(12 އޭޕްރީލްގެ އަދަދާ ގުޅޭ)
ހަތްވަނަކަމަކީ لـيــلـة الـــقــدر ވިލޭރެޔާ ބައްދަލުވާން ތައްޔާރުވުމެވެ. މިމާތް މައްސަރަކީ ކީރިތި ޤުރްއާން ބާވައިލެއްވި މަހެވެ. لـيــلـة الـــقــدر ވިލޭރެޔަކީ ޤުރްއާން ބާވައިލެއްވި ރެޔެވެ. އެރެޔަކީ އެތަކެއްހާސް މައްސަރުތަކަކާއި އަހަރުތަކަކަށްވުރެ ދަރަޖައިން އަރައިހުރި ރެޔެކެވެ. އެރޭގައި ހިނގައިފައިވާ މަތިވެރި ހާދިސާތަކުގެ ސަބަބުންނެވެ. އެރޭގައި ބައްސަވައިލައްވާ މަތިވެރި ޚަޒާނާގެ އަގުއަރައިހުންނަ ހުރުމުގެ ސަބަބުންނެވެ. އެރޭގައި قــيـــام ކުރުމަކީ (ރޭއަޅުކަންކުރުމަކީ) ހުރިހައި ފާފަތަކެއް ފުއްސެވުމުގެ އުފާވެރި ޚަބަރު ދެއްވައިފައިވާ ކަމެކެވެ. لـيــلـة الـــقــدر ވިލޭރެޔަކީ އެރެއެއްގައި ދުޢާ އިޖާބަ ވަގުތެއް ލައްވައިފައިވާ ރެއެކެވެ. ތިބާ ދީނާއި ދުނިޔޭގެ ހެޔޮކަމަކަށް އެދިވަޑައިގެން ކުރައްވާ އެއްވެސް ދުޢާފުޅެއް ރައްދުނުކުރައްވާނެކަން އަންގަވައިފައިވާ ރެއެކެވެ. (މުސްލިމު، جـــابــــــر رضــى اللّـــه عــنـــه) ތިބާ އެރޭގެ ބަރަކާތާއި ހެޔޮކަން ލިބިވަޑައިގެންނެވުމުން މަޙްރޫމުވެވަޑައިގެންފި ކަމުގައިވާނަމަ އެއަށްވުރެ ބަދުނަސީބުކަމެއް ނޯންނާނެއެވެ. (އިބްނު މާޖާ، أنــس بــــن مــالــك رضــى اللّـــه عـــنــــه)
لـيــلـة الـــقــدر ވިލޭރެޔަކީ ކޮންރެއެއްތޯއެވެ؟ އާދެ އެރެޔަކީ ކަނޑައެޅިގެން މިވެނި ރެޔެކޭ އަޅުގަނޑުމެންނަކަށް ދެންނެވޭކަށެއް ނެތެވެ. ކައުސާހިބާ صـلّـــى اللّــــه عـلـيــه وســلّـــم ގެ ޙަދީޘުފުޅުން އެނގެނީ އެރެޔަކީ ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެޔެއްކަމެވެ. އެކާވީސް، ތޭވީސް ފަންސަވީސް، ހަތާވީސް، ނަވާވީސް މިރޭތަކުގެ ތެރެއިން ރެޔެއްކަމެވެ. ބައެއް އެހެނިހެން އަޘަރުތަކުން އެނގޭގޮތުގައި އެރެޔަކީ ފަހުދިހައިގެ ރޭތަކުގެ ތެރެއިން ކޮންމެވެސް ރެޔެކެވެ. ނުވަތަ ރަމަޟާންމަހުގެ ރޭތަކުގެ ތެރެއިން ރެޔެކެވެ.
އިސްލާމީ އުންމަތުގައި ޢާންމުކޮށް މަޝްހޫރުވެފައި އޮންނަނީ އެރެޔަކީ ރަމަޟާންމަހުގެ ހަތާވީސް ވިލޭރޭކަމުގައެވެ. އެރޭގެ قــيـــام އާއި ރޭއަޅުކަން ކުރުމުން ފުދޭކަމުގައެވެ. ޞަޙާބީންގެ ބަޔެއް ބޭކަލުންނާއި އުންމަތުގެ ޞާލިޙުންގެ އަރިހުން ވާރިދުވެގެން އައިސްފައިވާ ބަޔެއް ރިވާޔަތްތަކުން އެގޮތަށް ތާއީދުވެސް ލިބެއެވެ. އެކަމަކު لـيــلـة الـــقــدر ވިލޭރެޔަކީ މިވެނި ރެޔެއްކަން ޞަރީޙުކޮށް އަންގަވައިފައި ނުވުމަކީ އެކަމުގައި ވަރަށްބޮޑު ޙިކްމަތެއް ފޮރުވިފައިވާ ކަމެކެވެ. އެރޭ އަޅުގަނޑުމެންނަށް އެނގޭކަމަށާއި އެރެޔަކީ ހަތާވީސް ވިލޭރޭކަމުގައި ކަނޑައަޅައިފިކަމުގައިވާނަމަ އެ ޙިކުމަތް ނަގައިލެވުނީއެވެ.
لـيــلـة الـــقــدر ވިލޭރޭ ވަންހަނާކުރައްވައިފައިވަނީ އަޅުގަނޑުމެން އެރެޔާ ބައްދަލުކުރެއްވުން އަދައިގެން އަޅުކަމުގައި ވީހާވެސް ބޮޑަށް މަޝްޣޫލުވުމަށްޓަކައެވެ. އެކަމުގެ ދަހިވެތިކަމުގައި ގިނަރޭތަކެއް ހޭދަކުރުމަށެވެ. މަސައްކަތުގައި އިތުރަށް ހީވާގިވުމަށްޓަކައެވެ. އަޅުގަނޑުމެންގެ ޝައުޤުވެރިކަން އާރޯކަންމަތީ ދެމެހެއްޓުމަށްޓަކައެވެ. ރަމަޟާންމަހުގެ ފަހުދިހައިގެ ހުރިހައި އޮނަހިރި ރޭތަކެއް ދިރުވުމަށްޓަކައެވެ. އެއަށްވުރެވެސް ހިތްވަރުގަދަކޮށް ހިންމަތް އިތުރުކޮށް ރަމަޟާންމަހުގެ ފަހުދިހައިގެ ހުރިހައި ރޭތަކެއްގައިވެސް އަޅުކަމުގައި ހީވާގިވުމަށެވެ. އެއަށްވުރެވެސް ބޮޑަށް ހެޔޮކަން އަދައިގެން ކުރިޔަށްނުކުމެ ރަމަޟާންމަހުގެ އެންމެ ރެޔެއްވެސް ދޫކޮށްނުލައި ކޮންމެ ރެޔަކު އަޅުގަނޑުމެން މާތް اللّــــه ގެ ރަޙުމަތްވަންތަކަމުގެ ކޯރަށްއެރި ފަތަފަތައި ތިބުމަށެވެ. ހެޔޮ ޢަމަލުތަކާމެދު ފަރުވާކުޑަކޮށްނުލައި ހިތްވަރާއި ބުންވަރު ދެއްކުމަށްޓަކައެވެ. އަރަހުށި މާތް اللّــــه އެންމެބޮޑަށް ރުހިވޮޑިގަންނަވަނީ އެކަލާނގެ ރަޙުމަތްފުޅާއި ދެއްވާ މަތިވެރި އިނާމު ލިބިގަތުންއަދައިގެން އަޅުގަނޑުމެން ތާއަބަދު ހީވާގިވެގެން އުޅުމެވެ. ކުރާ މަސައްކަތަށްވުރެވެސް އަޅުގަނޑުމެންގެ ހިތްނިޔަތް ޚާލިޞްކުރުންމަތީ ދެމިތިބުމަށެވެ. އެރެޔަކީ މިވެނި ރެޔެއްކަން ކަނޑައަޅައި އެނގިއްޖެކަމުގައިވާނަމަ އަޅުގަނޑުމެން އެ ސަރާސަރު ރަޙުމަތުގެ ކަނޑުގެ އައްސޭރިޔަށް ފައިބާނީ އެންމެ ރެޔަކުއެވެ.
لـيــلـة الـــقــدر ވިލޭރޭ قــيـــام ކޮށް އަޅުކަންކުރުމަކީ އެހެން އެއްވެސް ރެޔެއްގެ قــيـــام އާއި އަޅުކަމުން ނުލިބޭފަދަ ބޮޑެތި އަދި ގިނަގުނަ މަންފާ ލިބޭނެކަމެކެވެ. ރަމަޟާންމަހުގެ ހުރިހައި ރޭތަކެއްގައި قــيـــام ކޮށް އަޅުކަންކުރުމަކީ ހެޔޮކަމާއި ބަރަކާތް އިތުރަށް ފަށްފަށްވާނެ ކަމެއްކަމީ ސުވާލެއްވެސް އޮތްކަމެއް ނޫނެވެ. މުޅި ރަމަޟާންމަހަކީވެސް މިއުންމަތަށްޓަކައި މާތް اللّــــه ގެ ޚާއްޞަ ރަޙްމަތްފުޅުގެ މަޒްހަރެކެވެ. އަރަހުށި މާތް اللّــــه މިއުންމަތަށްޓަކައިވަނީ ކުޑަވަގުތުކޮޅަކުން ކުރެވޭ މަދު ޢަމަލުތަކުގައިވެސް މަތިވެރި އަރުތަ ތަކެއް ލައްވައިފައެވެ. އިސްވެދިޔަ އުންމަތްތަކުން ގިނަވަގުތުތަކުންކުރާ ބޮޑެތި ޢަމަލުތަކަށް ނުދެއްވާފަދަ އަފޫރުއްބަ ދަރުމައާއި ސަވާބު ލައްވައިފައެވެ. ކައުސާހިބާ صـلّـــى اللّــــه عـلـيــه وســلّـــم ގެ ބަސްފުޅަކުން އެނގޭގޮތުގައި މިއުންމަތުގެ މީހަކު ޢަޞުރުވަގުތުން ފެށިގެން މަޣުރިބުވަގުތާ ހަމަޔަށް މަސައްކަތްކޮށްލުމުން ޔަހޫދީއަކު ފަތިހުއްސުރެ މެންދުރާ ހަމަޔަށް އަޅުކަމުގައި މަޝްޣޫލުވުމުން ނުދެއްވާހައި ގިނަ ދަރުމަ ދެއްވައެވެ. ޢީސާއީއަކު މެންދުރުއްސުރެ މަޣުރިބާ ހަމަޔަށް އަޅުކަމުގައި ހޭދަކުރުމުން ނުދެއްވާހައި ދަރުމަ ދެއްވައެވެ. (ބުޚާރީ: إبـــن عــمـــــر رضـــى اللّــه عــنـــــه) لـيــلـة الـــقــدر އަކީ މިދެންނެވި ހައިބަބޮޑު ދީލަތިވަންތަކަމުގެ އިތުރަށް ދެއްވާ ދެއްވުމެކެވެ.
އާދެ، ތިބާ ހިންމަތުގެ ކަމަރު ބަނދެލައްވާށެވެ. ވަރުބަލިފުޅުކަމަކަށް ނުބައްލަވައި މަސައްކަތްޕުޅު ކުރައްވާށެވެ. އެންމެކުޑަމިނުން ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގައި މާތް اللّــــه ގެ ޙަޟުރަތުގައި قــيـــام ކުރައްވާށެވެ. ނަމާދުކުރެއްވުމާއި ޤުރްއާންކިޔަވައި ވިދާޅުވުމުގައި މަޝްޣޫލުވެވަޑައިގަންނަވާށެވެ. ޒިކުރު ކުރެއްވުމާއި ދުޢާކުރެއްވުން ގިނަކުރައްވާށެވެ. އަސްތަޣުފާރު ކުރެއްވުމުގައި ވަގުތު ހޭދަކުރައްވާށެވެ. ރޭގަނޑުގެ ހަތަރުދަން އަޅުކަމުގައި ހޭދަކުރެއްވުމަކީ ދަތިފުޅު ކަމެއްކަމުގައިވާނަމަ ރޭދެބައިވީއްސުރެ ސަޙަރުގެ ވަގުތާ ހަމަޔަށް ތިންގަޑިޔެއްހައިއިރު އަޅުކަމުގައި ހޭދަކުރައްވާށެވެ. ހަށަންބަންނަވައިގެން قــيـــام އަށް ހުންނަވާށެވެ. ނިތްކުރިފުޅު ބިންމަތީގައި ޖައްސައިލައްވާށެވެ. މާތް اللّــــه ގެ ޙަޟުރަތަށް ޚުޝޫއާއި ޚުޟޫޢާއެކު ދުޢާކުރައްވާށެވެ. ގިސްލައްވައި ކީރިތިކުރައްވާށެވެ. އަސްތަޣުފާރު ކުރައްވައި ތައުބާވެވަޑައިގަންނަވާށެވެ.
ކޮންމެ ރެޔަކުވެސް ދުޢާ ޤަބޫލުކުރައްވާ ޚާއްޞަ ވަގުތެއް އެކުލެވިފައިވި ކަމުގައިވިޔަސް لـيــلـة الـــقــدر ވިލޭރޭގެ އެގަޑި ވަކީން ޚާއްޞައެވެ. ކުލަގަދައެވެ. ތަފާތެވެ. އެރޭގެ ތާސީރުވެސް ތަފާތެވެ. އެވަގުތަކީ ކޮބައިކަމެއްވެސް ނޭނގެއެވެ. އެހެންކަމުން ކައުސާހިބާ صـلّـــى اللّــــه عـلـيــه وســلّـــم ވަނީ أمّ المــؤمــنـــيـــن السّــيّــدة عـائشـــة رضـــى الـلّــه عــنـــهـــا އަށް އެރޭ ކުރައްވާނެ ކުރު އެކަމަކު ވަށައިޖެހޭ ފުރިހަމަ ދުޢާއެއް ދަސްފުޅުކޮށްދެއްވައިފައެވެ. އެހެންކަމުން ތިބާ ރަމަޟާންމަހުގެ ކޮންމެ ރެޔަކުވެސް އެ ދުޢާކުރެއްވުން ގިނަކުރައްވާށެވެ. ތަކުރާރުކުރައްވައި ފަށްފަށް ކުރައްވާށެވެ. އެ ދުޢާއަކީ:
اَللَّــــهُـــمَّ إنّـك عَــفُـــــوٌ تُحِــبُّ الْــعَــــفْـــوَ فَـاعْـفُ عَـــنَّى (أحمــد تــــرمـــذى)
ތިބާގެ ހިތްވަރުފުޅު ހުރިކަމުގައިވާނަމަ ފަހުދިހައިގައި ކޮންމެހެންވެސް އިޢުތިކާފު ކުރައްވާށެވެ. ދިހަދުވަސް ވަންދެން ނުކުރެއްވޭކަމުގައިވާނަމަ އެއަށްވުރެ މަދު ދުވަސްތަކަކު ވިޔަސްވެހެވެ. އިޢުތިކާފަކީ އިންސާނާގެ ހިތާއި ރޫޙާއި މިޒާޖާއި އުޅުމާއި ވިސްނުމާއި ޢަމަލުގައި ރައްބާނީ ކުލައިން ކުލަޖައްސައިދޭނެ ކަމެކެވެ. ލައްލަހިއްޔަތުގެ ތައްގަނޑަށް އޭނާ ފައްތައިލުމުގެ އިކްސީރު އެކުލެވިފައިވާ ކަމެކެވެ. އެއީ لـيــلـة الـــقــدر ހޯދަންކުރާ މަސައްކަތްވެސް ފަސޭހަކޮށްދޭނެ ކަމެކެވެ. އިޢުތިކާފު ކުރުމަކީ ކޮންމެކޮންމެ މީހަކަށް ފަސޭހަކަމަކަށް ނުވެދާނެއެވެ. އެކަމަކު އިޢުތިކާފުގެ މުހިންމުކަން ތިބާ ވިސްނައިވަޑައިގަންނަވާށެވެ. ޢިލްމުވެރީންވަނީ އިޢުތިކާފަކީ ކިފާޔަތުގެ ފަރުޟެއްކަމުގައި ވިދާޅުވެފައެވެ. ކައުސާހިބާ صـلّـــى اللّــــه عـلـيــه وســلّـــم ކޮންމެ ރޯދަމަހަކުވެސް އިޢުތިކާފް ކުރެއްވިއެވެ. أمّ المــؤمــنـــيـــن السّــيّــدة عـائشـــة رضـــى الـلّــه عــنـــهـــا ވިދާޅުވެފައިވެއެވެ. ކައުސާހިބާ صـلّـــى اللّــــه عـلـيــه وســلّـــم ރަމަޟާންމަހުގެ ފަހުދިހައިގައި އެކަލޭގެފާނުގެ ކަމަރުކޮޅު ބާރުކޮށްލައްވައެވެ. (އަޅުކަމަށް ފުރިހަމަޔަށް ތައްޔާރުވެވަޑައިގަންނަވައެވެ.) ރޭގަނޑު ހުންނަވަނީ ހޭފުޅުލައްވައެވެ. އެމާތް ސާހިބާގެ ގަނޑުވަރުގެ އަހްލުވެރީންނަށް ވިދާޅުވެ ހޭފުޅުލައްވުވައެވެ. އެހެން އެއްވެސް ދިހައެއްގައި ނުކުރައްވާވަރަށް އަޅުކަން ކުރައްވަވައެވެ. (ބުޚާރީ، މުސްލިމު)
އިޢުތިކާފުގެ އަސްލު ރޫޙަކީ ތިބާ ކޮންމެވެސް މުއްދަތަކަށް ދުނިޔޭގެ އެހެން ހުރިހައި މަސައްކަތްޕުޅުތަކަކާއި ޝައުޤުވެރިކަމަކުން އެއްކިބާވެވަޑައިގެންނެވުމެވެ. ތިބާގެ އަމިއްލަ ޒާތުފުޅު މާތް اللّــــه އަށް ވަޤުފުކޮށްދެއްވުމެވެ. ހިބަކޮށްދެއްވުމެވެ. އަހްލުއިޔާލުންނާއި ގޯތިގެދޮރު ދޫކޮށްލައްވައިފައި އެކަލާނގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅެއްގައި އެހެންމީހުނާ އެކަހެރީން އިންނެވުމެވެ. ތިބާގެ ހުރިހައި ވަގުތެއް اللّــــه ހަނދުމަކުރެއްވުމުގައި ހޭދަކުރެއްވުމެވެ. އިޢުތިކާފުން ލިބިވަޑައިގަންނަވާނެ މޭވާއަކީ ތިބާގެ ޙަޔާތްޕުޅު ޚާއްޞަ ތައްގަނޑަކަށް ފެތުމެވެ. އެތައްގަނޑަކީ މާތް اللّــــه އަށް އަޅުކަންކުރެއްވުމަކީ އެހެންހުރިހައި ކަމަކަށްވުރެ ތިބާ އިސްކަންދެއްވާ ކަމަކަށްވުމުގެ ތައްގަނޑެވެ.
ދިހަދުވަސްވަންދެން އިޢުތިކާފު ކުރެއްވުމަކީ ތިޔައިގެ ތެރެއިން ކޮންމެބޭފުޅަކަށް ކުރެއްވޭފަދަ ކަމަކަށް ނުވެހިނގައިދާނެއެވެ. ކޮންމެ ބޭފުޅަކަށްވެސް ފަސޭހަފުޅުކަމާއެކު ކުރެއްވިދާނެ މިންވަރެއް އެބައޮތެވެ. އެއީ ތިބާއަށް ކުޅަދާނަފުޅުވީ މިންވަރަކަށް އިޢުތިކާފު ކުރައްވައިގެން ހޯއްދެވޭނެ އެންމެގިނަ ދަރުމައާއި ސަވާބު ހޯއްދެވުމެވެ. މިސްކިތަށް ވަޑައިގަންނަވާ ކޮންމެފަހަރަކު އިޢުތިކާފަށް ނިޔަތް ގެންނެވުމެވެ. މިސްކިތުގައި އިންނަވާ ހުރިހައި ވަގުތެއް މާތް اللّــــه އަށްޓަކައި ހުސްކޮށްލައްވައި ޚާއްޞަކޮށްލެއްވުމެވެ.
(ނުނިމޭ)
ރޯދަމަސް
ރޯދަމަސް
ރޯދަމަސް
ރޯދަމަސް