މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ހިއްސާގެ ތެރެއިން މިލްކުކުރެވޭނީ ފަސް ޕަސަންޓުކަމަށް ބުނާ މާއްދާ އުވާލުމަށް ހިއްސާދާރުންގެ ހިޔާލު ހޯދަން އެ ކުންފުނިން ހުޅުވާލައިފިއެވެ.

އެމްޓީސީސީން މިއަދުކުރި އިއުލާނެއްގައި ބުނީ 2021 ވަނަ އަހަރުގެ މޭމަހުގެ 16 ވަނަ ދުވަހު ފާސްކުރި، އެ ކުންފުނީގެ ހިންގާ ގަވާއިދުގެ ހަވަނަ މާއްދާގައި އަމިއްލަ ފަރުދުން އަދި އަމިއްލަ ފަރުދުން ހިއްސާވާ ގާނޫނީ ޝަހުސުތަކަށް ކުންފުނީގެ ހިއްސާ ގަނެވިއްކުމަށް އޮތް ހުރަސް އުވާލުމަށްޓަކައި އެ މާއްދާ އުނިކޮށް ހިންގާ ގަވާއިދު އިސްލާހުކުރަން 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އެމްޓީސީސީގެ ހިއްސާ ގަތުން ލިމިޓްކުރާ މާއްދާގައި ބަޔާންކޮށްފައިވަނީ "ސީދާ ގޮތުން އަދި ނުސީދާގޮތުން ވިޔަސް، އަމިއްލަ ފަރުދަކަށް ނުވަތަ އަމިއްލަ ފަރުދެއް ހިއްސާވާ ގާނޫނީ ޝަހުސަކަށް، އެންމެ ގިނަވެގެން މިލްކުކުރެވޭނީ ކުންފުނީގެ ހިއްސާގެ ރައުސްމާލުގެ ފަހެއް އިންސައްތަ" ކަމަށެވެ.

މީގެ އިތުރުން އެމްޓީސީސީގެ ސަރުކާރު އެހެން ކުންފުނިތަކަށް ނުގަނެވޭނެކަމަށް ބުނާ މާއްދާވެސް އުވާލުމަށް ޑިރެކްޓަރުން ބޯޑުން ބޭނުންވެއެވެ.

އެ މާއްދާގައި ބަޔާންކޮށްފައިވަނީ "އެއްވެސް ހިނދަކު އަމިއްލަ ފަރުދުންނަށް ދޫކޮށްފައިވާ އަދި ކުރިމަގުގައި ދޫކުރެވޭ މިކުންފުނީގެ ހިއްސާގެ ތެރެއިން އެއްވެސް މިންވަރެއް، ސަރުކާރުގެ ކުންފުންޏަކުން ނުވަތަ ސަރުކާރުގެ ބާރުގެ ދަށުގައިވާ (ސަރުކާރުގެ މަދުވެގެން %51 ހިއްސާ އެކުލެވެ) ގާނޫނީ ޝަހުޝެއްގެ ނަމުގައި ވިޔަސް އޮވެގެން ނުވާނެ" ކަމަށެވެ.

އެމްޓީސީސީން ބުނީ އެ މާއްދާ އުވާލަން ބޭނުންވަނީ ރެގިއުލޭޓާގެ އިރުޝާދުގެ ދަށުން ކުންފުންޏާ ބެހޭ ގާނޫނާ އެއްގޮތަށް އިސްލާހު ކުރުމަށް ކަމަށެވެ.