ޝަރުއީ ދާއިރާގައި 21 އަހަރު ހިދުމަތްކުރެއްވުމަށްފަހު ކުރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޒު ހަސަން ސައީދު ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވައިފިއެވެ.
ސުލޫކީ މައްސަލަތަކަކާ ގުޅިގެން މީގެ ސަސްޕެންޝަންތަކެއް އައި ނަމަވެސް ހަސަން ސައީދު ރާއްޖޭގެ ޝަރުއީ ދާއިރާއަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކުގެ އަގު ވަޒަންކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ޝުކުރު އަދާ ކޮށްފައެވެ.
ކުރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމަށް ބަދަލު ކުރެއްވުމުގެ ކުރިން ހަސަން ސައީދު ވަނީ ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުވެސް އަދާ ކުރައްވައިފައެވެ. ފެމިލީ ކޯޓާއި ކުރިމިނަލް ކޯޓުގައި މަސައްކަތް ކުރެއްވި އިރުވެސް ހަސަން ސައީދާބެހޭ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއަށް ހުށަހެޅިއެވެ.
މީގެ ތެރެއިން އެއް މައްސަލައަކީ ފެމިލީ ކޯޓުގެ މުވައްޒަފުންތަކަކަށް އޭނާގެ ފަރާތުން ފުރައްސާތަކާ ކުރިމަތިލާން ޖެހުނު ކަމަށް ބުނާ މައްސަލަތަކެކެވެ.
ކުރިމިނަލް ކޯޓުގައި ހުންނަައިގެން ހަސަން ސައީދު ނިންމެވި ބައެއް ނިންމެވުންތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވެފައިވާ އިރު، އޭގެ ތެރޭގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ, މީހަކު ޖާމިނުކޮށް ދިނުމުގެ މައްސަލަ އާއި ސީލައިފް މައްސަލައިގައި ދައުވާ ލިބޭ އަހުމަދު މޫސާ (އަންމަޓީ) ދޫކޮށްލި މައްސަލަ ހިމެނެއެވެ.
އުމުރުން 55 އަހަރު ގައި ހަސަން ސައީދު ރިޓަޔާ މިކުރެއްވީ އަމިއްލަފުޅަށް އެދިވަޑައިގެންނެވެ.