އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި 3-2 ގެ ނަތީޖާއަކުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފިއެވެ.

ރޭ ލިވަޕޫލް ދަނޑުގައި ކުޅުނު މެޗުގެ ހުރިހާ ގޯލެއްވެސް ދެވަނަ ހާފުގައި ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ލިވަޕޫލަށް ލީޑު ނަގައިދިނީ ޑިއޭގޯ ޖޮޓާއެވެ. ޖޮޓާގެ ގޯލުން ލިވަޕޫލް ލީޑު ނަގައި ކުޅެމުން ދަނިކޮށް، ފޮރެސްޓްގެ ނެކޯ ވިލިއަމްސް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ޖޮޓާ ދެވަނަ ފަހަރަށް މެޗުގައި ލިވަޕޫލަށް ލީޑު ނަގައިދިނުމުންވެސް ފޮރެސްޓުން އަނެއްކާވެސް ނަތީޖާ އެއްވަރު ކޮށްފައިވާ އިރު، އެޓީމުގެ ދެވަނަ ގޯލު ޖެހީ މޯގަން ގިބްސް-ވައިޓެވެ. މެޗުން ލިވަޕޫލް މޮޅުވި ގޯލު ޖެހީ މުހައްމަދު ސަލާހެވެ.

ރޭގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު ލިވަޕޫލް މިވަގުތު އޮތީ ތާވަލުގެ ހަތް ވަނައިގައެވެ. އެއީ 31 މެޗުން 50 ޕޮއިންޓާއެކުގައެވެ. ލިވަޕޫލުގެ މަތިން ހަ ވަނައިގައި އެސްޓޮން ވިލާ އޮތީ 32 މެޗުން 51 ޕޮއިންޓާއެކުގައެވެ. އަދި ފަސްވަނައިގައި 31 މެޗުން 53 ޕޮއިންޓާއެކު ޓޮޓެންހަމް އޮތް އިރު، ހަތަރުވަނައިގައި މިވަގުތު އޮތް ނިއުކާސަލް ވަނީ 30 މެޗުން 56 ޕޮއިންޓް ހޯދައިފައެވެ.

ސީޒަނުގެ ކުރީކޮޅުގައި ފޯމު ދަށްކޮށް ފެނުނު ލިވަޕޫލުން މިހާރު ރަނގަޅު ފޯމެއްގައި ކުޅެމުންދާ އިރު، މެޗަށްފަހު ކޯޗު ޔާގަން ކްލޮޕް ބުނީ ކުޅުން ރަނގަޅުވުމުން ހިތްހަމަ ޖެހޭ ކަމަށާއި އުންމީދަކީ ވަގުތު ފާއިތުނުވެ އޮތުން ކަމަށެވެ.

"ޖެހިޖެހިގެން ދެ މެޗުން އެންމެ ފަހުން އަހަރެމެން ލީގުގައި މޮޅުވީ ކޮންއިރަކު؟ އެއީ މިދިޔަ މަހު އިންޓަނޭޝަނަލް ބްރޭކްގެ ކުރިން. އެއީ މާ ކުރިން ނޫންކަންވެސް އެނގޭ. އެކަމަކު ހީވަނީ އެއީ މާ ކުރިން ވެފައި އޮތް ކަމެއްހެން. އެއީ ކުޅުން ދަށްވުމުން. މިހާރު އެކަމަކު ޓީމުން ބަދަލުތަކެއް އެބަ ފެނޭ. ޑިފެންސް ކުރުމުގައި ވަރަށް ބޮޑަށް ކޮމްޕެކްޓް ވާތަން އެބަފެނޭ. އަދި ކައުންޓާ ޕްރެސިންގައި ޓީމު ރަނގަޅަށް މަސައްކަތް ކުރާތަން އެބަފެނޭ. އަހަރެންވެސް އަދި ކުޅުންތެރިންވެސް މިތިބީ ހިތްހަމަ ޖެހިފައި. ފޯމު ރަނގަޅުމިވީ ލަހުން. އެހެން ނަމަވެސް އުންމީދަކީ އަދި ގަދަ ހަތަރަކަށް ވަގުތު ފާއިތު ނުވުން،" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ލިވަޕޫލުން "ކޮންސިސްޓެންޓް" ވާން ޖެހޭ ކަމަށާއި ކުރިއަށް އޮތް ލީގުގެ މެޗުތަކުގައި ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމަށެވެ.

ލިވަޕޫލަށް ލީގުގައި ދެން ބާކީ އޮތީ ހަތް މެޗެވެ. ދެން ލީގުގައި އެޓީމުން ރަށުން ބޭރުގައި ނުކުންނާނީ ވެސްޓް ހަމްއާ ދެކޮޅަށެވެ.