Close
މުނިފޫހިފިލުވުން

ކުރުވާހަކަ: އައިމަން

ޖަޒްލާ މުހައްމަދު މޫސާ

ވެހެމުންދިޔަ ވާރެއަށް އެއްވެސް ސަމާލުކަމެއް ނުދީ އަހަރެން ތައްޔާރުވަމުން ދިޔައީ ފުރާށެވެ. ދާން ބޭނުން ނުވިޔަސް ހިތަދުއަށް ނުގޮސް ވާކަށް ނެތެވެ. އަމިއްލަ ދިރިއުޅުމާ މެދު ވިސްނާ ފަދައިން ވަޒީފާއާ މެދު ވެސް ވިސްނަން ޖެހެއެވެ. މި ދަތުރު ނުގޮސްފިނަމަ ވަޒީފާ ގެއްލިދާނެއެވެ. އެކަމުގެ ބިރުވެރިކަން އެބައޮތެވެ.

އަންހެނުން ބަލިވެ އިންދައި އެކަނި ބަހައްޓާފައި ފުރަން ޖެހުމަކީ ހިތްދަތިކަމެކެވެ. އަންހެނުންގެ ވެސް އެންމެ ބޮޑު ޝަކުވާއަކަށްވީ އެކަމެވެ. ހިތްވަރާއި ނަސޭހަތްދީ ވިސްނައިދިނުމުން އޭނާ އެ ވާހަކަތައް ގަބޫލުކުރިއެވެ.

ހިތަދުއަށް ދެވުނީ މެންދުރެއް ހާއިރުއެވެ. އެއާޕޯޓުން ނުކުތްއިރު އަހަރެން ބަލައި ކާރު އައިސް އޮތެވެ. ހުރުމުގެ ކަންތަކަށް ބޭނުންވާ ފައިސާގެ ކަންތައް ހަމަޖައްސާފައިވަނީ އޮފީހުންނެވެ. ރިދާ މެދުވެރިކޮށް ހޯދި އެ ގެއަކީ އޭނާގެ ބޮޑުދައިތަގެ ގެއެވެ. މިހާރަށް އެކަށީގެންވާ ޒަމާނީ ގެއެކެވެ.

ކޮޓަރިއަށް ވަދެވުމާއެކު އަހަރެން ބޭނުންވީ އަރާމުކޮށްލާށެވެ. މިފަދަ ހާލަތެއްގައި ރަށުން ބޭރަށް އަންނަން ޖެހުމުން ސިކުނޑިއަށް ވެރިވެފައި ހުރި ތުނަވަސްކަން ފިލުވައިލުމަށް އެއަށްވުރެ ރަނގަޅުގޮތެއް ނޯންނާނެއެވެ.

ހޭވެރިކަންވީ ކޮޓަރީ ދޮރުގައި ޓަކިޖަހާ އަޑަށެވެ. އަވަސް އަވަހަށް ތެދުވަމުން ގަޑިބަލައިލި އިރު، ހަތަރެއް ޖަހައި ބޮޑުވެއްޖެއެވެ. ތެދުވެގެން ގޮސް ދޮރު ހުޅުވާލި އިރު، މެދު އުމުރުގެ އަންހެނަކު އެތަނުގައި ހުއްޓެވެ. ހީވާ ގޮތުން އެއީ ރިދާގެ ބޮޑުދައިތައެވެ.

ބޮޑުދައިތަ އެއައީ ސައިބޯން ނުގޮސްގެންނެވެ.

ފެންވަރައި ތާޒާވެލައިގެން ކޮޓަރިން ނުކުތް އިރު، ފެންޑާތެރޭގައި ބޮޑުދައިތަ އިނެވެ. އަވަހަށް ސައިބޯން އަންނާށޭ ބުނަމުން ކާގެއާ ދިމާއަށް ހިނގައިގަތެވެ. ހާލު އަހާލައި ރިދާ ކޮބައިތޯ ވެސް އެހިއެވެ. އޭނާގެ ހާލު ރަނގަޅުތޯ އާއި ދިރިއުޅުމުގެ ކަންތައްތައް ރަނގަޅުތޯ ވެސް އެހިއެވެ. ރިދާގެ ބައްޕައަކީ އެ ދައިތަގެ ދޮންބެއެވެ. އޭނާގެ ރަނގަޅު ވާހަކަ ވެސް ދެއްކިއެވެ.

ބޮޑުދައިތަގެ ކިބައިން ފެނުނު ގާތްކަމާއި އޯގާތެރިކަން އަހަރެންގެ ހިތަށް ހަމަޖެހުން ގެނުވިއެވެ. ދައްތަގެ ސުވާލުތަކަށް ޖަވާބުދެމުން ދައްތައާއި އެ އާއިލާގެ ވާހަކަ އަހާލީމެވެ.

ކާމޭޒު ފެނުމާއެކު ހިތް އުފަލުން ނަށައިގަތެވެ. ތަފާތު ބާވަތްތަކުގެ ހެދިކާތަކުން މޭޒުމަތީ ފުރާލާފައި ހުރިއިރު، ދެ ވައްތަރެއްގެ ޖޫހާއި ސައި ވެސް ހުއްޓެވެ. މެންދުރު ނުކައި ހުރީމާ ކަމަށް ވެސް ވެދާނެއެވެ. މަޑެއް ނުކުރެވުނެވެ. އަވަސް އަވަހަށް ސައިބޯން ފެށީމެވެ. ރަހަތައް ވަރަށް މީރެވެ. ހެދިކާ ތައްޔާރުކޮށްފައި ވަނީ ދިވެހި ކަނބަލެއްގެ އަތުންކަން ޔަގީނެވެ. އެ ވާހަކަ ބުނެނުލައެއްވެސް ނުހުރެވުނެވެ.

އޮފީހުގެ ފަރާތުން އަހަރެންނާއެކު މަސައްކަތް ކުރުމަށް ހަމަޖައްސާފައިވާ ހަސީން އަހަރެން ބަލައި އައެވެ. ހަސީން އެދުނީ ރަށުތެރެ ބަލައިލައި މަސައްކަތްކުރަމުން އަންނަ ސައިޓް ބަލައިލުމަށް އޭނާއާއެކު ގޮސްލުމަށެވެ. ތިހެން ގޭގައި އޮންނަން ވެއްޖެނަމަ ވައި ވެދާނެއޭ ވެސް ބުންޏެވެ.

ސައިކަލް ފަހަތަށް އަރައި ހަމަޖެހިލުމުން ހަސީން ސައިކަލް ދުއްވާލިއެވެ. މަގުތަކަށް ނުކުމެވުމާއެކު ހަނދާނަށް އައީ ރިދާ ދެއްކި ވާހަކަތަކެވެ. ރީތިކަމާއި ފުރިހަމަކަމަށް ބަލާނަމަ ހިތަދޫ ކުދީންނަކީ ރީތިބައެކެވެ. ހަމުގެ ކުލައަލި ބައްޓަން ރިވެތި ޗާލު ބައެކެވެ. ރީތިކަމާއި ފުރިހަމަކަމަށް ބަލާނަމަ އެންމެ ރީތި ކުއްޖަކީ ކޮން ކުއްޖެއްކަން ނޭނގޭވަރަށް ރީތިކުދިން ފެންނަމުން ދިޔައެވެ. ކުއްޖަކަށް ދޫކުރާނެ ކުއްޖަކު ނެތެވެ.

ރިދާ އާއި އަހަރެންގެ ކައިވެންޏަށް ފަސް އަހަރު ވީއިރު އެހެން އަންހެންކުއްޖަކަށް އަހަރެންގެ ހިތުން ޖާގައެއް ނުދެވުނެވެ. އެ ޖާގަ މިއަދަކު ވެސް ނުދެވޭނެއެވެ. އަހަރެންގެ އެ ނިންމުން ބަދަލެއް ނުވާނެއެވެ. އަހަރެންގެ ހިތަކީ އެހާ ފަސޭހައިން އެނބުރޭނެ އެއްޗެއް ނޫނެވެ. އަހަރެންނަކީ ގޮތެއްގައި ހުންނަ މީހެކެވެ.

ޖެހިގެން އައި ދުވަހު މަސައްކަތް ފެށީމެވެ. އަހަރެންގެ ފުރަތަމަ މަސައްކަތަކީ ކުރިން ހެދިފައި ހުރި ގޯސްތައް ރަނގަޅު ކުރުމެވެ. އެ މަސައްކަތްތައް ރަނގަޅުކޮށްފައި ނޫނީ އެހެން ކަމެއް ކުރެވޭކަށް ނެތެވެ. ކުރަން ޖެހުނު މަސައްކަތް ބުރަވެފައި އެކަމަށްޓަކައި ހޭދަކުރަން ޖެހުނު ވަގުތު ވަރަށް ވެސް ގިނައެވެ. އެކުގައި މަސައްކަތް ކުރަން ތިބި ދެމީހުން ކިތަންމެހާ ވެސް ރަނގަޅެވެ. އެމީހުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބުނެވެ.

މަސައްކަތްތައް ހުރިގޮތުން ގެއަށް ދާކަށް ވަގުތެއް ނުލިބުނެވެ. މެންދުރުގެ ކެއުމާއި ހަވީރު ސައިގެ ކަންތައް ނިންމާލީ ވެސް އޮފީހުގައެވެ.

ގެއާ ހަމައަށް ދެވުނުއިރު އިރުއޮއްސި ހަތެއް ޖަހަން ވެއްޖެއެވެ. ބޮޑުދައިތައާ ވާހަކަ ދައްކާލަން މަޑުކޮށްލިތަނުން ފޯނެއް އައެވެ. ބަލައިލިއިރު ގުޅަނީ ގޭގައި ގެންގުޅޭ މީހާ ބަގީރާއެވެ. އަވަސް އަވަހަށް ފޯނަށް ޖަވާބު ދެމުން ކޮޓަރިއާ ދިމާއަށް ހިނގައިގަތީމެވެ.

އިވުނު ހަބަރާއެކު އަހަރެންގެ ހަތަރެސްފައި ގަނޑުވި ކަހަލައެވެ. ކުރާނެ ހަރަކާތެއް، ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރާފައި އެތައް އިރަކު ހުރެވުނެވެ. ހޭވެރިކަންވީ ބަގީރާ އެތައް އިރަކު ވާހަކަދެއްކި ފަހުންނެވެ.

ގޭ ސިޑިން ވެއްޓިގެން ރިދާ ހޮސްޕިޓަލަށް ގެންދިޔަ ވާހަކަ ބުނުމުން އަހަރެން ވަރަށް ހާސްވެ ކަންބޮޑުވިއެވެ. ރިދާގެ ފޯނަށް ގުޅައިގެން ޖަވާބެއް ނުލިބުމުން އޭނާގެ މަންމަގެ ފޯނަށް ވެސް ގުޅީމެވެ. ރިދާގެ ހާލު އޮޅުންފިލުވައި އަހަރެން ދާންވީތޯ އެހީމެވެ. ވަޒީފާއަށްވުރެ އަހަރެންނަށް މުހިންމީ ރިދާ ކަމުގައި ވެސް ބުނީމެވެ.

މަންމަގެ ވާހަކަތަކުން އެނގުނު ގޮތުގައި މާބޮޑު މައްސަލައެއް ނެތެވެ. ދެ ދުވަހެއްތެރޭ ދޫކޮށްލާނެއެވެ. އެވަރަކުން ކޮންމެހެން އައުމުގެ ބޭނުމެއް ނެތެވެ. މަންމަމެން އޭނާ ބަލަހައްޓާނެއެވެ. އަންނަން ޖެހޭ ވަރުގެ ކަމެއް ދިމާވެއްޖެނަމަ ބުނާނެއެވެ.

މީޓިންއެއްގައި އިންދައި ރިދާ ގުޅިއެވެ. އެފަދަ ވަގުތެއްގައި ފޯނަށް ޖަވާބު ދިނުމަކީ އަހަރެން ކުރާކަމެއް ނޫނެވެ. އެހެންވެ އެ ވާހަކަ ބުނުމަށް ކުރު މެސެޖެއްކޮށްލީމެވެ. މީޓިންއެއްގައި އިން ވާހަކަ އާއި ނިންމާފައި ގުޅާނެ ވާހަކަ ބުނީމެވެ.

މީޓިން ނިމުނީ ދިހައެއް ޖަހަނިކޮށެވެ. ގެއަށް ގޮސް ރިދާއަށް ގުޅީމެވެ. ފޯނަށް ޖަވާބެއް ނުދިނެވެ. މެސެޖެއް ވެސް ކޮށްލީމެވެ. ޖަވާބެއް ނައެވެ. ދެތިން ފަހަރަކު މަސައްކަތްކޮށް ވެސް ހަބަރެއް ނުވުމުން ބަގީރާއަށް ގުޅާލީމެވެ. ބަގީރާ ބުނިގޮތުން ރިދާ ގެއަކު ނެތެވެ. ރިދާއަކީ ތަންތަނަށް ދާއިރު ގޭގައި ފޯނު ބާއްވާފައި ދާ މީހެއް ނޫނެވެ.

ރިދާގެ ހަބަރެއް ނުވުމުން އޭނާގެ މަންމައަށް ގުޅީމެވެ. ފަހަރެއްގައި އެގެއަށް ވެސް ގޮސްދާނެއެވެ. މަންމަގެ ވާހަކަތަކުން އެނގުނުގޮތުގައި ރިދާ އެގެއަކަށް ނުދެއެވެ. އޭނާގެ ބައެއް ރައްޓެހިންގެ ފަރާތުން އެނގުނު ގޮތުގައި އެމީހުންނާ ވެސް މިރެއަކު ރިދައާ ދިމައެއް ނުވެއެވެ.

ހަދާނެ ގޮތް ހުސްވެފައިވާ ހާލުގައި އޮއްވައި ނިދުނީއެވެ. ނިދުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. އަވަސް އަވަހަށް ތެދުވަމުން ފޯނު ބަލައިލިއިރު ގުޅަނީ ރިދާއެވެ. އޭރު މެންދަމުން އަލިވެ އެކެއް ޖަހައި ބޮޑުވެއްޖެއެވެ.

އެހާވަރަށް ގުޅިއިރު ވެސް، މެސެޖު ކުރި އިރުވެސް ޖަވާބު ނުދެވުނީތީ ރިދާ މައާފަށް އެދުނެވެ. ބަނޑަށް ތަދުވާތީ ރެސްޓް ކޮށްލަން ޖައްސާލިތަނުން ނިދުނީއެވެ. ފޯނުކުރީ ވެސް އެހެންވެއެވެ. މީޓިން ނިންމާފައި ގުޅަންދެން ހޭލާ އޮންނަން މަސައްކަތް ކުރިއެވެ. އެކަން ކާމިޔާބު ނުވީއެވެ.

ރިދާގެ ވާހަކަތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް، އޭނާ އެ ހަދަނީ ދޮގެއްކަން އަހަރެންނަށް އެނގެއެވެ. އިތުރަށް އެ ވާހަކަ ދައްކައިފިނަމަ ޖެހޭނީ ދެބަސް ވާށެވެ. އެއީ ދޮގެއްކަމަށް އޭނާ އެއްބަހެއް ނުވާނެއެވެ. އެއީ އަލަށް ދިމާވި ކަމެއް ނޫނެވެ. އެކަމާ ވިސްނައިވިސްނައި ސިކުނޑި ސުމަކަށްދިޔަ އެތައް ދުވަހެއްވެސް މާޒީވެ ހިނގައްޖެއެވެ. މިއަދާ ހަމައަށް ވެސް ޖަވާބު ނުލިބުނު އެ ސުވާލު އަނެއްކާވެސް ސިކުނޑިއަށް ބާރުބޮޑުކުރިއެވެ. ރިދާ އަހަރެންނަށް ދޮގު ހަދަނީ ކީއްވެބާއެވެ.

އާ ދުވަހަކަށް އިރުއެރީ ރިދާގެ ފޯންކޯލާއެކުގައެވެ. އެކަނި ނިދަން ޖެހުމުން ފޫހިވަނީއެވެ. ކައިރީގައި އަހަރެން ނެތުމުން އެކަނިވެރިވަނީއެވެ. ނިދަން އުނދަގޫވަނީއެވެ. އަހަރެންގެ ލޯބިވެތި އޯގާތެރި ފިރުމުންތައް މިސްވަނީއެވެ. ރިދާގެ ލޯބިވެތި އޯގާތެރި އަޑު އަހަރެންގެ ހިތަށް ހަމަޖެހުން ގެނުވިއެވެ. ރޭގައި ހިނގައިދިޔަ ހުރިހާ ކަމެއް ހަނދާން ނައްތާލިއެވެ.

ރިދާ ދެކެ އަހަރެން ވަނީ ހަގީގީ ލޯތްބެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނެ މީހަކީ ރިދާއެވެ. ކޮންމެ ގޮތަކަށް އޭނާ ކަންތައް ކުރިޔަސް އަހަރެން މައާފު ކުރަމެވެ. އެކަމާ ހިތްހަމަނުޖެހިގެން ޒުވާބެއް ނުކުރަމެވެ. އަރައިރުމެއް ވެސް ނުވަމެވެ. ބާރު ބޮޑުވަނީ ސިކުނޑިއަށެވެ. އޮހޮރެނީ ދެލޮލުން ކަރުނައެވެ. އެ ލޯބި މަހުރޫމުވުމަކީ އަހަރެންގެ ހިތަށް ކެތްވާނެ ކަމަކަށް ނުވެއެވެ.

ކިތަންމެ ލޯބިވިޔަސް ވަރިކުރަން ޖެހޭފަދަ ކަމެއް ރިދާގެ ފަރާތުން ފެނިއްޖެނަމަ އަހަރެން އޭނާ ވަރިކުރާނަމެވެ. އެފަދަ ކަމެއް ސާބިތުވެއްޖެނަމަ އެ ހިސާބުން އެ ބާބު ނިމުނީއެވެ. ދެނެއް އެ ބާބެއް ނުހުޅުވާނަމެވެ.

ރަށުން ބޭރަށް އައުމާއެކު މައްސަލަތައް ފެންމަތިވާން ފެށިއެވެ. އަބަދު ރަށުން ބޭރުގައި އުޅޭތީއެވެ. އޭނާއަށް އެހީވާން ކައިރީގައި ނުހުންނާތީއެވެ. ރަށުން ބޭރަށް ދާއިރު އޭނާ ނުގެންދާތީއެވެ. ރަށުން ބޭރަށް ގޮސް އުފާކޮށް މަޖާކުރާ އިރު، އޭނާއަށް އެފަދަ ފުރުސަތު ހޯދައި ނުދޭތީއެވެ. އަހަރެންނާއެކު އޮފީހުގައި އުޅޭ މީހުންނަށް އަބަދު މާލޭގައި ތިބެވޭތީއެވެ. ތަންތަނަށް ދާއިރު އޭނާ ގެންދަން ބޭނުން ނުވާތީއެވެ. އޭނާ މުހިންމު ނުވާތީއެވެ.

ވަމުންދާ ކަމެއް ނުފެންނަކަމަށް ހަދައިގެން ހުރުމަކީ ހައްލެއް ނޫނެވެ. އެކަން ހުއްޓޭނެ ސަބަބެއް ވެސް ނޫނެވެ. އެކަމުގެ ސަބަބުން ނުކުމެދާނެ ނަތީޖާ އިތުރަށް ގޯސްވެދާނެ ކަމަކަށް އަހަރެން ނުވިސްނަމެވެ. އަހަރެން ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަން ކުރުމަކީ އެއްވެސް އިރެއްގައި ރިދާ ކޮށްއުޅުނު ކަމެއް ނޫނެވެ.

މެންދުރެއް ހާއިރެވެ. ބުރޭކަށް ގެއަށް ނުދެވިދާނެތީ ކައިރީ ހުރި ފިހާރައަށް ގޮސްލުމަށް ނުކުތީމެވެ. ކުއްލިއަކަށް ފޯނެއް އައެވެ. ބަލައިލިއިރު ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ފޯނަށް ޖަވާބު ދިނީމެވެ.

އިވުނު ހަބަރާއެކު ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. ދުނިޔޭގެ ދައުރުވުން ވެސް އަވަސްވިހެން ހީވިއެވެ. ހުއްޓުން އަރާފައި އެތައް އިރަކު ހުރެވުނެވެ. ވަރިއަށް އެދި ރިދާ ފޯމު ލުމުގެ ކުރިން އެފަދަ އެއްވެސް ވާހަކައެއް ނުދައްކައެވެ. ލިބުނު ހައިރާންކަމާއެކު ދެރަވެސް ވިއެވެ. ދެލޮލުން ކަރުނަ އޮހޮރިގަތީ އެއްވެސް އިހުތިޔާރަކާ ނުލައެވެ.

ދިރިއުޅުން ސަލާމަތްކުރުމަށްޓަކައި މިހާރުން މިހާރަށް މާލެ ދިއުން އަހަރެންނަށް މުހިންމުވިއެވެ. ވާހަކަދައްކައި މަޝްވަރާކޮށްގެން ރިދާ ހަމައަކަށް އެޅުވިދާނެކަމުގެ ޔަގީންކަން އަހަރެންނަށް އޮތެވެ. އަހަރެން ނޫން މީހަކަށް އެކަމެއް ނުވާނެއެވެ.

އެރޭ ފުރާ ލާންޗުން މާލެ ދިއުމަށް އަހަރެން ނިންމީ ފުލައިޓުން ޖާގަ ނުލިބުމުންނެވެ. ފުލައިޓުން ޖާގަ ލިބެންދެން މަޑުކުރެވޭކަށް ނެތެވެ. އެއަށްވުރެ ވަގުތާއި ހާލަތު މާ މުހިންމެވެ.

ގެއާއި ހަމައަށް ދެވުނުއިރު މެންދަމުން އަލިވެ ތިނެއް ޖަހައިފިއެވެ. ގޭ އެއްވެސް މީހަކަށް އެކަމެއް ނޭނގެއެވެ. ހުރިހާ ތަނެއްގެ ތަޅުދަނޑި އަހަރެންގެ އަތުގައި ހުރުމަކީ އަހަރެންގެ ނަސީބެވެ. އެއްވެސް މީހަކަށް އުނދަގޫ ނުކޮށް އަހަރެންގެ ކޮޓަރިއަށް އަހަރެންނަށް ދެވޭނެއެވެ.

ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ދެލޯ ބޮޑުވެގެން ދިޔައެވެ. ފެނުނު މަންޒަރު ގަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ. ރިދާ އޮތީ އެހެން ފިރިހެނަކާއެކު އަހަރެންގެ އެނދުގައެވެ. އިތުރަށް މީހަކު ދައްކާނެ ވާހަކައެއް، ބުނާނެ އެއްޗެއް ނެތެވެ. ހުރިހާ ކަމެއް ފެނުނީ އަހަރެންގެ ލޮލަށެވެ. ހިތާމައިގެ މައްޗަށް ރުޅިވެރިކަން ގަދަވެގަތެވެ. ހަޅޭލަވައިގަނެވުނީ އެއްވެސް އިހުތިޔާރަކާ ނުލައެވެ.

އަހަރެންގެ ބާރު ހަޅޭކުގެ އަޑާއެކު ހޭލެވުނީ ރިދާ އާއި އެތަނުގައި އޮތް ފިރިހެނާއަށް އެކަންޏެއް ނޫނެވެ. އެހެން ކޮޓަރިތަކުން ވެސް މީހުން ނުކުތެވެ.

ރިދާއާއެކު އެނދުގައި އޮތް މީހަކީ އަހަރެންނާ އެކުގައި އޮފީހުގައި އުޅޭ ނާހިދެވެ. އަހަރެންގެ އެންމެ ގާތް އެއް އެކުވެރިޔާއެވެ. އައްޑުއަށް އަހަރެން ފޮނުވަން އެންމެ ބޮޑަށް މަސައްކަތްކުރި މީހަކީ ވެސް އޭނާއެވެ. އެދުވަހު އެވަރުން އޭނާ އުޅުނީ ކީއްވެކަން އަހަރެންނަށް ވިސްނުނެވެ. އައިސްފައި ހުރި ރުޅީގެ ސަބަބުން ކިޔުނު އެއްޗެއް ވެސް ނޭނގުނެވެ.

"ކަލެއަކަށް ދުވަހަކު ވެސް ދަރިޔަކު ނުލިބޭނެ." ލަދުގެ ކަންފުޅެއް ވެސް ނެތެވެ. ކޮޓަރިން ނުކުމެގެން ދަމުން ނާހިދު ބުނެލި ޖުމުލަ އަހަރެންގެ ހިއްސުތައް ގަނޑުކޮށްލި ކަހަލައެވެ. ހަތަރެސްފައިން ވަރު ދޫވިއެވެ. އަރިއަޅާލިކަން އެނގުނެވެ. ނުވެއްޓި ސަލާމަތްވީ ދޮންތަބެ އައިސް ހިފެހެއްޓުމުންނެވެ.

ދަރިޔަކު ހޯދުމަށް އަހަރެންނަށް ކުރެވޭން ހުރި ހުރިހާކަމެއް ކުރީމެވެ. އެތައް ގައުމަކަށް، އެތައް ރަށަކަށް ގޮސް އެތައް ފަރުވާއެއް ހޯދީމެވެ. އެކަމަށްޓަކައި ކުރަން ޖެހުނު ކޮންމެކަމެއް ކުރީމެވެ. ހޯދޭން ހުރި ހުރިހާ ފަރުވާއެއް ހޯދީމެވެ. އުންމީދުގެ ހުޅުކޮޅު ދިއްލުނީ އެކަމުގައި އުޅެމުންދާތާ ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ.

ދެލޮލުން އޮހޮރިގަތް ކަރުނައާއެކު އެއްފަހަރާ އެތައް ކަމެއް ހަނދާނަށް އައެވެ. މާޒީ މަޑުމަޑުން ފެންނަން ފެށި ކަހަލައެވެ. ރިދާގެ ބަނޑުގައިވާ ދަރިފުޅާ މެދު ސުވާލު އުފެދުނެވެ.

މައިންބަފައިންނާއި އާއިލާގެ މީހުން ދިން ހިތްވަރާއި ނަސޭހަތުގެ ސަބަބުން އަހަރެން ހަމައަކަށް އެޅުނެވެ. ރިދާ ގެންގޮސް އޭނާގެ މަންމައާ ހަވާލުކުރީމެވެ. ވެގެން އުޅޭގޮތް ކިޔައިދެވޭން އޮތް އެންމެ ތަފުސީލުކޮށް ކިޔައިދިނީމެވެ. އެ ވާހަކަތައް ގަބޫލުކުރަން ފަސޭހަ ނޫނަސް އެމީހުންގެ ކުރިމަތީގައި ރިދާ އެއްބަސްވުމުން އެ ވާހަކަތައް ގަބޫލުކުރިއެވެ.

ރިދާ އާއި އަހަރެންގެ ގުޅުން ނިމުމަކަށް ގެންނަން ވެއްޖެކަމަށް އެދުވަހު އަހަރެންގެ ހިތް އެއްބަސްވިއެވެ. ރިދާއާ ބައްދަލުކުރާކަށް ނުދަމެވެ. ދިއުމުގެ ބޭނުމެއް ވެސް ނެތެވެ. ވަރިއަށް އެދި ކޯޓަށް ހުށަހެޅި މައްސަލަ ރިދާ އަނބުރައި ގެނައެވެ. އެކަމަށް ސަމާލުކަމެއް ނުދެމެވެ.

ވިހެއުމުގެ ހުރިހާކަމެއް ނިމުނީ އަހަރެންގެ އަނތްބެއްގެ ގޮތުގައި ރިދާ ހުއްޓައެވެ. ހުރިހާ ހަރަދެއް ކަހަލަ ގޮތަކަށް ކުރީ އަހަރެންނެވެ. ދެވެން އޮތް އެހީތެރިކަމަކާއި އެއްބާރުލުމެއް ވެސް ދިނީމެވެ.

އެންމެ ބޭނުންވި ކަންތައް ޔަގީންވާންދެން އަހަރެން ކެތްތެރިވެ ހަމަޖެހުނީމެވެ. ވިސްނުން އިސްކުރީމެވެ. ދަރިފުޅުގެ ޑީއެންއޭ ހެދިކަމެއް ރިދާއަކަށް ނޭނގޭނެއެވެ. އަންގަން ޖެހޭ ވަގުތު ޖެހުމުން އެކަން ވެސް ރިދާއަށް އަންގާނަމެވެ.

ހުރިހާކަމެއް ވެސް ދިޔައީ އަހަރެން ބޭނުންވި ގޮތަށެވެ. ވިހެއުމުގެ ހުރިހާކަމެއް ނިމި، ހޮސްޕިޓަލުން ދޫކޮށްލި ދުވަހު ރިދާމެން ގެއަށް ގޮސް އޭނާގެ މައިންބަފައިންގެ ހާޒިރުގައި ރިދާއާ ބައްދަލުކުރީމެވެ. ދަރިފުޅާ މެދު އަހަރެންގެ ހިތުގައި އުފެދެމުންދިޔަ ސުވާލުތައް ކުރީމެވެ. ފުރަތަމަކޮޅު ދެކޮޅު ހެދި ނަމަވެސް ފަހުން އެއްބަސްވިއެވެ. ޑީއެންއޭ ޓެސްޓުން ދެއްކި ގޮތަށް އެ ދަރިއަކީ އަހަރެންގެ ދަރިއެއް ނޫނެވެ.

އަހަރެންނާއި ރިދާއަށް ފިރިހެންކުއްޖަކު ލިބިއްޖެނަމަ އެ ދަރިފުޅަށް "އައިމަން" ކިޔުމަށް އެންމެ ބޭނުންވީ އަހަރެންނެވެ. އެ ނަން ރިދާއަށް ވެސް ކަމުދިޔައެވެ. ރިދާގެ ދަރިފުޅަށް "އައިމަން" ކީ އޭނާ ބޭނުންވެގެންނެވެ. އެކަމާ އަހަރެންނާ އެއްވެސް ގުޅުމެއް ނެތެވެ. އޭރު ރިދާއަކީ އަހަރެންގެ އަނތްބެއް ވެސް ނޫނެވެ.

(ނިމުނީ)