ފިހާރަތަކުން ގަންނަ މުދާ ލާފައި ދޭ ސިންގަލް ޔޫސް ޕްލާސްޓިކް ކޮންމެ ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގަންޖެހޭ ގޮތަށް ކުނި މެނޭޖުކުރުމުގެެ ގާނޫނަށް މިދިޔަ ނޮވެމްބަރު މަހު ގެނައި އިސްލާހަށް މިއަދު އަމަލު ކުރަން ފަށައިފިއެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނެސްފައިވާ މި އިސްލާހުގައިވާ ގޮތުން ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނުވަތަ އެހެން ފައިސާއަކުން ނަމަ، ދެ ރުފިޔާއާ އެއްވަރުގެ އަދަދަކަށް ފައިސާ ނަގަން ޖެހެއެވެ.

ވިޔަފާރިތަކުން މި ފައިސާ ދައްކަންޖެހެނީ ދައުލަތުގެ ޓެކްސް އިދާރާ، މީރާ އަށެވެ. މީރާ އިން ނެރެފައިވާ ޕްލާސްޓިކް ކޮތަޅު ފީ ގައިޑްލައިންގައި ބުނެފައިވާ ގޮތުން ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ނަގާ ޕްލާސްޓިކް ކޮތަޅުގެ ފީ، އެ ފަރާތްތަކުން މީރާއަށް ދައްކަންޖެހެވެ. އަދި ޖީއެސްޓީއަށް ރަޖިސްޓަރީކުރަންޖެހޭ ފަރާތަކުން، ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިނުވި ނަމަވެސް، އެ ފަރާތުން ނަގާ ކޮތަޅުގެ ފީވެސް މީރާއަށް ދައްކަންޖެހޭނެއެވެ.

ޕްލާސްޓިކް ކޮތަޅުގެ ފީ ދައްކަން ޖެހެނީ ކަސްޓަމަރު ގަންނަ މުދާ އުފުލަން ޕްލާސްޓިކުން ހަދާފައި ހުންނަ ކޮތަޅަށެވެ. އެ މުދާ ޕެކްކޮށްފައި ހުންނަ ކޮތަޅަކަށް ނޫނެވެ. އެގޮތުން މުދަލެއް ވިއްކުމަށް ކޮންމެހެން ބޭނުންވާ ފެންވަރަށް އެ މުދަލެއް ބަންދުކުރުމަށް، އެ މުދާ އުފައްދާ ފަރާތުން ބޭނުންކޮށްފައިވާ ޕްލާސްޓިކް ކޮތަޅުން ފީ ނަގާކަށް ނުޖެހޭނެއެވެ.

މިސާލަކަށް ތެލުލި ފަތް ބަންދުކޮށްފައިވާ ޕްލާސްޓިކް ޕެކެޓަށް ފީ ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް އެ ގަނެގެން އުފުލުމަށް އެހެން ޕްލާސްޓިކް ކޮތަޅަކަށް އަޅާ ނަމަ، އުފުލަން އަޅާ ކޮތަޅަށް 2 ރުފިޔާ ދައްކަންޖެހޭނެއެވެ.

އޭގެ އިތުރުން ސުން ރޭޓުގައި ޖީއެސްޓީ ނަގާ މުދަލެއް ފޯރުކޮށްދިނުމުގައި ވިއްކާ ނުވަތަ ހިލޭ ދޭ ޕްލާސްޓިކް ކޮތަޅުންވެސް ފީ ނަގަންޖެހެއެވެ. އަދި ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ ކަނޑުމަހާއި ފަރުމަހާއި އެމާއި ސީފުޑް އަދި އެފަދަ ތަކެތީގެ ބައިތައް އަޅާފައި ހިލޭ ދޭ ނުވަތަ ވިއްކާ ޕްލާސްޓިކް ކޮތަޅުން ޕްލާސްޓިކް ކޮތަޅުގެ ފީ ނުނަގާނެއެވެ. ނަމަވެސް ގަނޑުކުރި މަސް އަޅާފައި ހުންނަ ކޮތަޅުން ފީ ނެގޭނެއެވެ.

  • ޑިއުޓީ ފްރީ ފިހާރަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު
  • ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު
  • ބަންދުނުކޮށް ހުންނަ ހަނޑޫ، ހަކަރު އަދި ފުށް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު
  • ފަންސާސް ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި
  • ކުނި މެނޭޖުކުރުމުގެ ހިދުމަތް ދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެންމެ އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނާ"

އެކި ކަންކަމުގައި މި ގާނޫނާ ހިލާފުވާ ފަރާތްތައް ފަސް މިލިޔަނާ ހަމައަށް ޖޫރިމަނާ ކުރުމަށް ގާނޫނުގައި ވަނީ ބުނެފައެވެ.