މި މަހުގެ ހަތްވަނަ ދުވަހު، ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު، އެރަށު އަންނާރުމާގޭ ނައީމާ މޫސާ، 62އ، ގެ މަރުގެ ތަހުގީގުކުރާ ފުލުހުންގެ ޓީމަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައީމާ މަރުވެފައި އޮއްވައި ފެނުނީ އޭނާގެ ހަބަރެއް ނުވެގެން، އާއިލާގެ ބަޔަކާއި ފުލުހުން ގޮސް އަންނާރުމާގޭގައި އޭނާ ދިރިއުޅޭ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން އެތަނަށް ވަން އިރުގައެވެ. އެއިރު ލެއިން ތަތްތެޅިފައި ތަޅުންގަނޑުމަތީގައި ނައީމާގެ ހަށިގަނޑު އޮތެވެ. ނައީމާގެ ހަށިގަނޑު ފެނުނު އިރު، ހަށިގަނޑުގައި ގިނަ ޒަހަމްތަކެއް ހުއްޓެވެ. އެގޮތުން ކަރުންވެސް ފުން ޒަހަމްތަކެއް ފެންނަން ހުރިކަން އެނގިފައިވެއެވެ.
އެ މައްސަލައާ ގުޅޭގޮތުން ޕޮލިސް ކޮމިޝަނަރު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނައީމާ މަރާލި މީހާ ހޯދުމަށް ފުލުހުން ވަރުބަލިކަމެއް ނެތި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންގެ އޮފިސަރުން ވަރުބަލިކަމެއް ނެތި މަނަދޫގައި މަސައްކަތް ކުރަމުންދަނީ ނައީމާ މޫސާގެ މަރުގެ ފަހަތުގައިވާ ކުށްވެރިޔާ ނުވަތަ މީހުން ހޯދުމަށް. އަޅުގަނޑަށް ފުރިހަމަ އިތުބާރު އެބައޮތް ތަހުގީގުކުރާ އޮފިސަރުންނާއި، ފޮރެންސިކްސް އަދި ފުލުހުންގެ ޓީމަށް،" އޭނާ ވިދާޅުވިއެވެ.
ނައީމާގެ މަރަށް ހަފުތާއެއް ވެފައިވާ އިރު، މިހާތަނަށް އެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް މަނަދޫގެ ބައެއް މީހުންގެ ފިންގާ ޕްރިންޓާއި ޑީއެންއޭ ސާމްޕަލް ވަނީ ނަގައިފައެވެ.
"ފުލުހުން ބުނި ތަހުގީގަށް ކުރިއެރުން ލިބެމުން އަންނަކަމަށް. ދެން ސާމްޕަލްތަކެއް ނަގަމުން އަންނަ ކަމަށް ބުނި. އިތުރު ތަފްސީލެއް އެ ބޭފުޅުން ހާމައެއް ނުކުރޭ" ނައީމާގެ މަރާ ގުޅިގެން މަނަދޫ ކައުންސިލުން އެ ރަށުގައި ހަރަކާތްތެރިވާ ފުލުހުންގެ ޓީމާއެކުގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކާ ގުޅޭގޮތުން "ވަން" އަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އަބްދުއްރަހުމާން ސަބީހު މިއަދު ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ފިންގާ ޕްރިންޓާއި ޑީއެންއޭ ސާމްޕަލް ނަގާފައިވަނީ ހުކުރު ދުވަހު ނައީމާ ދިރިއުޅޭ އަންނާރުމާގެ ކައިރިއަށް އޭނާ ހޯދަން ދިޔަ ބައެއް މީހުންނާއި އެ ދުވަހު އެ ގެ ކައިރީ ހަރަކާތްތެރި ކަމަށް ބެލެވޭ މީހުންގެ އިތުރުން އާއިލާގެ ބައެއް މީހުންގެއެވެ. ނަމަވެސް މިކަން ރަސްމީ އެއްވެސް އިދާރާއަކުން އަދި ނައީމާގެ އާއިލާއިންވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ނައީމާގެ މަރުގެ ތަގުގީގަށް ފުލުހުން އަންނަނީ އެރަށުގެ އާއްމުންނާވެސް ސުވާލު ކުރަމުންނެވެ. އެގޮތުން ބައެއް ގޭގެއަށް ގޮސް ނައީމާ އެންމެ ފަހުން ފެނުނީ ކޮންއިރަކުތޯ އާއި ނައީމާއާ އޮންނަ ގުޅުމާ ގުޅޭ ގޮތުން ސުވާލުކޮށްފައިވާކަން އެނގިފައިވެއެވެ. އަދި ނައީމާގެ ހަބަރެއް ނުވެ ހިނގައި ދިޔަ ދުވަސްތަކުގައި ޝައްކު ކުރެވޭ ކަމެއް ރަށު ތެރެއިން ފެނިފައިވޭތޯވެސް ފުލުހުން ސުވާލުކޮށްފައިވެއެވެ. މީގެ އިތުރުން ނައީމާ މަރުވެފައި އޮއްވައި ފެނުނު ގޭގެ ކުރިމައްޗަށް ކަހަލަ ގޮތަކަށް ހުންނަ ވޯކް ސައިޓްގައި މަސައްކަތް ކުރާ ބިދޭސީންނާވެސް ސުވާލުކޮށްފައިވެއެވެ.
ނައީމާގެ މަރާ ގުޅިގެން ފުލުހުން ވަނީ އެރަށު ފަޅު ގޯއްޗެއްވެސް ބަލައިފާސްކޮށްފައެވެ. ނަމަވެސް އެތަނުން އެއްވެސް އެއްޗެއް ގެންގޮސްފައެއް ނުވެއެވެ.
ނައީމާގެ މަރާ ގުޅޭގޮތުން މަނަދޫގައި ތަފާތު ގޮތް ގޮތަށް ވާހަކަތައް ދެކެވެމުންދާ އިރު، ނައީމާގެ މަރަކީ މަނަދޫގެ ތާރީހުގައިވެސް ހިނގައިދިޔަ އެންމެ އަނިޔާވެރި މަރެވެ. އެ މަރާ ގުޅިގެން މަނަދޫގެ ބައެއް މީހުންނަށް ނަފުސާނީ ގޮތުން އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.
ނައީމާގެ މަރާ ގުޅިގެން އޭނާ މަރުވެފައި އޮއްވައި ފެނުނު އަންނާރުމާގޭ ސަރަހައްދު ބަންދުކޮށް ފުލުހުން ހަރަކާތްތެރިވަމުން އަންނަ އިރު، މަރުގެ ތަހުގީގަށްވެސް ގިނަ އަދަދެއްގެ ފުލުހުން އަންނަނީ އެރަށުގައި ރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި ފޮރެންސިކް ޓީމުތައްވެސް ހިމެނެއެވެ.
ނައީމާގެ މަރުގެ ތަހުގީގު ކުރިއަށްދާ ގޮތާ ގުޅޭގޮތުން ފުލުހުންގެ ޓީމަކުން ވަނީ ނައީމާގެ އާއިލާއަށްވެސް މައުލޫމާތު ހިއްސާކޮށްފައެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
ނަގަން ޖެހޭ ސާމްޕަލްތައް ނެގުމަށް ފަހު، ނައީމާގެ ހަށިގަނޑު މިމަހުގެ އަށްވަނަ ދުވަހުގެ ހަވީރު ވަނީ މަނަދޫ ސަހަރާގައި ވަޅުލައިފައެވެ.
ހުޅުމާލޭގައި މީގެ ތިން އަހަރު ކުރިން ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް ޓެކްސީ ޑްރައިވަރު ގާސިމް ހަސަން, 59އ, މަރާލި މައްސަލައިގައި ދައުވާކޮށްފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު މަރާލުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅޭގޮތުން ވެސް ސީޕީ ހަމީދު ވަނީ މިއަދު ވާހަކަދައްކަވައިފައެވެ.
އެކަމާ ގުޅޭގޮތުން ހަމީދު ވިދާޅުވީ މިއަދުގެ ހުކުމަކީ ނުނިމި އޮތް އިތުރު ތަހުގީގެއްގެ ނަތީޖާ ކަމަށާއި ސީރިއަސް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް، ފޮރެންސިކްސް އަދި ހުޅުމާލެ ޕޮލިސްގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ އެ ތަހުގީގަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި އެކަމާ މެދު ފަހުރުވެރިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އދ. މާމިގިލީ، ގާސިމް ހަސަން، ކަރަށް ވަޅި ޖަހައި މަރާލާފައި އޮއްވައި ފެނުނީ 4 ޑިސެމްބަރު 2019 ވަނަ ދުވަހުގެ ރޭގައެވެ. އޭނާ މަރާލާފައި އޮއްވައި ފެނިފައި ވަނީ ހުޅުމާލޭގައި އާންމުކޮށް މީހުން ދިރިނޫޅޭ، އަނދިރި ސަރަހައްދެއްގައި އޮންނަ މަގެއް ކަމަށްވާ ރީތިގަސްމަގުގައެވެ.
ދައުލަތުން ބުނެފައިވާ ގޮތުގައި ގާސިމަށް އަދުހަމް ހަމަލާދިނީ އޭނާގެ އަތުން ފޭރެން އުޅުމުގެ ތެރޭގައެވެ. ގާސިމް މަރާލި މައްސަލައިގައި ދައުލަތުން އަދުހަމްގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި ހުކުމް އިއްވުމުގެ އަޑުއެހުމުގައި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި މަނާކުރުމުގެ ގާނޫނާ ހަވާލާދީ، އަދުހަމްގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅަން މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ނިންމެވީ، ގާސިމްގެ ވާރިސުންގެ ގޮތުގައި މި ވަގުތު ތިބި ގާސިމްގެ ފަސް ދަރިން އަދުހަމްގެ ކިބައިން މަރަށް މަރު ހިފުމަށް އެދޭތީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު