ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިދުމަތުގެ އަގު ހެޔޮކޮށް، ރައްޔިތުންގެ އަތް ނުފޯރާހިސާބުގައި ހުރި މުދަލުގެ އަގުތައް ކޮންޓްރޯލް ކުރެވޭނެ ގޮތްތަކެއް ސަރުކާރުން ހެދުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
އިދިކޮޅު ޕީއެންސީގެ މެންބަރު މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް މި ގަރާރު ހުށަހަޅުއްވަމުން ވިދާޅުވީ، ޖީއެސްޓީ ބޮޑު ކުރުމާއެކު ދިވެހިން ދިރިއުޅުމުގައި އާއްމުކޮށް ބޭނުންކުރާ ކާބޯތަކެއްޗާއި މުދަލާއި ހިދުމަތުގެ އަގު މިދިޔަ ޖެނުއަރީ މަހުން ފެށިގެން ހަތް އިއްސައްތަ ބޮޑުވެ، އަދި ވޭތިވެދިޔަ އަހަރުގެ ތެރޭގައި 7.82 އިންސައްތަ އިތުރުވެ، ނިސްބަތުން ވޭތިވެދިޔަ އަހަރުގެ ތެރޭގައި 75 އިންސައްތައަށް އިންފްލޭޝަން އުފުލިފައިވާ ކަމަށެވެ.
"ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އަގުތައް 4.3 އިންސައްތަ ބޮޑުވެފައިވާކަން ނޭޝަނަލް ބޮއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާއްމުކުރި ތަފާސްހިސާބުތަކުން ހާމަވެ، ރައްޔިތުން ކަންބޮޑުވާ މިންވަރަށް ރާއްޖޭގެ އިންފްލޭޝަން އުފުލެމުން ދިއުމާއި ރާއްޖޭގައި އުފައްދާ ތަކެތީގެ އަގުތަކާއި ހިދުމަތުގެ އަގުތައް އުފުލެމުންދާ،" ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ރޯދަ މަހާ ދިމާކޮށް ދިވެހިން އާއްމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އެކި ބާވަތްތަކުގެ އަގުތައް ކުރިއަށްވުރެ ބޮޑުވަމުންދާ އިރު، ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭ، ރައްޔިތުންގެ ގިނަ ބަޔަކަށް އާމްދަނީ އިތުރު ކުރެވޭނެ މަގުތަކެއް ފެންނަން ނެތުމާއި ޖޫރިމަނާ އާއި އެހެނިހެން ނަންނަމުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމަށެވެ.
އެހެންކަމުން ސަރުކާރުން ބޮޑުކުރި ޖީއެސްޓީ އަލުން މުރާޖައާ ކުރުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިދުމަތުގެ އަގު ހެޔޮކޮށް، ރައްޔިތުންގެ އަތް ނުފޯރާހިސާބުގައި ހުރި މުދަލުގެ އަގުތައް ކޮންޓްރޯލް ކުރެވޭނެ ގޮތްތަކެއް ސަރުކާރުން ރާވައި، ބާޒާރުގެ އަގުތައް ރައްޔިތުންގެ އަތްފޯރާފަށުގައި ހިފެހެއްޓޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ޝަރީފް ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.