ނޫސްވެރިނަށް މައުލޫމާތު ދޭ ފަރާތް (މަސްދަރު)، ޝަރީއަތް މެދުވެރިކޮށް ހާމަކުރުމަށް މަޖުބޫރުވާ ގޮތަށް ހެއްކާ ބެހޭ ބިލުގައި އޮތްބައި އިސްލާހުކޮށް، ވަކި ހާލަތްތަކެއްގައި މަސްދަރު ހާމަ ކުރުމަށް އަމުރު ކުރުމުގެ ބާރު ހަމައެކަނި ހައިކޯޓަށް ލިބޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބިލު ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވައިފިއެވެ.
މަސްދަރު ހާމަކުރުމަށް ޝަރިއަތުން ނޫސްވެރިންނަށް އަމުރު ކުރެވޭގޮތަށް ހެތްކާ ބެހޭ ބިލު މަޖިލީހުން ފާސްކުރުމާ ގުޅިގެން އެކަމަށް ނުރުހުން ފާޅުކޮށް ނޫސްވެރިން ވަނީ މަޖިލިސް ކައިރީގައި އިހުތިޖާޖު ކޮށްފައެވެ. އަދި ބިލުން އެބައި އިސްލާހު ކުރުމަށް ނޫސްވެރިންގެ ޖަމްއިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް އެޑިޓާސް ގިލްޑުން ވެސް ގޮވައިލިއެވެ. އަދި އެބާރު ހައިކޯޓަށް ލިބިދޭގޮތަށް އެފަރާތްތަކުން ބިލެއް ވެސް އެކުލަވާލިއެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން، އެ ގާނޫނަށް އިސްލާހު ގެންނާނެ ކަމަށް ސަރުކާރުންވެސް ވަނީ ބުނެފައެވެ.
ހެތްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ (ހ) ގައި ވަނީ، ނޫސްވެރިއަކަށް އެއްވެސް ފަރާތަކުން މައުލޫމާތު ދީފައިވަނީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމަށް އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާ ނަމަ، އެ މައުލޫމާތު ދިން ފަރާތުގެ ރުހުމަކާ ނުލައި، އެއީ ކާކުކަން އަންގައިދޭނެ ނުވަތަ އެއީ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ހިއްސާކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް އެއްވެސް ފަރާތަކުން މަޖުބޫރު ކޮށްގެން ނުވާނެ ކަމަށެވެ.
ނަމަވެސް ނޫސްވެރިން ކަންބުޑުވުން ފާޅު ކުރީ މި މާއްދާގެ ށަވިޔަންޏާ މެދުގައެވެ.
މި މާއްދާގެ (ށ) ގައި ބުނަނީ އެ މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތަކުގެ މައްސަލަތަކުގައި ތަހުގީގުކުރާ ފަރާތުން ނުވަތަ ޕްރޮސިކިއުޓާ ޖެނެރަލް ނުވަތަ ތުހުމަތު ކުރެވޭ ފަރާތުން ނުވަތަ ދައުވާ ލިބޭ ފަރާތުން ނޫސްވެރިޔާގެ މަސްދަރު (ނޫސްވެރިޔާއަށް އެ މައުލޫމާތު ދިން ފަރާތް) ހާމަކުރުމަށް އެދި ހުށަހެޅުމުން ވަކި ހާލަތްތަކެއްގައި އެ މައުލޫމާތު ހާމަކުރުމަށް ޝަރީއަތުން އަމުރު ކުރެވިދާނެ ކަމަށެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން ބިލަށް އިސްލާހު ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަށް ބޮޑެތި އިސްލާހުތަކެއް ކޮމިޓީން ވަނީ ގެނެސްފައެވެ.
އެގޮތުން 136 ވަނަ މައްދާގެ (ހ) އަށް ސަރުކާރުން ހުށަހެޅި އިސްލާހު ނުގެނުމަށް ނިންމައި، އެ މާއްދާ މިހާރުވެސް އޮތްގޮތަށް ބާއްވަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ނޫސްވެރިންގެ ކަންބޮޑުވުން އޮތް 136 ވަން މާއްދާގެ (ށ) އަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ މައުލޫމާތާއި އެފަދަ މައުލޫމާތެއް އެކުލެވިގެންވާ ވަސީލަތްތަކާއި އެއްޗެހިވެސް ޝަރީއަތަށް ހާމަ ކުރުމަށް އަމުރު ނުކުރެވޭނެ ކަމަށެވެ.
އެ މާއްދާއަށް ކޮމިޓީން ގެނައި އިސްލާހުގައި ވަނީ، 136 ވަނަ މާއްދާގެ (ހ) އެހެން އޮތް ނަމަވެސް ޓެރަރިޒަންގެ ކުށްތަކާއި ގައުމީސަލާމަތަށް ނުރައްކާވެދާނެ ފަދަ އަމަލެއް އެކުލެވޭ ކުށްތަކުގެ މައްސަލަ ތަކުގައި ނޫސްވެރިޔާގެ މަސްދަރު ހާމަ ކުރުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް، ހައިކޯޓަށް ހުށަހެޅުމުން ވަކި ހާލަތްތަކެއްގައި އެ މަސްދަރު ހާމަ ކުރުމަށް އެ ކޯޓުން އަމުރު ކުރެވިދާނެ ކަމަށެވެ.
އެގޮތަށް މަސްދަރު ހާމަ ކުރަން އަމުރު ކުރާ އިރު، ރިއާޔަތް ކުރަންޖެހޭނެ ކަންތައްތަކެއްވެސް ގާނޫނުގައި ވަނީ ހިމަނައިފައެވެ. އޭގެ ތެރެއިން ކޮމިޓީން ބަދަލުގެނައި ކަންތައްތައް:
- ޓެރަރިޒަމްގެ ކުށެއް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އަމަލެއް އެކުލެވޭ ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަން
- ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަ ކުރުމުގެ ސަބަބުން އެމީހާއަށް ނުވަތަ އެހެން ފަރާތަކަށް ލިބިދާނެ ގެއްލުމުގެ ނުވަތަ އެއިން ފަރާތަކަށް ކޮށްފާނެ ނޭދެވޭ އަސަރުގެ ކުޑަބޮޑުމިން
މިކަންތައްތައް މަދަނީ މިންގަނޑުން ސާބިތުވޭތޯ ބެލުމުގައި ހައިކޯޓުން ރިއާޔަތް ކުރަންވާނީ، ނޫސްވެރިޔާގެ މަސްދަރު ހާމަ ކުރުމަށް އަމުރުކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް ހުށަހެޅި ހުށަހެޅުމާ ގުޅުންހުރި ކަންކަމުގެ މައްޗަށް ކަމަށްވެސް ބުނެފައިވެއެވެ.
އެގޮތަށް ހުށަހެޅޭ މައްސަލައަކާ މެދު ގޮތެއް ނިންމުމުގައި، އެ ކަންކަމަށް ރިއާރަތްކުރާ އިރު، ނޫސްވެރިޔާއަށް މައުލޫމާތުދިން މީހާއަކީ ކާކުކަން އަންގައިދޭނެ މައުލޫމާތު ހާމަކުރުމަށް އޮތް އާއްމު މަސްލަހަތަށް ވުރެ، އެ މަސްދަރު ހާމަ ނުކުރުމަށް އޮތް އާއްމު މަސްލަހަތު ބޮޑުކަމުގައި ހައިކޯޓަށް ބުރަ ވެވޭނަމަ، އެ މައުލޫމާތު ހާމަ ކުރުމަށް ލާޒިމު ކޮށްގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މިކަމާބެހޭގޮތުން ހައިކޯޓަށް ހުށަހެޅޭ ހުށަހެޅުމަކާ މެދު ގިނަވެގެން 14 ދުވަހުގެ ތެރޭގައި ގޮތެއް ކަނޑައަޅަން ވާނެކަމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު