ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޯގަނިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) ނުވަތަ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދާ "ބެސްޓް ޓޫރިޒަމް ވިލެޖްސް 2023" އަށް ވާދަކުރުމަށް ރަށްރަށުގެ ނަން ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގެ ފަރާތުން އެ ޕްރޮގްރާމަށް ހުށަހެޅޭނީ އަށް ޕްރޮޕޯސަލެއް ކަމަށެވެ. އެގޮތުން އެކަމަށް ވާދަކުރަން ޝައުގުވެރިވާ ރަށްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ ރަށެއްގެ ނަން އެ ރަށެއްގެ ކައުންސިލުން މިނިސްޓްރީއަށް ހުށަހަޅަން ވަނީ ހުޅުވާލައިފައެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވޭނީ 15،000 އަށްވުރެ އާބާދީ ދަށް ރަށްރަށުންނެވެ. ޕްރޮގްރާމަށް ނަން ހުށަހަޅާ ރަށްތަކުގެ ތެރެއިން ޓޫރިޒަމް ފުޅާވުމަށް މަގުފަހިވެފައިވާ މިންވަރު ބެލުމަށްފަހު އެންމެ ރަނގަޅު އަށް ރަށެއް މިނިސްޓްރީގެ ފަރާތުން "ބެސްޓް ޓޫރިޒަމް ވިލެޖްސް 2023" ހުށަހަޅާނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި، "ބެސްޓް ޓޫރިޒަމް ވިލެޖްސް 2023" އަށް ބޭނުންވާ އެޕްލިކޭޝަން ފޯމާއި "ކެންޑިޑެސީ ޑޮކިއުމެންޓް" ފުރިހަމަ ކުރުމަށާއި ވީޑިއޯ އަދި ޖެނެރަލް ޕްރެޒެންޓޭޝަން ތައްޔާރުކުރުމުގައި އެ ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެ ޕްރޮގްރާމުގައި ވާދަކޮށް ކާމިޔާބުކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން އެހީތެރިކަން ލިބޭނެއެވެ.

ޔޫއެންޑަބްލިއުޓީއޯގެ މެންބަރު ގައުމުތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮގުރާމުގައި ބައިވެރިވެ ހޮވޭ އަވަށާއި ރަށްތައް ފަތުރުވެރިކަން ތަރައްގީކުރުމުގެ ލާމަސީލު ނަމޫނާއެއް ގޮތުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވިގެން ދާނެއެވެ. އަދި "ބެސްޓް ޓޫރިޒަމް ވިލެޖް" ނެޓްވޯކްގައި ބައިވެރިވެ، އެ ނެޓްވޯކްގައި ހިމެނޭ އެހެން ގައުމުތަކާ އެކު ފަތުރުވެރިކަމާއި ގުޅުންހުރި އެކި ޕްރޮގްރާމްތަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު އެރަށަކަށް ލިބިގެންދާނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، އެކަމުގެ ސަބަބުން އެ ރަށަކާއި ރަށުގެ ފަތުރުވެރިކަން ދުނިޔޭގެ ފެންވަރުގައި އިޝްތިހާރުވުމަށް މަގުފަހިވެގެންދާނެ ކަމަށާއި މިއީ ރަށުގެ ތަރައްގީއަށް އެކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ.

ޔޫއެންޑަބްލިއުޓީއޯ "ބެސްޓް ޓޫރިޒަމް ވިލެޖަސް" ތައާރަފު ކޮށްފައިވަނީ 2021 ވަނަ އަހަރުއެވެ. އެ ޕްރޮގްރާމަކީ ރަށްފުށުގެ ކުރިއެރުމާއި ތަރައްގީ އަދި ދުޅަހެޔޮ ދިރިއުޅުމަށް މަގުފަހިކޮށް ދޭ މައި ވަސީލަތުގައި ފަތުރުވެރިކަން ބޭނުންކުރުމަށް ހިތްވަރު ދޭ ޕްރޮގުރާމެކެވެ.