އާ ހުނަރުތައް ތަރައްގީކުރުމާއި ވަކި މަސައްކަތުގެ ދާއިރާތަކުން ހާއްސަވުމަށް އެދޭ ފަރާތްތަކަށް ތައުލީމުގެ އިތުރަށް މަސައްކަތު މާހައުލުން ތަމްރީނު ހޯދައިދިނުމުގެ އަމާޒުގައި، އާބަންކޯއިން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ގުޅޭ ގޮތުން އާބަންކޯއިން މިއަދު ބުނީ ޖުމްލަ ހަ ދާއިރާއަކުން މި އަހަރުގެ ޕްރޮގްރާމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ދާއިރާތަކުން ޖުމްލަ 100 ޖާގަ ހުޅުވާލާފައިވާ އިރު، އޭގެ ތެރެއިން 82 ޖާގަ ހާއްސަ ކޮށްފައިވަނީ އާއްމުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކަށް ކަމަށާއި ބާކީ 18 ޖާގަ ހާއްސަކޮށްފައިވަނީ އެކުންފުނީގެ މުވައްޒަފުންނަށް ކަމަށްވެސް ބުންޏެވެ.

  • ސޯޝަލް ސެކްޓާ
  • އައިސީޓީ
  • ޓްރާންސްޕޯޓް ސެކްޓާ
  • ޓުއަރިޒަމް ސެކްޓާ
  • ފިޝަރީޒް އެންޑް އެގްރިކަލްޗާ
  • ކޮންސްޓްރަކްޝަން ސެކްޓާ

އާބަންކޯ އިން މައުލޫމާތު ދޭ ގޮތުގައި މި ހަ ދާއިރާގެ ދަށުން، ތަފާތު އެކި ޓެކްނިކަލް މަސައްކަތްތައް ދަސްކޮށްދޭ ޕްރޮގްރާމްތައް ހިމެނިފައިވާނެއެވެ.

އޭގެ ތެރޭގައި ޖުމްލަ 12 މަސައްކަތް ހިމެނިގެންދާ އިރު، ދަނޑުވެރިކަމާއި ކޮމްޕިއުޓަރު ހާޑްވެއާ، ހެވީ ވެހިކަލް އޮޕަރޭޝަންސް އަދި ވެލްޑިން އާއި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒިން ފަދަ އާންމުކޮށް ދިވެހިން ނުފެންނަ މަސައްކަތްތަކުން ތަމްރީން ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އާބަންކޯ އިން ބުންޏެވެ.

މި އެޕްރެންޓިސްޝިޕްގެ ބައިވެރިންނަށް މި ދާއިރާތަކުން ތައުލީމުގެ އިތުރަށް ވަޒީފާގެ ތަޖުރިބާވެސް ލިބިގެންދާނެއެވެ. އަދި ހަ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އެ މުއްދަތުގެ ތެރޭގައި ހާއްސަ އެލަވަންސެއްގެ ގޮތުން ކޮންމެ ބައިވެރިއަކަށް 6،000 ރުފިޔާ ދިނުމަށް އާބަންކޯއިން ވަނީ ނިންމައިފައެވެ.

މި ޕްރޮގްރާމް ކުރިއަށްދާނީ ޖޫން މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މި ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން މި އަންނަ މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

ޕްރޮގްރާމުގައި ބައިވެރިވެ ސެޓްފިކެޓު ހާސިލުކުރާ ބައިވެރިންނަށް އާބަންކޯގައި މަސައްކަތްކުރުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.