ރާއްޖޭގައި ސްޕޯޓްް ޓޫރަމް ފުޅާކުރަން ކުރަމުންދާ މަސައްކަތްތަކުގައި، އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީން ބައިވެރިވާނަމަ، ސްޕޯޓްސް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމަށް މިނިސްޓާ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ފުޅާކުރަން ސްޕޯޓްސް މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކާ ބެހޭގޮތުން ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރާ ސުވާލު ކުރައްވަމުން މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވީ، ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ މެސީއަށް، ބޮޑު މޮހޮރާގައި ހުސް ޖަނގިޔަލާއެކު ޕްރައިވަސީގައި އުޅެވޭނެ ގޮތަށް އެތަން ތައްޔާރު ކޮށްދެއްވާނެ ކަމަށާއި މިނިސްޓަރު މެދުވެރިކޮށް މެސީއަށް އިންވައިޓް ކުރާ ކަމަށެވެ. އަދި ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ތައާރަފުކުރަން ކުރަނީ ކޮން ކަމެއްތޯ ވެސް ސުވާލު ކުރެއްވިއެވެ.

މެންބަރު ޖާބިރަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ، ސްޕޯޓްސް ޓޫރިޒަމް ވީހާވެސް ފޫޅާކޮށް ކުރިއަށްގެންދަން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި އެ މަސައްކަތްތައް ކުރަމުން ގެންދަނީ އެ މިނިސްޓްރީން އެކަނި ކަމަށެވެ. ނަމަވެސް އެކަމުގައި އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނސިްޓްރީ ބައިވެރިވެއްޖެނަމަ، އެ މަސައްކަތް ވަރަށްފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދެވޭނެ ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސްޕޯޓްސް ޓޫރިޒަމް ތައާރަފު ކުރުމަށް ސްޕޯޓްސް މިނިސްޓްރީން ކުރާ އެންމެ ބޮޑު ކަމަކީ، ރާއްޖޭގައި ބައިނަލް އަގުވާމީ މުބާރާތްތައް ބޭއްވުން ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް އެފަދަ ނުވަ މުބާރާތް ބާއްވާފައިވާ ކަމަށާއި މިއަހަރުގެ މިހާހިސާބަށް އައި އިރު ބައިނަލް އަގުވާމީ ދެ ވޮލީ މުބާރާތް ބާއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން "މިމަހުގެ 22 ގައި އެބަ ބާއްވަން ދުނިޔޭގެ އެންމެ ޓޮޕްގަ ތިބި 16 ބިލިޔާޑް ކުޅުންތެރިން އައިސްގެން ރާއްޖޭގެ ކުޅުންތެރިން ހިމެނެގޮތުން ބާއްވާ މުބާރާތެއް،" ކަމަށެވެ.

މި ހުރިހާ މުބާރާތްތަކުގެ ތެރެއިން ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރު ކުރެވިގެންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން، "މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ އޭގެ މިސާލެއް، ހަމައެކަނި މިދިޔަ އަހަރު ބޭއްވި ސްޕޯޓްސް އެވޯޑްގައި 55 މިލިޔަނަށްވުރެ ގިނަ މީހުންނަށް އެމީހުންގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ރީޗްވެވިފަ އެބަހުރި،" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މެސީ މެދުވެރިކޮށް ރާއްޖެ ވިއްކުމުގެ ވިސްނުމަށް ތާއީދު ކުރައްވާ ކަމަށެވެ.