Close
އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 43

އަބްދުﷲ ފާރޫގް ހަސަން

(14 އޭޕްރީލްގެ އަދަދާ ގުޅޭ)

ޚުސްރޫގެ ގަނޑުވަރުގެ ދޮރުފޮތިތައް ކަހައިލުމުގެ ވަޒީފާ ފައިދިގުމަކުނުތަކާ ޙަވާލުވެއްޖެއެވެ.

އަފްރާސިޔާބުގެ ގަނޑުވަރުގެ ބުރުޒުތަކުގައި ފާރަވެރީންގެ ގޮތުގައި ތިބީ ބަކަމޫނުތަކެވެ.

މުސްލިމުން އިސްތަންބޫލު ފަތަޙަކުރުމަށްފަހު ޢުޘްމާނީ ރަސްރަސްކަލުން ޤައިސަރުންގެ ގަނޑުވަރުތަކުގައި ދިރިއުޅުއްވައި ރަސްކަން ހިންގެވުމުގައި އެގަނޑުވަރުތަކުގެ ބޭނުންފުޅު ކުރެއްވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވައެވެ. سـلطـــان محمّـــد الــفــاتــــح އެންމެފުރަތަމަވެސް ޢުޘްމާނީ ޝާހީ ޚާންދާނަށާއި ރަސްކަން ހިންގެވުމުގެ މަސައްކަތްޕުޅަށް ޚާއްޞަ ގަނޑުވަރެއް ބިނާކުރައްވާން ހަމަޖެއްސެވިއެވެ. އެގަނޑުވަރަކީ މިހާރު މިޔުޒިޔަމެއްގެ ގޮތުގައި ބޭނުންކުރަމުންގެންދާ ޓޮޕްކާޕީ ސަރާއީ އެވެ.

ޢުޘްމާނީ މުސްލިމުންގެ ވެރިކަމުގެ ދަށަށް ޤުސްޠަންޠީނިއްޔާ އައިސް، ޢުޘްމާނީ ރަސްރަސްކަލުން ޝަހަރުގެ ވީރާނާ ތަންތަން އަލުން ޢިމާރާތްކުރައްވައި ޝަހަރު އިތުރަށް ފުރިހަމަކުރައްވައި ހެއްދެވިއިރު، ޤަޞްރުލް ޤުސްޠަންޠީނިއްޔާގެ އެކުވެނީގެ ބައިތައްވެސް އެކިފަހަރުފަހަރުމަތީން ވަނީ ތަޅައިލެވިފައެވެ. އެންމެފުރަތަމަ އެ ސަރަޙައްދުގައި ޢިމާރާތްކުރެވުނީ މީހުން ދިރިއުޅޭ ގެދޮރާއި ކުދިކުދި މިސްކިތްތަކެވެ. ޢީސާއީ މީލާދުން 1603 ވަނަ އަހަރުން ފެށިގެން 1617 ވަނަ އަހަރާ ހަމަޔަށް ޢުޘްމާނީ ތަޚްތުގައި ރެދަލިކުރެއްވި سـلطـــان أحمــد (I ވަނަ) ގެ ރަސްކަމުގެ ދުވަސްވަރު، އެމަނިކުފާނުގެ އަމުރުފުޅަށް سـلطـــان أحمــد جــامــــع ބިނާކުރެވުނީ އެބިމުގައެވެ. މިސްކިތް ބިނާކުރެއްވުމަށްޓަކައި سـلطـــان ގެ އަމުރުފުޅަށް އެ ސަރަޙައްދުގައިހުރި ހުރިހައި ގެތަކާއި މިސްކިތްތަކާއި އަދި ޤަޞްރުލް ޤުސްޠަންޠީނިއްޔާގެ އެކުވެނީގެ ބާކީހުރި ހުރިހައި ވީރާނާ ފާރުތަކެއްވެސް ތަޅައިލެވުނީއެވެ. ބުނެވޭގޮތުގައި، ޤަޞްރުލް ޤުސްޠަންޠީނިއްޔާ އެންމެފުރަތަމަ ބިނާކުރެވުނުއިރު، ތަނުގެ މައި ޢިމާރާތުގެ ގޮތުގައި އަންބަރާޠޫރު ޤުސްޠަންޠީން I ވަނަ ބިނާކުރެއްވި "ޑެފްނީ ގަނޑުވަރު" ހުރީ މިހާރު سـلطـــان أحمــد جــامــــع އެހެރަ ތަނުގައެވެ.

މިއަދަކީ 26 މެއި 2022 ވަނަ ދުވަހެވެ. އަޅުގަނޑުމެން އިސްތަންބޫލުން ފުރާން ހަމަޖެހިފައިވާ ދުވަހެވެ. އަޅުގަނޑުމެން މާލެ އަންނާންވެސް ހަމަޖެހިފައިއޮތީ ޓާކިޝް އެއަރލައިނުންނެވެ. އެއްބަސްވެފައިވަނީ ދަތުރުގެ ހުރިހައި ބައިވެރީން ރޭގަނޑު ދިހައެއްޖަހާއިރު އިސްތަންބޫލުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން ބައްދަލުވާގޮތަށެވެ. ބުރުސާގައި ތިބި ބައިވެރީންވެސް އިސްތަންބޫލަށް އައިސް އެގަޑީގައި ވައިގެ ބަނދަރުން ބައްދަލުވާ ގޮތުގައެވެ،

އަޅުގަނޑުމެންގެ މިއަދުގެ ސިޔާޙަތުގެ ޕްރޮގްރާމްވެސް ވަރަށް ދިގެވެ. ޓޮޕްކާޕީ ސަރާއީ އާއި، أيّـــوب سـلطـــان ގެ މަޤްބަރާއާއި جــامــــع أيّـــوب އާއި جــامــــع الــفــاتــــح އާއި جــامــــع ســليمــانـــيّـــة ބަލަންދާންޖެހެއެވެ. އަޅުގަނޑުމެން ހޮޓާ ދޫކޮށްލާންޖެހެނީ މެންދުރު ބާރަގަޑި ސުންމިނިޓުގައެވެ. ވަރުބަލިފިލުވައިލައި ހެދުންބަދަލުކޮށްލައިހަދާން އެއްކޮޓަރި ނަމަވެސް ހަވީރު ހަޔަކާ ހަމަޔަށް ބަހައްޓައިދޭތޯ އަޅުގަނޑުމެން ހޮޓަލާ ވާހަކަ ދެއްކީމުއެވެ. އެކަމަކު އެގޮތަކަށް ހަމައެއް ނުޖެހުނެވެ. އެހެންކަމުން ހެނދުނު ނުވައެއްޖެހިއިރު އަޅުގަނޑުމެން ހޮޓަލުން ނުކުތީ ޗެކްއައުޓްކޮށްފައި ދާގީނާތައް ހޮޓަލާ ޙަވާލުކޮށްފައެވެ. އަޅުގަނޑުމެން ޚިދުމަތް ހޯދަމުންގެންދާ ޓޫރިސްޓް އެޖެންސީން ދާގީނާތަކާ ޙަވާލުވާގޮތަށެވެ. މިއަދުވެސް އަޅުގަނޑުމެންގެ ގައިޑް އޫޣޫރުކޮޝަމް ބަރާބަރަށް ގަޑިޔަށްއައިސް ހުއްޓެވެ. އެހެންކަމުން ހެނދުނު ސައިބޮއިގެން ހޮޓަލުން ނުކުމެއްޖައީމުއެވެ. މިއަދުގެ އެންމެފުރަތަމަ މަންޒިލަކީ ޓޮޕްކާޕީ ސަރާއީއެވެ. ޓޮޕްކާޕީ ސަރާއީއަށްވެސް ދިޔައީ ހިނގައިލައިފައެވެ. ޓޮޕްކާޕީ ސަރާއީވެސް އަޅުގަނޑުމެންތިބި ހޮޓަލަކާ މާކަދުރެއް ނޫނެވެ. އެކަމަކު އަޅުގަނޑުގެ މިޢުމުރުގައި ތަންކޮޅެއް ދުރެވެ. ހިނގަން ފަސޭހަ ނޫންކަމުންނެވެ.

ޝޮޓްކާޕީ ސަރާއީ

ކުރީންވެސް ދަންނަވައިފައިވާ ފަދައިން ތުރުކިޔޭ މުސްލިމު ރަސްރަސްކަލުން ރޫމީންގެ ގަނޑުވަރުތައް ބޭނުންކުރެއްވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވައެވެ. سـلطـــان محمّـــد الــفــاتــــح އިސްތަންބޫލު ފަތަޙަކުރެއްވުމަށްފަހު އެމަނިކުފާނުވެސް ގެންގުޅުއްވީ އެވިސްނުންފުޅެވެ. محمّـــد الــفــاتــــح އިސްތަންބޫލު ފަތަޙަކުރެއްވިއިރު ބައިޒެންޓެއިން ތަޚްތުގައި އިންނެވީ ޤުސްޠަންޠީން (12) ޝަހެންޝާހު ފެލައެލޮގޫސް އެވެ. އޭނާގެ ގަނޑުވަރު ރަނގަޅު ޙާލަތުގައި ހުއްޓެވެ. ނަމަވެސް سـلطـــان الــفــاتــــح އެގަނޑުވަރުގެ ބޭނުންފުޅެއް ނުކުރައްވައެވެ. ޤައިސަރުންގެ ގަނޑުވަރުތައް އެތަންތަން އެހުރިގޮތަކަށް ދޫކޮށްލެއްވީއެވެ. އެމަނިކުފާނު ބޭނުންކުރެއްވީ بــايـــزيــد މަންތިޤު (ސަރަޙައްދު) ގައި ގްރޭންޑް ބާޒާރުގެ ކައިރީގައިހުރި ސަރުކާރުގެ ކުޑަކުޑަ ޢިމާރާތެކެވެ. ދައުލަތުގެ އިދާރީ މަރުކަޒެއްގެ ގޮތުގައިވެސް ބޭނުންކުރެއްވީ އެ ޢިމާރާތެވެ. އެއަށްފަހު އިސްތަންބޫލުގެ ތިންވަނަ ފަރުބަދަމަތީގައި ވީރާނާވެފައިހުރި ޢިމާރާތްތަކެއްހުރި ސަރަޙައްދެއް ސާފުކުރައްވައި އެތާނގައި ގަނޑުވަރެއް ބިނާކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. އެމަސައްކަތް ހިންގެވީ 1475މ. ން 1478މ. ގެ ނިޔަލަށެވެ. އެގަނޑުވަރުގެ ނަމަކީ "ސަރާއޭ ޖަދީދަނީ ޢާމިރާ" އެވެ. ނަމަވެސް ރައްޔިތުން އެގަނޑުވަރު ބަލައިގަތީ "قـصـــــر طـوبـقــابــــى" ނަމުގައެވެ. އާދެ، ޓޮޕްކާޕީ ސަރާއީ (topkapi sarayi) ގެ ނަމުގައެވެ. ރައްޔިތުން އެގަނޑުވަރަށް ނަންދިނީ އެގަނޑުވަރުގެ ވަށައިގެން ދުއްދައިފައިހުރި ބޮޑުބަޑިތަކާ ގުޅުވައިގެންނެވެ. ޠޫބަޤާއީއަކީ ބޮޑުބަޑީގެ ދޮރެވެ. سـلطـــان الــفــاتــــح އަށްފަހުވެސް ޢުޘްމާނީ ރަސްރަސްކަލުން ގެންދެވީ ޓޮޕްކާޕީ ގަނޑުވަރު އިތުރަށް ބޮޑުކުރައްވަމުން ތަނަވަސްކުރައްވަމުންނެވެ. ބަދަލުގެންނަވައި އާކުރައްވަމުންނެވެ. سـلطـــان الــفــاتــــح ބިނާކުރެއްވި ގަނޑުވަރުގެ ބާކީ މިހާރުހުރި ތަންކޮޅަކީ ހަމައެކަނި "ޗީނިމަޙަލް" އެވެ.

ޓޮޕްކާޕީ ސަރާއޭގެ މިހާރުގެ ބޮޑުމިނަކީ ގާތްގަނޑަކަށް ހަތްލައްކަ އަކަމީޓަރެވެ. ބުނެވޭގޮތުގައި އެއީ ވެޓިކަނާއި މޮނާކޯގެ ދެބައިކުޅަ އެއްބައިވަރެވެ. މި ގަނޑުވަރުގައި ޚާއްޞަ ތިންދޮރޯއްޓެއް ހުރެއެވެ. އެތިން ދޮރޯއްޓަކީ ބާބު ހުމާޔޫނާއި ބާރު އޫރުތާޤަޕޫސީ (ދާރުއްސަލާމް) އާއި ބާބު ދާރުއްސަޢާދާއެވެ. މައިދޮރޯށީގެ ޖުމުލަ ހަތް ދޮރޯއްޓެއް ހުރެއެވެ. (ކަނޑާވީ ފަރާތުގައި ތިން ދޮރޯށި އެއްގަމާވީ ފަރާތުގައި ހަތަރު ދޮރޯށި) އެގަނޑުވަރުގައި ހަތާވީސް ބުރުޖު ހުރެއެވެ.

މިގަނޑުވަރު އެކުލެވިފައިވަނީ އަސާސީ ދެބަޔަކަށެވެ. އެއީ އެތެރެބައި "އަންދަރޫން" އާއި "ބޭރޫން" ބޭރު ބަޔެވެ. އަންދަރޫންގައި ދިރިއުޅުއްވަނީ سـلطـــان އިންނާއި އެބޭފުޅުންގެ ޢާއިލާތަކެވެ. ބޭރޫންއަކީ ދައުލަތުގެ ފުރަދާނައިންނާއި ކަމުވޮށީންނަށް ޚާއްޞަ ބަޔެވެ. ދައުލަތުގެ އިދާރީ ކަންކަން ހިންގަނީވެސް މިބައިގައެވެ.

ޓޮޕްކާޕީ ސަރާއީގެ ރަންޒަމާނުގައި އެގަނޑުވަރުގައި ޢާންމުކޮށް ފަސްހާސް މީހުން ދިރިއުޅުނެވެ. ޢުޘްމާނީ ޢާއިލާގެ ބޭފުޅުންނާއި، ދައުލަތުގެ ކަމުވޮށީންނާއި ސިފައިންނާއި ޚާދިމުންނެވެ. އޭގެއިތުރަށް ދުވާލަކު ފަސްހާހެއްހައި މީހުން އެކިއެކި ބޭނުންތަކުގައި ގަނޑުވަރަށް ޒިޔާރަތްކުރެއެވެ.

ޓޮޕްކާޕީ ގަނޑުވަރުގެ އެތެރެޔަށް ވަދެވުމާއެކު އެންމެފުރަތަމަވެސް އަޅުގަނޑުގެ ލޮލުގައި އަޅައިގަތީ ވަދެގެންދާއިރު ކަނާތްފަރާތުގައި ވަރަށްގިނަ ގުއްބުތަކަކާއި ދުންހޮޅިތަކެއް ލައިފައިހުރި ބަޔެކެވެ. އެއީ ކޮންތަނެއްތޯ އަޅުގަނޑުމެންގެ ގައިޑާ ސުވާލުކުރީމެވެ. އޭނާ ބުނީ ބަދިގެތަކެއް ކަމުގައެވެ. މިހާރު އެގުއްބުތަކާއި ދުންހޮޅިތަކަކީ އެގަނޑުވަރުގެ އެންމެ ޚާއްޞަ ނިޝާނެއްކަމުގައިވަނީ ހިމެނިފައެވެ. އެގުއްބުތައް ބިނާކުރީ އެބަދިގެތަކުގައި ހިނގި ވަރުގަދަ އަލިފާނުގެ ހާދިސާއަކާ ވިދިގެންނެވެ. 1574މ. ގައެވެ.

މިދެންނެވި ބަދިގެތަކުގައި ކޮންމެ ދުވަހަކުވެސް ވިހިހާސް މީހުންނަށް ކައްކައެވެ. ގަނޑުވަރުން ކާމީހުންނަށް ދަމައިލާ ސުފުރާތަކުގެ ތެރެއިން ކޮންމެ ސުފުރާއެއްގައި ފަސްހާސް މީހުންނަށް ތިބެވެއެވެ. އެއީ ގަނޑުވަރުގައި އުޅޭމީހުންނާއި ޤާފިލާތަކުގައި އަންނަ މީހުންނާއި އެކިގޮތްގޮތުން ގަނޑުވަރަށް ޒިޔާރަތްކުރާ މީހުންނެވެ. އަހަރެއްގެ ތެރޭގައި އެބަދިގެތަކަށް ހިނގާ ޚަރަދު (މަހާއި ތަރުކާރީއާއި މޭވާއާއި އެހެނިހެން ބާވަތްތަކުގެ ޚަރަދު) ކުޑަރަށެއްގެ އާބާދީއަށް ފުދިފައި އިތުރުވާ ވަރުވެއެވެ. ޓޮޕްކާޕީ ސަރާއީގެ ލިޔެކިޔުންތަކަށް ބަލާއިރު ކޮންމެ އަހަރަކު އެގަނޑުވަރުގައި ވިހިހާސް ބަކަރިއާއި ފަނަރަހާސް ގެރިޔާއި ތިރީސްހާސް ކުކުޅު ކަތިލެވެއެވެ. އެތަކެއްހާސް ޓަނުގެ ތަރުކާރީ ގަނެވެއެވެ.

ގަނޑުވަރަށް ބޭނުންވާ ޕާނާއި ރޮށި ފިހަނީ ބަދިގޭގެ އެންމެފުރަތަމަ ފަންގިފިލާގައެވެ. ފޮނިކާގެ ބާވަތްތައްވެސް ތައްޔާރުކުރަނީ އެބައިގައެވެ. ޚާއްޞަކޮށް ގަނޑުވަރުގެ "އެތެރެބަޔަށް" ވެސް ދުވާލަކު ފަންސާސް ބާވަތުގެ ކާނާ ތައްޔާރުކުރެވެއެވެ. ގަނޑުވަރުގައި ބޭނުންކުރާ ހުރިހައި އުލަކާއި ސަމުސާތަކެއް ހުންނަނީ ރަނުން ސާޔަންލައިފައެވެ. ތަށިތަކުގެ ފޫތައް ހުންނަނީ ރަނުން ޖަރީކޮށްފައެވެ. ބޭނުންކުރާ ހުރިހައި ތުންފުހިތަކެއް ހަދައިފައި ހުންނަނީ ފަށުވިފޮތީންނެވެ.

سـلطـــان عــبــدالحـمـيــد خـــان ޠޫލަމާބާޣުޗާގެ ނަން ދެއްވައިފައިވާ ރީތި ގަނޑުވަރު ބިނާކުރެއްވުމަށްފަހު ޢުޘްމާނީ ދައުލަތުގެ ރަސްމީ ހުރިހައި މަސައްކަތްތަކެއް އެގަނޑުވަރަށް ބަދަލުކުރެއްވިއެވެ. އެއަށްފަހު ޝާހީ ޢާއިލާގެ ތެރެއިން ޢާންމުގޮތެއްގައި ޓޮޕްކާޕީ ސަރާއީގައި ދިރިއުޅުއްވަމުން ގެންދެވީ ރަސްރަސްކަލުންގެ ހުވަފަތް އަނބިއަނބިކަނބަލުންނާއި ރަސްކަމުން ދުރުކުރެވޭ ބޭބޭފުޅުންގެ އަނބިއަނބިކަނބަލުންނެވެ.

ޢުޘްމާނީ ރަސްކަލުންގެ ޒަމާނުގައި ދައުލަތުގެ ޚަޒާނާއާއި ހަތިޔާރު ގުދަންތަކާއި ސިއްކަޖަހާގެވެސް ހުރީ މިގަނޑުވަރުގެ ތެރޭގައެވެ. ޙަޤީޤަތުގައި މިއީ އެންމެ ގަނޑުވަރެއް ނޫނެވެ. އެތަކެއް ގަނޑުވަރުތަކެއްގެ މައްޗަށް އެކުލެވޭ ގަނޑުވަރު އެކުވެންޏެކެވެ. މިގަނޑުވަރު އެކުވެނީގެ ތެރޭގައި ތަނަވަސް ހަތަރު މައިދާނެއް އޮވެއެވެ. ކުދިކުދި އެތަކެއް ގަނޑުވަރުތަކެއް ހުރެއެވެ.

ޢުޘްމާނީ ރަސްރަސްކަލުންގެ އިސްތަށިފުޅުގައި ތާޖު ތުރުކުރެވެނީ މިގަނޑުވަރުގެ ކުރިމަތީގައެވެ. ކައުސާހިބާ صـلّـــــى اللّـــه عــلـيــــه وسـلّـــــم ގެ ދިދަކޮޅުޖަހަން މިގަނޑުވަރުގެ ކުރިމަތީގައި ތަނެއް ޚާއްޞަކޮށްފައި ހުރެއެވެ. ތާޖުކޮޅު ތުރުކުރުވަނީ އެމާތް ދިދަކޮޅުގެ ހިޔަލުގައެވެ. ޢުޘްމާނީ ތުރުކިޔޭއިން ކޮންމެ އަހަރަކުވެސް މާތްވެގެންވާ ދެޙަރަމުފުޅަށް ރަނާއި ރިއްސާއި ގިނަ ޢަދަދެއްގެ ފައިސާ ވެދުމަށް ފޮނުވައެވެ. ޙައްޖުވެރީންގެ ޤާފިލާއަކާ އެވެދުން ޙަވާލުކުރަނީވެސް އެތާނގައެވެ.

ޢުޘްމާނީ ރަސްރަސްކަލުން ރޯދަފުޅު ވީއްލަވަނީ މިގަނޑުވަރުގެ މަތީބުރީގެ އެއްފަރާތެއްގެ އަރިމަތީގައި އޮންނަ ޚާއްޞަ މާލަމެއްގައެވެ. އިސްތަންބޫލަށް އިރުއޮއްސޭ މަންޒަރު އެތަނަށް ވަރަށް ރީތިކޮށް ފެނެއެވެ. އަޅުގަނޑުމެންގެ ގައިޑް އަޅުގަނޑުމެންނަށް އެތަން ދައްކައި ކިޔައިދީ އޮޅުންފިލުވައިދިނެވެ.

ޢުޘްމާނީ ދައުލަތުގެ ރަންޒަމާނުގައި މިގަނޑުވަރު އެކުވެނީގައި ޢާންމުކޮށް ބަލިމީހުންނަށް ފަރުވާދޭ ޝިފާޚާނާއެއްވެސް ހުއްޓެވެ. އެތަނުން 186 ވައްތަރުގެ ބަލިބައްޔަށް ފަރުވާ ދެވެއެވެ.

ތުރުކިޔޭގެ މޮޔަކަލޭގެ مـصـطـفــــى كمــال ޢުޘްމާނީ ރަސްކަން އުވައިލުމަށްފަހު ޢުޘްމާނީ ދައުލަތުގެ އެންމެ ފަހަށްހުންނެވި ޚަލީފާ سـلطـــان وحـيـــدالــدّيـــــن خــــان އާއި އެމަނިކުފާނުގެ ޢާއިލާ ގަނޑުވަރުން ބޭރުކޮށްލުމަށްފަހު ދުވަސްތަކެއްވަންދެން މިގަނޑުވަރު އެކުވެނި ވީރާނާވާން ދޫކޮށްލައިފައިވެސް ހުއްޓެވެ. އެއަށްފަހު އޭނާ މިގަނޑުވަރު އެކުވެނި ބަދަލުކުރީ ދާރުލްއާސާރަކަށެވެ. މިއީ ދުނިޔޭގައިހުރި ތިންވަނަޔަށް އެންމެބޮޑު ދާރުލްއާސާރެވެ. މި ދާރުލްއާސާރުގައި ފަސްދޮޅަސްފަސްހާސް އާސާރީ އެތި (އައިޓަމް) ރައްކައުކުރެވިފައިވެއެވެ. ތަނަށް ވަންނަ މީހުންގެ ޢަދަދު ގިނަކަމާއެކު މިއޮތްބޮޑު އެކުވެނިވެސް ވެފައިވަނީ ޖާގަކުޑަ ތަނެއްކަމުގައެވެ. އެހެންކަމުން ޒާއިރުންނަށް ޢާންމުކޮށް ދައްކަނީ އެތަކެތީގެ ދިހަވަރަކަށް އިންސައްތައެވެ. މި ދާރުލްއާސާރަކީ ޔުނެސްކޯގެ ޤަރާރަކުން ދުނިޔޭގެ ތަރިކައިގައި ހިމަނައިފައިވާ ދާރުލްއާސާރެކެވެ.

އަޅުގަނޑުމެން މުސްލިމުންނަށް މި ދާރުލްއާސާރު ވަރަށްބޮޑަށް ޚާއްޞަކުރެވެއެވެ. އެއީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ صـلّـــــى اللّـــه عــلـيــــه وسـلّـــــم އާއި އެމާތް ސާހިބާގެ އިތުރު އާލުންނާއި މިތުރު ޞަޙާބީންނަށް ނިސްބަތްވާ މުޤައްދަސް ވަރަށްގިނަ އެއްޗެހިކޮޅު މި ދާރުލްއާސާރުގައި ރައްކައުކުރެވިފައިވާތީއެވެ.

سلطـــان ســلـيــم خــــان (އައްވަލު - ޔަވޫޒު ސަލީމް) މިސުރު ހިއްޕެވުމަށްފަހު އިސްލާމީ ޚަލީފާކަން މިސުރުން ތުރުކިޔޭއަށް ބަދަލުކުރެއްވިއިރު މިސުރުގައިހުރި މުސްލިމުންގެ މުޤައްދަސް އަމާނާތްތައްވެސް އިސްތަންބޫލަށް ބަދަލުކުރެއްވިއެވެ. އޭގެފަހުން ޢުޘްމާނީ ރަސްރަސްކަލުންވެސް އިސްލާމީ އުންމަތުގެ ކަންކޮޅުތަކުން އެއްޗެހިކޮޅުތައް އެއްކުރެއްވިއެވެ. މިއެއްޗެހިކޮޅުތައް ބަހައްޓަވައިފައިހުރީ ޓޮޕްކާޕީގައި ރަސްރަސްކަލުން އުޅުއްވި ބައިގެ ކޮޓަރިކޮޅެއްގައެވެ. سـلطـــان محـــمـــــود (ތިނެއް) އެ އެއްޗެހިކޮޅުތަކަށް ދެކޮޓަރިކޮޅު ޚާއްޞަ ކުރެއްވިއެވެ. "އަލްޣުރުފަތުއްޚާއްޞާ" ގެ ނަމުގައެވެ.

(ނުނިމޭ)