މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކުރިއަށްގެންދާ ސްޓޫޑެންޓް ޖާނަލިޒަމް ޕްރޮގްރާމްގެ ޕްލެޓިނަމް ސޮޕޮންސަރަކަށް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) ހަމަޖައްސައިފިއެވެ.

އެސްޓީއޯގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެމްއެމްސީގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަހުމަދު މުސްތަފާއެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މީޑިއާ އޮފިސަރު އަބްދުﷲ މުހައްމަދެވެ.

"އެސްޓީއޯއަކީ މީހުން ބިނާކުރުމަށް އެމްއެމްސީން ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ސްޕޮންސަރަކަށް ހަމަޖެއްސި ފުރަތަމަ ކުންފުނި. އެކަމަށްޓަކައި އެސްޓީއޯގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވަން" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވަނީ މީޑިއާ ކުރިއެރުވުމުގެ ގޮތުން އެސްޓީއޯގެ ފަރާތުން ދެމުން އަންނަ އެހީތައް ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ.

އެމްއެމްސީ ކުރިއަށްގެންދާ ސްޓޫޑެންޓް ޖާނަލިޒަމް ޕްރޮގުރާމަކީ ސްކޫލް ދަރިވަރުންގެ މެދުގައި ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ. މި އަހަރު ޖެނުއަރީ މަހު ފެށި އެ ޕްރޮގްރާމްގެ ދަށުން ދެ ސްކޫލެއްގެ 50 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީނުކޮށްފައެވެ.

އެމްއެމްސީ ބުނީ މި އަންނަ ޖޫން މަހުގެ ތެރޭގައި ސްޓޫޑެންޓް ޖާނަލިޒަމް ޕްރޮގްރާމް ހއ އަދި ހދ. އަތޮޅުގެ ބައެއް ސްކޫލުތަކުގައި ކުރިއަށް ގެންދިއުމަށްވެސް ތައްޔާރުވަމުން އަންނަ ކަމަށެވެ.