(09 އޭޕްރިލްގެ އަދަދާ ގުޅޭ)

ހަވަނަކަމަކީ ޒިކުރުކުރެއްވުމާއި ދުޢާކުރެއްވުމުގެ އިންތިޒާމު ކުރެއްވުމެވެ. ޒިކުރު ކުރެއްވުމާއި ދުޢާކުރެއްވުމަކީ ޙަޔާތުގެ ކޮންމެ ފަޅިސިކުންތެއްގައިވެސް ކޮންމެ ހިނދުކޮޅެއްގައިވެސް އެކަމުގައި ސާބިތުވެވަޑައިގެން ހުންނެވުން ލާޒިމު ކަމެކެވެ. ބޭނުންކަމެކެވެ. ދޫފުޅުން ޒިކުރު ނުކުރެއްވޭކަމުގައިވާނަމަ ހިތްޕުޅުންވިޔަސްވެހެވެ. ގުނަވަންތަކުންވިޔަސްވެހެވެ. ރޯދަޔަކީވެސް އެއްމާނައެއްގައި ޒިކުރެކެވެ. މާތް اللّــــه އަށްޓަކައި ބަނޑުހައިފުޅުކަމާއި ކަރުފުޅު ހިއްކުން ބަރުދާސްކުރެއްވުމަކީވެސް ޒިކުރެކެވެ. ޤުރްއާން ކިޔަވައިވިދާޅުވުމަކީ ޒިކުރުކުރެއްވުމެވެ. ނަމާދުކުރެއްވުމަކީ އެންމެ މާތް އެންމެ މަތިވެރި ޒިކުރެވެ. ކަންމިހެން ހުރުމާއެކުވެސް ބަރަކާތްތެރި ރަމަޟާންމަހުގައި ޒިކުރުގެ ޖުމުލަތައް ދުލުން ތަކުރާރުކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. اَلْحَــمْــدُ لِـلَّــهِ، سبحـــان اللَّـــه ، لااِلَــه اِلاَّ اللَّـــه ، اللَّـــه أكــبــر، سبحـــان اللَّـــه وَبِحـَــمْـــدِهِ سبحـــان اللَّـــه الْــعَــظِيـــــم ، لاَحَــــولَ وَلاَ قُـــوَّةَ إِلاَّ بِاللَّـــه، اَسْــتَـــغْـــفِــــرُ اللَّـــه وَاَتُـــوب اِلَــيــه މިފަދަ ކަލިމަތަކުގެ ވިރުދު ގިނަކުރައްވާށެވެ. މާތް اللّــــه އަށް ޒިކުރު ކުރެއްވުމުގެ ޒަރީޢާއިން ތިބާގެ ދޫފުޅު އަބަދުވެސް ތެތްކަންމަތީ ބާއްވަވާށެވެ.

ޒިކުރުގެ އެއްބާވަތަކީ ދުޢާއެވެ. ދުޢާގެ ބިންގަލަކީ އީމާންކަމެވެ. ހުރިހައިކަމަކާއި ހުރިހައި އެއްޗެއްސެއްވަނީ އަރަހުށި މާތް اللّــــه ގެ ޔަދުޤުދްރަތުޕުޅުގެ ބާރުފުޅުގެ ދަށުގައެވެ. ހުރިހައި އިޚްތިޔާރުތަކަކާއި ހުރިހައި ޚަޒާނާތަކެއްގެ ވެރިޔަކީ އެކަލާނގެއެވެ. ދުޢާއަކީ ތިމާއަކީ އިންތިހާދަރަޖަޔަށް މުހުތާދުވެފައިވާ މީހެއްކަމުގައްޔާއި އަތްމަތިދަތި ފަޤީރެއްކަމުގައި އިޢުތިރާފުވުމެވެ. އަޅުގަނޑުމެންނަކީ ހަމައެކަނި އަރަހުށި މާތް اللّــــه އަށް މުހުތާދުވެފައިވާ ބަޔަކީމުއެވެ. އެކަލާނގެ ޙަޟްރަތުގައި އަދައިދަންނަވަން ހުސްއަތާ އައިސްތިބި ފަޤީރުންނީމުއެވެ. ތިބާގެ ވިސްނުންފުޅު މިގޮތަށް ބައްޓަންކުރައްވާށެވެ. ޢުބޫދިއްޔަތުގެ ރޫޙަކީ އެއީއެވެ. ބަރަކާތްތެރި ރަމަޟާންމަހުގެ ކޮންމެ ހިނދުކޮޅަކީވެސް ހެޔޮކަމާއި، ރަޙްމަތާއި ބަރަކާތުން ފުރިފައިވާ ހިނދުކޮޅެކެވެ. އެހެންކަމުން އައުލާވެގެންވަނީ އަޅުގަނޑުމެންގެ ސާހިބުވަންތަ ދީލަތިވަންތަ اللّــــه ގެ ޙަޟުރަތުގައި އަބަދުވެސް އަތްފަތުރައިލައިގެން ތިބުމެވެ. ރަމަޟާންމަހުގައި ހެޔޮކަމާއި ބަރަކާތުގެ ޢާންމު ވަގުތުގެ އިތުރަށް ޤަބޫލުކުރެއްވުމުގެ ޝަރަފުލިބޭ ޚާއްޞަ އެހެނިހެން ވަގުތުތަކެއްވެސް ވެއެވެ. އޭގެތެރެއިން އެއްވަގުތަކީ ރޯދަވީއްލާ ވަގުތެވެ. އެވަގުތަކީ އަރަހުށި މާތް اللّــــه ޚާއްޞަ ރަޙްމަތްފުޅަކާއެކު އެކަލާނގެ އަޅުތަކުންގެ މައްޗަށް ތަވައްޖުހުވެވޮޑިގަންނަވާ ވަގުތުތަކެކެވެ.

މި މޭރުމުން ކުރައްވާ މަސައްކަތްޕުޅުގައި ރަމަޟާންމަހުގެ ފުރަތަމަ ދިހައިގައި ވީހައިވެސް ގިނަގިނައިން އެކަލާނގެ ރަޙްމަތްފުޅަށް އެދިވަޑައިގަންނަވާށެވެ. ދެވަނަ ދިހައިގައި ފާފަފުއްސެވުމާއި މަޣުފިރަތު އެދިވަޑައިގަންނަވާށެވެ. ތިންވަނަ ދިހައިގައި ނަރަކައިން މުއްތިކުރައްވައި ސަލާމަތްކުރެއްވުން އެދިވަޑައިގަންނަވާށެވެ. އެކި ދިހަދިހައިގައި އެދޭންވީ ކަންކަމާ ބެހޭގޮތުން އަޅުގަނޑުމެންގެ މާތް ސާހިބާ صـلّـــى اللّــــه عـلـيــه وســلّـــم އިރްޝާދު ދެއްވައިފައިވަނީ މިގޮތަށެވެ. (ބައިހަޤީ، سـلــمــان الــفــارســـى رضـــى اللّـــه عــنـــــه) ޒިކުރުތަކާއި ދުޢާތައް ދަސްފުޅުކުރެއްވުން ތިބާގެ ސިލަބަހުގައި ހިމަނުއްވާށެވެ. އެ ޒިކުރުތަކާއި ދުޢާތައް ވިދާޅުވުމަކީ އާދަފުޅެއްކަމުގައި ހައްދަވާށެވެ. ތަފާތު ވަގުތުވަގުތަށާއި ތަފާތު ޙާލަތްތަކަށް ޚާއްޞަ ދުޢާތައްވެސް ހުރެއެވެ. އެހެންކަމުން، "މުއުމިނުންގެ ކިއްލާ" ފަދަ ކޮންމެވެސް މަސްނޫނު ދުޢާފޮތެއް ތިބާގެ އަތްމަތީ ފޮތެއްކަމުގައި ހައްދަވާށެވެ.

(ނުނިމޭ)