އިންޑިއާގެ ބެންގަލޫރާއި ކަރްނާޓަކާގައި ކުރިއަށްދާ އިންޑިއަން ގްރޯން ޕްރީގެ ތިންވަނަ މުބާރާތުގައި ރާއްޖޭގެ އެންމެ ބާރު ފިރިހެން ދުވުންތެރިޔާ ސާއިދު ހަސަން އަދި ޒިވާ މޫސާ ޝަފީއު ލޯ މެޑަލް ހޯދައިފިއެވެ.

އިންޑިއާގައި ކުރިއަށް ގްރޯން ޕްރީ މުބާރާތްތަކުގައި މިހާތަނަށް ގިނަ ދިވެހި އެތުލީޓުންތަކެއް ވާދަކޮށްފައިވެއެވެ. މިފަހަރު އިންޑިއަން ޕްރީގައި ރާއްޖޭގެ ގިނަ އެތުލީޓުން ވާދަކުރަމުން ދަނީ މިވަގުތު އިންޑިއަން ހައި ކޮމިޝަނުން ދިން ފުލް ޓައިމް ޓްރެއިނިން ސްކޮލަޝިޕެއްގައި އިންޑިއާގެ ބެންގަލޫރުގައި ގިނަ އެތުލީޓުންތަކެއް ޓްރެއިނިން ހަދަމުންދާތީއެވެ.

އިންޑިއަން ގްރޯން ޕްރީގެ ފުރަތަމަ މުބާރާތުގައި ސާއިދު ވަނީ 100 މީޓަރު އަދި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފައެވެ. އަދި ޖައިޝާ ޖުނީސްވެސް ވަނީ އެ މުބާރާތުގައ ލޯ މެޑަލް ހޯދައިފައެވެ. އަދި އިންޑިއަން ގްރޯން ޕްރީގެ ދެވަނަ މުބާރާތުގައިވެސް ސާއިދު ވަނީ ރިހި މެޑަލްއަކީ ލޯ މެޑަލްއެއް ހޯދައިފައެވެ.

ސާއިދު އިއްޔެ ލޯ މެޑަލް ހޯދީ 100 މީޓަރު އަދި 200 މީޓަރު ރޭހުންނެވެ. 100 މީޓަރު ރޭސް އޭގައި ސާއިދު ވާދަކޮށް ލޯ މެޑަލް ހޯދީ 10.61 ސިކުންތުން ރޭސް ނިންމައިގެންނެވެ. ސާއިދުގެ ކުރިން ދެވަނައިގައި ރޭސް ނިންމީ އިންޑިއާގެ އޮޑީޝާގެ އަމިޔާ ކުމާރު މަލިކެވެ. އޭނާ ރޭސް ނިންމީ 10.52 ސިކުންތުންނެވެ. އެ އިވެންޓުގެ ރަން މެޑަލް ހޯދީ އައްސާމް ސްޓޭޓްގެ އަމިލަން ބޯގޯހައިންއެވެ. އޭނާ ވަނީ 10.50 ސިކުންތުން ރޭސް ނިންމައިފައެވެ.

ސާއިދު ދެން ވާދަކުރި 200 މީޓަރު ރޭހުގެ ރޭސް އޭއިން އޭނާ ލޯ މެޑަލް ހޯދީ 21.72 އިން ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ ރޭހުގެ ދެވަނައަށް ދިޔަ އަނިމޭޝް ކޫޖޫރް 21.53 ސިކުންތުން ރޭސް ނިންމާފައިވާ އިރު، ރަން މެޑަލް ހޯދި އަމިލަން ވަނީ 21.20 ސިކުންތުން ރޭސް ނިންމައިފައެވެ. އަމިލަންއަކީ 100 މީޓަރު އިވެންޓުންވެސް ރަން މެޑަލް ހޯދި އެތުލީޓެވެ.

ޒިވާ، 200 މީޓަރު އަންހެން އިވެންޓްގައި ވާދަކޮށް ލޯ މެޑަލް ހޯދީ 26.84 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާގެ ކުރިއަށް ރޭސް ނިންމި ކަރްނާޓަކާގެ ޔޮތިކާ ރޭސް ނިންމީ 24.88 ސިކުންތުންނެވެ. އެ އިވެންޓްގެ ރަން މެޑަލް ހޯދީ އައްސާމްގެ ހިމާ ދާސްއެވެ. އޭނާ ރޭސް ނިންމީ 23.77 އިންނެވެ.