ސުޕްރީމް ކޯޓުން އިއްވި 25 އަހަރު ދުވަހުގެ ޖަލު ހުކުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގޮޑި ގެއްލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ނާއިބު ރައީސް އަހުމަދު ނާޒިމް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނާޒިމު މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ދައުލަތުން ކުރި ދައުވާއާ ގުޅިގެން އޭނެ މައްޗަށް އިއްވި 25 އަހަރު ދުވަހުގެ ޖަލު ހުކުމް، 13 ޑިސެމްބަރު 2018 ގައި ސުޕްރީމް ކޯޓުން ބާތިލް ކުރުމުން ބަދަލު ހޯދަން ހުށަހެޅި މައްސަލައިގައި، ސިވިލް ކޯޓުންނާއި ހައިކޯޓުން ނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހިގެންނެވެ. ޖަލު ހުކުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލުނީ 2015 އަހަރުގައެވެ.

އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކޮށް އޭނާ މިނިވަން ކުރީ، ހުކުމް ރިވިއު ކުރަން އެދި ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހުގައެވެ.

ހުކުމް ބާތިލް ކުރުމާ ގުޅިގެން ބަދަލު ހޯދުމުގެ މައްސަލަ ނާޒިމް ސިވިލް ކޯޓަށް ހުށަހެޅިއެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، ގާނޫނާ ހިލާފް އިޖުރާއަތެއްގެ މައްޗަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއްގެ ސަބަބުން ނާޒިމުގެ އަސާސީ ހައްގުތަކާއި މިނިވަންކަން ގެއްލިފައިވާތީ، ބަދަލެއްގެ ގޮތުން އޭނާއަށް ގެއްލިފައިވާ މަޖިލިސް މެންބަރުގެ ގޮނޑި ގެއްލިފައިވާ ދާއިރާގެ މުސާރަ އާއި އިނާޔަތްތަކާއި އަދި އެހެނިހެން ގެއްލުމުގެ ބަދަލު ލިބެންޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށް އެދޭ ކަމަށެވެ.

ނަމަވެސް އެ މައްސަަ ބެލުމުގެ އިހުތިސޯސް ސިވިލް ކޯޓަށް ލިބިގެންނުވާ ކަމަށް ބުނެ އެކޯޓުގެ ރަޖިސްޓްރާ މައްސަލަ ބޭރު ކޮށްލިއެވެ.

އެކަމާ ގުޅިގެން ރަޖިސްޓްރާގެ އެނިންމުން އަލުން ބަލައިދިނުމަށް އެދި ނާޒިމްގެ ފަރާތުން އެ މައްސަލަ އަލުން ސިވިލް ކޯޓަށް ހުށަހެޅުއްވިއެވެ. ސިވިލް ކޯޓުން އެ މައްސަލަ ބެއްލެވި އޭރު އެކޯޓުގެ އިސް ގާޒީ ގާޒީ ނިންމެވީ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށެވެ.

ދެން ނާޒިމްގެ ފަރާތުން އެ މައްސަލަ ހައިކޯޓުގެ އިސްތިއުނާފަށް ހުށަހެޅުއްވިއެވެ. ހައިކޯޓުންވެސް ނިންމީ އެ މައްސަލައިގައި ސިވިލް ކޯޓުގެ ރަޖިސްޓްރާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އެހެންކަމުން ސިިވިލްކޯޓުގެ ނިންމުމަށް ތާއީދުކޮށް ސިވިލްކޯޓުގެ އިސްގާޒީ ނިންމެވި ނިންމު ސައްހަ ކަމަށްވެސް ކަނޑައެޅުއްވިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގެ އިސްތިއުނާފަށް ހުށަޅުއްވަމުން ނާޒިމުގެ ވަކީލު މަރިޔަމް ސުނާނާ ވިދާޅުވީ، އެ މައްސަލަ ބޭރުކޮށްލުމަށް، ސިވިލް ކޯޓުގެ ރެޖިސްޓްރާ ނިންމި ނިންމުމުގައި ގާނޫނީ މާއްދަތަކާ ހަވާލާ ދީފައިނުވާ ކަމަށެވެ. އެ ދައުވާ ހުށަހެޅުމުގެ ހައްގު ލިބިގެންނުވާ ކަމަށް ސިވިލް ކޯޓުން ނިންމާފައި ވަނީ، މައްސަލަ ހުށަހެޅި ފަރާތުގެ ޣައިރު ހާޒިރުގައި ކަމަށާއި ދިފާއުތަކާ ގުޅޭގޮތުން ދައުވާ ހުށަހެޅި ފަރާތުގެ ބަހެއް ނެތި ކަމަށްވެސް ވިދާޅުވިއެވެ.

އަދި ސިވިލް ކޯޓުގެ ރެޖިސްޓްރާގެ ނިންމުމަށް ތާއީދުކޮށް އެކޯޓުގެ އިސްގާޒީ ނިންމެވި ނިންމުން ހައިކޯޓަށް ހުށަހެޅުމުން އެކޯޓުން މައްސަަލަ ނިންމާފައިވަނީ ވެސް ގޯސްކޮށް ކަމަށް ވެސް ވިދާޅުވިއެވެ.

މި މައްސަލައަށް "ހައިކޯޓުން ގޮތެއް ކަނޑައެޅި އިރު، މައްސަލަ ނިންމި ހައިކޯޓުގެ ޝަރީއަތް ނިމުނު ރިޕޯޓްގައި ފަނޑިޔާރުން ހައްދަވާފައި ހުރި ދިރާސާތަކާއި ނަންގަވާފައި ހުރި ގާނޫނީ ނުކުތާތަކަކީ ދައުލަތުން ހުށަހެޅި ޖަވާބެއް ނޫން، ދައުލަތުގެ ދިފާއެއްވެސް ނޫން އެއީ، ފަނޑިޔާރުންގެ އަމިއްލަ އިސްނެންގެވުމުގައި ނަގާފައިވާ ދިފާއުތަކާއި އަސާސްތަކެއް، އަދި އެކަންކަން ފަނޑިޔާރުން ނެންގެވި އިރުގައި އެކަންކަމާ ގުޅޭގޮތުން މައުލޫއީގޮތުން ޖަވާބުދާރީވުމަށް ފުރުސަތެއްވެސް ލިބިފައެއްނުވޭ،"

ސުނާނާ ވިދާޅުވީ މި މައްސަލަަ ސުޕްރީމްކޯޓުގައި އިސްތިއުނާފު ކުރި މައިގަނޑު އަސާސަކީ "ރަޖިސްޓްރާ މައްސަލަ ނިންމާ ހިސާބުން ހައިކޯޓުގެ ނިންމުމާ ހިސާބަށް، ސަބްސްޓެންސިވްކޮށް މި މައްސަލައިގެ މައުލޫއަށް ގޮތެއް ކަނޑައެޅިގެން ދިޔައިރު ޖުޑީޝަލް އިމިއުނިޓީގެ މަފްހޫމާއި އަދި އައިސީސީޕީއާރުގެ މާއްދާތަކާ ގުޅޭގޮތުން އެކިއެކި ގާނޫނީ އުސޫލުތައް ފާހަގަކުރާއިރު ސަބްސްޓެންސިވް ދިފާއުގެ މައްޗަށް މައްސަލައެއް ނިމިގެން ދިޔައިރުގައި ދަށު ކޯޓުގައި ޝަރީއަތެއް ނުހިނގާ،" ކަމަށެވެ.

އެންމެ ފުރަތަމަ މައްސަލައެއް ހިނގަން ޖެހޭނީ ދަށު ކޯޓުގެ ޝަރީއަތެއްގައި ކަމަށާއި މި މައްސަލައިގައި ގޮތެއް ކަނޑައަޅަން ޖެހޭނީ މައުލޫއީގޮތުން ކަމަށްވެސް ވިދާޅުވިއެވެ.

އެހެންނަމަވެސް މައްސަލަ މިހާ ހިސާބަށް އައިސްފައި ވަނީ، ދައުލަތް ހާޒިރުކޮށް ދަށު ކޯޓުގައި ޖަވާބުދާރީ ކުރުވުމެއްނެތި، އެ މައްސަލަ ނިންމައި ހައިކޯޓަށް އެ މައްސަލަަ އިސްތިއުނާފުކޮށް ހައިކޯޓުންވެސް މައްސަލަ ބަލައިނުގަތުމަށް ނިންމާފައި އޮތް ނިންމުމަކަށް މައުލޫއީގޮތުން ގޮތެއް ކަނޑަނާޅައި ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ނާޒިމުގެ ފަރާތުން އެދޭގޮތަކީ، މައުލޫއީގޮތުން މި މައްސަލަ ބެލޭނެގޮތަކަށް މައްސަލަ ސިވިލް ކޯޓަށް ތަހުވީލުކޮށްދިނުން ކަމަށްވެސް ސުނާނާ ވިދާޅުވިއެވެ.