(19 އޭޕްރީލްގެ އަދަދާ ގުޅޭ)
ދިހަވަނަކަމަކީ ކީރިތި ޤުރްއާނުގެ މަގަށް ދަޢުވަތު ދެއްވުމެވެ. ތިބާއަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ފަދައިން ތިބާ އިންސާނަކަށް ހަމްދަރުދީވެވަޑައިގެން އޭނާއަށް ކޮށްދެއްވޭނެ އެންމެބޮޑު ޚިދުމަތަކީ މާތް اللّــــه ގެ ކޯފާއާއި ޢަޒާބުން އެމީހަކު ސަލާމަތްކޮށްދެއްވުމެވެ. ނަރަކައާ ދުރުކޮށްދެއްވައި ސުވަރުގެއާ ކައިރިކޮށްދެއްވުމެވެ. އެއަށްވުރެ ބޮޑު ހެޔޮކަމެއް ކޮށެއް ނުދެއްވެވޭނެއެވެ. މިދުނިޔެއަކީ ވަގުތީ ތަނަކަށްވާތީ މިދުނިޔޭގެ ކޮންމެކަމަކީވެސް ވަގުތީކަމެކެވެ. މިދުނިޔޭގެ ހައިހޫނުކަމާއި ފެންބޮވައިގަތުން ދުނިޔެއާ ހަމައިން ނިމިގެން ހިނގައިދާނެއެވެ. މިތާނގެ ކޮންމެ ދަތިކަމަކާއި ވޭނަކާއި ހިތާމައެއްވެސް ފަސްދީ ހިނގައިދާނެއެވެ. އެކަމަކު އަންނާންއޮތް ދުނިޔެއަކީ ތާއަބަދު އުޅޭންޖެހޭނެ ދުނިޔެއެކެވެ. އެއީ ނިމުމެއްނެތް ޙަޔާތެކެވެ. އެހެންކަމުން އެދުނިޔޭގެ ފެންބޮވައިގަތުމާއި ހައިހޫނުކަމަކީވެސް ދާއިމީ ކަމެކެވެ. އެދުނިޔޭގެ ވޭންތަކާއި ހިތާމަތަކަށް ދުވަހަކު ނިމުމެއް ނާންނާނެއެވެ. އެދުނިޔޭގައި ކަށިޒައްޤޫމް ކެއުމާއި ލެޔާއި ފާދިޔައާއި ދޮސް ބޯންޖެހުމާއި ކެކިކެކިހުންނަ ހޫނުފެނުގެ ކޯވަރުތައް އަރުން އެތެރެކުރާންޖެހުމަކީ އަބަދަށްޓަކައި ފާފަވެރީންގެ ނަސީބުކަމުގައި ވާނެކަން ކަންކަމެވެ. އެހެންކަމުން ތިބާއަށް އިންސާނަކަށް ހޯއްދަވައިދެއްވޭނެ އެންމެބޮޑު ހެވަތައަކީ މިދެންނެވި ވޭންދެނިވި ޢަޒާބުތަކުން ނަޖާވެވޭނެގޮތް ހޯއްދަވައިދެއްވުމެވެ. ތިބާ އެއިން ކޮންމެ މީހަކަށްވެސް ހެޔޮކަމުގެ މަގަށް މަގުދައްކަވާށެވެ. އޭރުން އެމީހަކު ކުރާ ކޮންމެ ހެޔޮކަމަކުން ތިބާއަށް ބައިލިބިވަޑައިގަންނަވާނެއެވެ. މީހަކު ރޯދަ ވީއްލާނެފަދައެއް ހޯއްދަވައިދެއްވާށެވެ. ރޯދަވެރިޔާގެ ރޯދައިގެ ސަވާބުން އުނިވުމަކާނުލައި ތިބާއަށްވެސް ރޯދައެއްގެ ސަވާބު ލިބިވަޑައިގަންނަވާނެއެވެ. ވިސްނައިވަޑައިގަންނަވާށެވެ. މިހިރީ ސަވާބު ލިބިވަޑައިގެންނެވުން މެދުކެނޑުމެއްނެތި ސިލްސިލާ ކުރެއްވޭނެ ގޮތްތަކެވެ. އެހެންކަމުން އަނެކުންނަށްވެސް އެކަންކަން އޮޅުންފިލުއްވައިދެއްވައި ދަސްކޮށްދެއްވާށެވެ.
ރަމަޟާންމަހަކީ ޢިއްޒަތާއި ޝަރަފު ލިބިގެންވާ މައްސަރަކަށްވީ ކީރިތި ޤުރްއާނުގެ ސަބަބުންނެވެ. ރަމަޟާންމަހަކީ ޤުރްއާން ބާވައިލެއްވި މައްސަރު ކަމުގައިވާތީއެވެ. އެހެންކަމުން ތިބާ މީސްތަކުންނަށް ޤުރްއާނުގެ ދަޢުވަތު ދެއްވަން އެންމެ އެކަށީގެންވާ މައްސަރަކީ ރަމަޟާންމަސް ކަމުގައި ނުވާންވީ ކީއްވެގެންތޯއެވެ؟ މީސްތަކުންނަށް ޤުރްއާނުގެ ތަޢުލީމާތުތައް ތަޢާރުފުކޮށްދެއްވުން އެންމެ އައުލާކަންބޮޑު މައްސަރުކަމުގައި ރަމަޟާންމަސް ނުވާންވީ ކީއްވެގެންތޯއެވެ؟ ތިބާ މިމާތް މައްސަރުގައި އިންސާނުން ޤުރްއާނުގެ މިޝަނާ ދިމާޔަށް ލަވަމުން ގެންނަވާށެވެ. ޤުރްއާނުގެ އަމާނަތް އަދާކުރައްވަން ތެދުވެވަޑައިގަންނަވާށެވެ.
ބަރަކާތްތެރި ރަމަޟާންމަހުގައި ތިބާގެ އަމިއްލަފުޅު ޝައުޤުވެރިކަމުގައި ކުރައްވާ މަސައްކަތްޕުޅުތަކެއްވެސް ހުންނާނެއެވެ. ރޯދައިގެ ރިޔާޒުން ރަޙްމަތުގެ މާމެލާމެލި އެއްކުރައްވައި ދާވަނިކޮޅު ފުރައިލެއްވުންވެސް އޮންނާނެއެވެ. ޤުރްއާން ކިޔަވައި ވިދާޅުވުމާއި ސުންނަތްނަމާދު ކުރެއްވުން ގިނަކުރެއްވޭނެއެވެ. ޒިކުރު ކުރެއްވުމާއި އަސްތަޣުފާރު ކުރެއްވުމާއި ކައުސާހިބާ صـلّـــى اللّــــه عـلـيــه وســلّـــم ގެ މައްޗަށް ޞަލަވާތް ވިދާޅުވުން ގިނަކުރެއްވުމަކީ ސުމާރެއްނެތްހައި އައިތަވެރި ކަންކަމެވެ. އެ އައިތަވެރިކަންކަމުގައި ކިތަންމެ ހީވާގިފުޅުކަމާއެކު މަޝްޣޫލުވެވަޑައިގެން އުޅުއްވިކަމުގައިވިޔަސް އެންމެ ސަވާބުގިނަ ދަރުމަބޮޑު ކަންތައްތައް ހަނދުމަފުޅުގެ ބޯޑުން ކެހުނަ ނުދެއްވާށެވެ. އެއީ މާތް اللّــــه ގެ މަގަށް ދަޢުވަތު ދެއްވުމެވެ. ޤުރްއާނަށް ދަޢުވަތު ދެއްވުމެވެ. އެންމެ އަފޫރުއްބަ އައިތަވެރި ޢަމަލުތަކަކީ އެއީއެވެ. އެންމެ މަންފާބޮޑު ވުނަކުރެއްވުމަކީ އެއީއެވެ. އެކަންކަމުން ހުސްއެކަނި ތިބާގެ ދާވަނިކޮޅު ހެޔޮކަމުން ފުރައިލެއްވޭނީކީ ނޫނެވެ. ތިބާގެ ނަފުސު ތަޒްކިޔާ ކުރެއްވުމާއި ތަރުބިޔަތު ކުރެއްވުމުގެ އެންމެ ޔަޤީންކަން ބޮޑު ނުސްޚާއަކީވެސް އެއީއެވެ.
ރަމަޟާންމަހަކީ ޢާންމު މުސްލިމުންގެ ހިތްތައްވެސް اللّــــه ގެ ދީނާ ދިމާޔަށް ލެނބިފައިވާނެ ދުވަސްވަރެކެވެ. ހެޔޮކަމާއި ދަރުމަ ލިބިގަތުމާ ދިމާޔަށް މިސުރާބު ޖެހިފައިވާނެ މޫސުމެކެވެ. އެހެންކަމުން މިފަދަ ދުވަސްވަރެއްގައި ޢާންމު މުސްލިމުން ތިބާގެ ދަޢުވަތު ސަމާލުކަމާއެކު އަޑުއެހުމުގެ އެކަށޭނަކަން ވަކީން ބޮޑެވެ. ތިބާގެ ދަޢުވަތު އެބައިމީހުންގެ ހިތްތަކަށް ވައްދަވައިދެއްވުމުގެ ފުރުޞަތު ތަނަވަހެވެ. އެބައިމީހުންގެ ޙަޔާތު އެ މަޤްޞަދާ ދިމާޔަށް މިސުރާބުހިފައި އެރޮނގުން މަސައްކަތް ފެށުމުގެ އެކަށޭނަކަށް އެބައޮތެވެ. އަރަހުށި މާތް اللّــــه އަޅުގަނޑުމެންގެ ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވައި އެކަލޭގެފާނުގެ މައްޗަށް ކީރިތި ޤުރްއާން ބާވައިލެއްވެވީ އެކަމަށްޓަކައެވެ.
ތިބާއަށް ދެގޮތަކަށް މި މަސައްކަތްޕުޅު ކުރެއްވެވިދާނެއެވެ. އެއްގޮތަކީ ތިބާ ރަމަޟާންމަހަށް ޚާއްޞަކުރައްވައިފައިވާ ހެޔޮކަމުގެ ޕްރޮގްރާމުގައި اللّــــه ގެ މަގަށް ދަޢުވަތު ދެއްވުން ހިމެނުއްވުމެވެ. އެކަށީގެންވާ ޢަދަދެއްގެ ބަޔަކަށް އެކަމުގެ ދަޢުވަތު ދެއްވާށެވެ. ތިބާގެ މަސައްކަތްޕުޅާމެދު އެބަޔެއްގެ ޚިޔާލު ހޯއްދަވައި އެބަޔަކު ތިބާއާ ބައިވެރިކުރެއްވޭތޯ ބައްލަވާށެވެ.
ދެވަނަގޮތަކީ ތިބާގެ ގާތްތިމާގެފުޅު ބޭފުޅުންނާއި ރަޙްމަތްތެރީންގެ ތެރެއިން ތިބާއާ ބައިވެރިވެވަޑައިގެންނެވުމުގެ އެކަށޭނަކަށްހުރި ބޭފުޅުންގެ ނަންފުޅުތައް ނޯޓުކުރައްވައިގެން އެބޭފުޅުންނާ ޚާއްޞަގޮތެއްގައި ގުޅުން ބަދަހިކުރެއްވުމެވެ. އެއަށްފަހު ޤުރްއާނުގެ މަޤްޞަދަށްޓަކައި މަސައްކަތްކުރައްވަން އެބޭފުޅުން އެއްބަސްކުރެއްވުމެވެ.
އަރަހުށި މާތް اللّــــه ތިބާއަށާއި އަޅުގަނޑަށް ހެޔޮތައުފީޤު ދެއްވާށިއެވެ.
(ނިމުނީ)
ރޯދަމަސް
ރޯދަމަސް
ރޯދަމަސް
ރޯދަމަސް