މިއަހަރުގެ ފިތުރު އީދުގެ ފުރަތަމަ ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެއްޖެއެވެ.

ފަލަކީ އިލްމު ދިރާސާކުރެއްވުމަށް ހާއްސަ ޝައުގުވެރިކަމެއް ބަހައްޓަވާ މައުމޫން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިމަހުގެ 20 ވަނަ ދުވަހުގެ އިރުއޮއްސުމަށްފަހު ގިނަ އިސްލާމީ ގައުމުތަކަށް ހަނދު ނޯއްސި ހުންނާނެކަމުން މި ރަމަޟާން މަހަކީ 29 ދުވަހުގެ މަހެއް ކަމަށެވެ. އަދި ރާއްޖެއަށް އެ ދުވަހު އިރުއޮއްސޭނީ ހަވީރު 6:11 ގައި ކަމަށާއި ހަނދު އޮއްސެނީ 6:27 ގައި ކަމަށްވުމުން، އިރުއޮއްސުމަށްފަހު 16 މިނެޓުއިރު ރާއްޖެއަށް ހަނދު ނޯއްސި ހުންނާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

"އެހެންކަމުން، މިއަހަރުގެ ޝައްވާލު މަހުގެ 1 ވާނީ، ފަލަކީ ހިސާބުން ދައްކާގޮތުގައި، މި އޭޕްރީލް މަހުގެ 21 ވާ ހުކުރު ދުވަހަށް،" މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ މިމަހުގެ 20 ވަނަ ދުވަހު މައްކާއަށް 64 މިނެޓު ވަންދެން ހަނދު ނޯއްސި ހުންނާނެ ކަމަށާއި އަދި މިސްރަށް 27 މިނިޓު، ޖަކާޓާއަށް ނުވަ މިނިޓް، ތުރުކީއަށް 71 މިނިޓް، ރަބާތަށް 35، ކޭޕް ޓައުންއަށް 13 މިނެޓް އަދި ބުއެނޮސް އެއާރީސްއަށް 20 މިނެޓު ވަންދެން ހަނދު ނޯއްސި ހުންނާނެ ކަމަށެވެ.

މައުމޫން އެހެން ވިދާޅުވެފައިވާ އިރު، އިންޓަނޭޝަނަލް އެސްޓްރޮނޮމިކަލް ސެންޓާ (އައިއޭސީ)އިން ބުނެފައިވަނީ މިއަހަރުގެ ފިތުރު އީދުގެ ފުރަތަމަ ދުވަހަކީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.

އައިއޭސީން ބުނެފައިވަނީ އަންނަ ބުރާސްފަތި ދުވަހު ހަނދު ފެނުމަކީ ނާދިރުކަމެއް ކަމަށެވެ. އެ ދުވަހު ހަނދު ފެންނާނީ ފެންވަރު ރަނގަޅު ޓެލެސްކޯޕްއަކުން ބަލައިގެން ނުވަތަ އެ ދުވަހު ވަރަށް ބޮޑަށް މޫސުން ރަނގަޅުވެގެން ކަމަށެވެ.

ނަމަވެސް އިސްލާމީ ބައެއް ގައުމުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ހަނދުފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފައިވެއެވެ.