ރާއްޖޭގައި ހިންގާ އިންވެސްޓްމަންޓް ފަންޑުތައް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓްރީކުރުން ލާޒިމުކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފިއެވެ.
އިންވެސްޓްމަންޓް ފަންޑް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދުގެ ދަށުން އިންވެސްޓްމެންޓް ފަންޑެއް ކަމަށް ބެލެވެނީ އެއް ފަރާތަށްވުރެ ގިނަ ފަރާތުން ފޯރުވައިދޭ ފައިސާ ނުވަތަ މުދަލުން ވިޔަފާރިއަކަށް ނުވަތަ ނަފާ ހޯދުމަށް ހިންގާ ހަރަކާތަކަށް އިންވެސްޓްކޮށް، ފައިސާ ނުވަތަ މުދާ ލިބިދެވުނު ފަރާތުގެ މަސައްކަތުން އެ ވިޔަފާރިއަކުން ލިބޭ ފައިދާއިން ނުވަތަ އެފަދަ އެހެން ގޮތަކުން ނަމަވެސް، ފައިސާ ނުވަތަ މުދާ ފޯރުކޮށްދިން ފަރާތަށް މާލީ ފައިދާއެއް ނުވަތަ މާލީ ނަފާއެއް ލިބިދިނުމުގެ ނުވަތަ ލިބިގަތުމުގެ މަގުސަދުގައި އަދި އެފަދައިން ބަޔާންކޮށް އެ ފޯރުކޮށްދޭ ކޮންމެ ފަރާތަކާއި އެ ލިބިދެވޭ ފަރާތާ ދެމެދު ވެވޭ އިންވެސްޓް ކުރުމުގެ އެއްބަސްވުމެއް ނުވަތަ މުއާމަލާތެކެވެ.
މި ގަވާއިދަށް ތިންވަނަ އިސްލާހެއް ގެނެސް ސީއެމްޑީއޭ އިން ވަނީ އިއްޔެ ގެޒެޓުކޮށް އަމަލުކުރަން ފަށައިފައެވެ. އެ އިސްލާހުގައިވާ ގޮތުން އެ އޮތޯރިޓީގައި ރަޖިސްޓްރީ ނުކޮށް ހިންގާ އެފަދަ އިންތިޒާމުތައް ނުވަތަ ފަންޑުތައް މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ރަޖިސްޓްރީ ކުރަންޖެހޭ އިންވެސްޓްމަންޓެއް ކަމަށް ކަނޑައެޅުމުގެ ބާރު އެ އޮތޯރިޓީއަށް ލިބިގެންވެއެވެ.
- އެ އިންތިޒާމު ހިންގާގޮތަށް ބަލާއިރު އިންވެސްޓްމަންޓް ފަންޑެއްގެ ސިފަތައް ހުރިކަމަށް އެ އޮތޯރިޓީ އަށް ގަބޫލުކުރެވުން
- އެފަދަ އިންތިޒާމެއްގައި އިންވެސްޓްކުރުމަށް އާންމުކޮށް ހުޅުވާލައިފައި ހުރިކަމަށް އޮތޯރިޓީ އަށް ގަބޫލުކުރެވުން
- އެފަދަ އިންތިޒާމެއް އާންމުކޮށް އިސްތިހާރުކުރާ ކަމަށް އެ އޮތޯރިޓީ އަށް ގަބޫލުކުރެވުން
- އެފަދަ އިންތިޒާމެއްގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކުގެ އަދަދު 50 އަށްވުރެ އިތުރުކަމަށް އެ އޮތޯރިޓީއަށް ލިބޭ މައުލޫމާތަށް ބަލާއިރު ބެލެވެން އޮތުން
މި ކަންކަމުގެ އިތުރުންވެސް އެ އޮތޯރިޓީ އަށް ފެންނަ އެހެނިހެން ކަންކަމަށް ރިއާޔަތް ކުރެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެފަދަ ފަންޑެއް ނުވަތަ އިންތިޒާމެއް ހިންގަނީ އެއް ފަރާތަކުން ނުވަތަ ފަރާތްތަކަކުން ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ އަދި އެ ފަންޑުތަކުގެ ނުވަތަ އިންތިޒާމްތަކުގެ ޖުމުލަ ބައިވެރިންގެ އަދަދު 50 އަށްވުރެ އިތުރުނަމަ، އެ ފަންޑެއް ރަޖިސްޓްރީ ކުރަން އެންގިދާނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު