މުޅި ރާއްޖޭންވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލައިގެންފި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ފުރަތަމަ ފަހަރަށް އެމްޑީޕީއަށް މިއަދު ކާމިޔާބުވުމުން ކުރެއްވި ޓުވީޓެއްގައެވެ.
މިދިޔަ ތިން ދައުރު ނުވަތަ 14 އަހަރުވެސް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ އިބްރާހިމް ރިޒާއެވެ. އަދި މިއީ ރައްޔިތުންގެ މަޖިލިހުގެ ކ. އަތޮޅުގެ ގޮނޑިއެއް އެމްޑީޕީ އަށް ނެގުނު ފުރަތަމަ ފަހަރުވެސް މެއެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް އިބްރާހިމް ޝާޒަށް މަރުހަބާ ދަންނަވައި ރޮޒައިނާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ރިޔާސީ އިންތިހާބުވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަސޭހަކަމާއެކު ކާމިޔާބު ކުރައްވާނެ ކަމަށެވެ.
''(ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން)ގެ ނަތީޖާއަކީ މުޅި ރާއްޖޭންވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލައިގެންފި ކަމުގެ އަލިގަދަ ހެއްކެއް،'' ރޮޒައިނާގެ ޓުވީޓުގައިވެ އެވެ.
ވާދަވެރިކޮށް ކުރިއަށްދިޔަ މިއަދުގެ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރީ ސައްހަ ވޯޓުގެ ތެރެއިން 1346 ވޯޓުންނެވެ. އެއީ 50 ޕަސެންޓެވެ.
އިންތިހާބުގައި އެމްޑީޕީއާ ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް ހުސެއިން ރިޒާ އާދަމަށް 1226 ވޯޓު (45.5 ޕަސެންޓް) ލިބިވަޑައިގެންނެވި އިރު، އެމްއެންޕީގެ ކެންޑިޑޭޓް އަލީ އަރީފަށް ލިބިވަޑައިގަތީ 122 ވޯޓެވެ. އެއީ 4.5 ޕަސެންޓް ވޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު