް ބޮޑަށް ލިބިގެން ހުންނެވި އޮފިސަރެކެވެ. ގައުމުގެ އެންމެ މަތީވެރިކަން ޖެނެރަލް ބުރުހާނު ހޯއްދެވީ 2021 ވަނަ އަހަރުގެ އިންގިލާބަށްފަހުގައެވެ. ޖެނެރަލް ހަމްދާން ނިސްބަތްވަނީ ސޫދާނުގެ ދާރުފޫރު ސަރަހައްދަށެވެ. އޭނާއަކީ ހަތިޔާރު އެޅި އަމިއްލަ ގްރޫޕްތައް ހައްދަވައިގެން އުޅުއްވި އަމިއްލަ ކޮމާންޑަރެކެވެ. ޖެނެރަލް ހަމްދާނު އުފެއްދެވި އަމިއްލަ ޖަމާއަތްތަކުގެ ތެރޭގައި ހިމެނެނީ އަނިޔާވެރިކަމަށް މަޝްހޫރު ޖަންޖަވީދު ޖަމާއަތްތަކެވެ. އެމީހުން ރިބްރޭންޑްކޮށް 2013 ވަނަ އަހަރު އުފެއްދީ އާރްއެސްއެފްއެވެ.
ސިފައިންނާއި އާރްއެސްއެފް ގުޅިގެން ސޫދާނަށް 2021 ވަނަ އަހަރު ގެނައި އަސްކަރީ އިންގިލާބުގައި ވެރިކަމުގެ އެންމެހައި ކަންކަމުން މަދަނީ ލީޑަރުން ދުރުކޮށް ޖެނެރަލް ބުރުހާނުގެ ވެރިކަން ފެށުމާއެކު އޭނާގެ ނާއިބަކަށް ހަމަޖައްސާފައިވަނީ ޖެނެރަލް ހަމްދާނެވެ. އާރްއެސްއެފްގެ ނަންވެސް އުވާލައި އެ ލަޝްކަރުގެ އެންމެން ސޫދާނުގެ ރަސްމީ އަސްކަރިއްޔާގައި ބައިވެރިކުރުމަކީ ޖެނެރަލް ބުރުހާނުގެ ޕްލޭނެކެވެ. އެގޮތަށް ދެބައި މީހުން އެއްކޮށްލުމަށްފަހު ދެންވެސް އަސްކަރިއްޔާގެ ކޮމާންޑަރުކަން ޖެނެރަލް ބުރުހާނަށް އޮތުމަކީ މި ޕްލޭނުގެ ބައެކެވެ. މިހެން ހެދީމާ ވެރިކަމުގެ ކަންކަމުން ޖެނެރަލް ހަމްދާނު ބާކީވެއެވެ. އޭނާވެސް ބޭނުންވަނީ ދެބައި މީހުން އެއްކޮށްލައިގެން ބޮޑު އަސްކަރިއްޔާއެއް އުފައްދައި އެ އަސްކަރިއްޔާގެ ކޮމާންޑަރުކަމެވެ.
ކޮންމެއަކަސް މި ދެ ޖެނެރަލުންގެ މިކޯޅުމަކީ އާރާއި ބާރާއި ނުފޫޒު ދެމެހެއްޓުމާ ގުޅިފައިވާ ކަމެކެވެ. ހަގީގީ ބާރުވެރިޔަކީ ކާކުކަން ދެއްކުމުގެ ނިޔަތާވެސް ގުޅިފައިވާ ކަމެކެވެ. ވަރަށް ބޮޑު ގެއްލުމާއި ހަލާކު ލިބިގެން ނޫން ގޮތަކަށް މީގެތެރެއިން ހަމައެކަކުވެސް އަނެކަކަށް ދޫދޭން ބޭނުމެއް ނުވެއެވެ. ސަރަހައްދީ ގައުމުތައްވެސް ތިބީ މި މައްސަލައިގައި ބައިބައި ވެފައެވެ. ސޫދާނުގެ އަވަށްޓެރި މިސްރުގެ ތާއީދު އޮތް ކަމަށް ފެންނަނީ ސޫދާނުގެ ސިފައިންނަށެވެ. ޖެނެރަލް ބުރުހާނަށެވެ. ސައޫދީ އަރަބިޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ތާއީދު އޮތް ކަމަށް ފެންނަނީ ޖެނެރަލް ހަމްދާނަށެވެ. ޔަމަނުގެ ހޫސީންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެ ދެގައުމުން އެދިގެން ޖެނެރަލް ހަމްދާނު ވަނީ އާރްއެސްއެފްގެ ބޮޑު ލަޝްކަރެއްވެސް ޔަމަނަށް ފޮނުވައިފައެވެ. އެހެންވީމާ އޭނާއަށް ތާއީދުކުރަން އެދެގައުމަށް މަޖުބޫރުވެސްވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ